ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހަރާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރިޒާ އަވަހާރަވުމުން އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"މަރްހޫމްގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވަން. މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި" ރައީސްގެ ޓުވީޓުގައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގެ ހޮސްޕިޓަލެއްގައި ރޭގެ ވަގުތެއްގައެވެ. ރިޒާ ކެންސަރަށް ފަރުވާ ހޯއްދަވަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އޭނާ މެލޭޝިއާއަށް ވަޑައިގެންނެވީ މީގެ ދެ މަސް ކުރިންނެވެ.
ރިޒާއަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. އޭނާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައެވެ.
މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން ރިޒާ މަސައްކަތް ކުރައްވާފައިވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ރިޒާ ވަނީ ޕީޕީއެމްގެ ފަރާތުން ކޯޓުތަކުގައި ވަރަށް ގިނަ ފަހަރު ވަކާލާތު ކުރައްވައިފައެވެ.
އޭގެ އިތުރުން ރިޒާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު ޖޭއެސްސީގެ މެންބަރުކަމުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ ވަކިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު