މާލޭ ސަރަހައްދުން އުފައްދާ ކުނީގެ އަދަދު މަދުނުކޮށްފިނަމަ ކުނި މެނޭޖުކުރަން ދަތިވާނެކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝައުނާ ވިދާޅުވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފެށިގެން ތިލަފުށީގައި އަންދަމުން އައި ކުނި ފަރުބަދަތައް މިހާރު ނިއްވާލެވި މާލެއާއި މާލެ ކައިރި ރިސޯޓުތައް އެ ވިހަ ދުމުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

މިއަހަރުގެ ޖޫން މަހުން ފެށިގެން ތިލަފުއްޓަށް ގެންދާ ކުނީގެ ބަރުދަން ގަވާއިދުން ބަލަމުން އަންނަ ކަމަށާއި ދުވާލެއްގެ މައްޗަށް ތިލަފުއްޓަށް 800 އާއި 1،000 ޓަނުގެ ކުނި ގެންދާކަމަށް ޝައުނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މީ އަޅުގަނޑުމެން އެންމެން މިއަދު މިކަމާ ދޭތެރޭގަ ވިސްނާ އެކުއެކީ ހައްލުކުރަން ޖެހޭ މައްސަލައެއް. މާލެ، ވިލިމާލެ ހުޅުމާލެއިން އެކަނި މި މިންވަރަށް ކުނި އުފައްދަމުން ދަނީނަމަ އަޅުގަނޑުމެންނަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ބުރަ އަދި އަގުބޮޑު މަސައްކަތަކަށް ވެގެންދާނެ" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނި އުފެދޭ މިންވަރު ކޮންމެ ދުވަހަކު އިތުރުވުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

ވެމްކޯއިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެކަން ކުރިއަށް ގެންދިޔުމަށް ސަރުކާރުގެ ވޭސްޓް އެނާޖީ މަޝްރޫއުގެ ދަށުން ވެމްކޯއަށް ކޮންސަލްޓެންސީ ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅުތެރޭގެ 144 ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރު ގާއިމުކޮށް، ކުނި މެނޭޖްކުރުމާ ގުޅޭ އިތުރު 88 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.