ވާހަކަ

ދީވާނާ ހިތް - 29

2

މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ފޫނެއް ފަޔަށް ފެންފުރަން އާދެވުމުން މަންޝާ ހުރީ އަމިއްލަ ނަފުސުދެކެ ހިތްހަމަނުޖެހިފައެވެ.

"ދޯ. ހިތަށްއަރާ ދޯ. ކޮންގަޑިތަކެއްގަ އެންމެ ބޮޑަށް ހިތަށް އަރަނީ" ނަޒާން ބުންޏެވެ.

"ނާރާ. އައި ހޭޓް ޔޫ... ތި އިންސަނާ އާ ވާހަކަދެއްކުމަކީ ބޭކާރުކަމެއްކަން މިހާރު އެނގިއްޖެ"

"އޯވް... މަން... އައި ލަވް ޔޫ" ނަޒާން ބުންޏެވެ.

********

ޝައިތާނާ ބޮލަށް ސަވާރުވެފައި އިންވަރުން ޒަރޫކަށް އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވުނެވެ. ދަތުރު ނިމި ފުރުމަށް ހުރިހާ މީހުން ގޮސްފައި ވަނިކޮށް އޭނާ ނާޔާ ހިފެހެއްޓިއެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ނާޔާ ޓެންޓަށް ވެއްދިއެވެ. އެވަގުތަކީ ނަވާލާއި ތިއާ ވެސް ފޮޓޯނަގަން ކަމަށް ބުނެ ތަންކޮޅެއް ދުރަށް ދިޔަ ވަގުތެވެ. ނާޔާ ނެތްކަން އެނގުނަސް ނަޒާނާއި ދިލްޝާދު ބޮޑު ކަމަކަށް ނުހެދީ އެތަނުގައި އިތުރު ތިން މީހަކު މަދުވުމުންނެވެ. ނާޔާ ވާނީ އެތިން މީހުންނާ އެކުގައިކަން ދިލްޝާދާއި ނަޒާނަށް ހީވިއެވެ.

"ނުދޭބަލަ އަދި. ކުޑަވަގުތުކޮޅެއް" ޒަރޫކް ބުންޏެވެ. އޭނާގެ ދެއަތުގެ ތެރޭގައި ނާޔާ ހިފަހައްޓާފައި ހުރިވަރުން ނާޔާ ހުރީ ހަށގަނޑު ގުޑުވާވެސް ނުލެވިފައެވެ.

"ނޫން. މިއީ ރައްކާތެރިތަނެއް ނޫން. އަހަރެންނަށް މިހާރު ހީވާން ފަށައިފި ޒަރޫކް ބޭނުންވަނީ އެހެން ކަމެކޭ" ނާޔާ ބުންޏެވެ.

ނާޔާގެ އެ ޖުމްލައާއެކު ޒަރޫކަށް ޖެހުނީ ނާޔާ ދޫކޮށްލާށެވެ. އޭނާއަށް ކުރެވޭ ކަމަކުން މަގުސަދު ހާސިލުނުވަނީސް ނާޔާ ދޫވެދާނެތީ ކަންބޮޑުވިއެވެ.

"އެކަކު އަނެކަކުދެކެ ލޯބިވާ ދެ މީހުންގެ މެދުގައި ސެކްސް ގުޅުމެއް އޮތުމަކީ މައްސަލައެއް ނޫން. އަހަރެމެން ނޫނަސް އެހެން މީހުންވެސް އުޅޭނީ މިހެންނޭ. އެއީ ލޯބީގައި ކޮންމެހެންވެސް އޮންނަން ޖެހޭ ބައެއް. އެބައި ރަނގަޅުވިއްޔާ އަހަރެމެންގެ މި ގުޅުން ވަރަށް ސްޓްރޯންގް ވާނެ. އެކަމަކު އަދިވެސް ނާޔާ އަހަރެން މިއަށް ވުރެ ގާތަށް ނުގެންދަމެއްނު. އަހަރެން މި މޮޔަވަނީ ތި ލޯބި ކުއްޖާ ނޭކެޑްކޮށް ހުއްޓަ ދެކިލާހިތުން. ޕްލީޒް... އަހަރެން ދުރުނުކޮށްބަލަ މިހާ ގާތަށް އައިމަ. އަހަރެން ހާދަ ލޯބިވެޔޭ. ނާޔާ ސްކޫލު ނިމުމާއެކު މެރީކުރާނަން"

ނާޔާ ލައިގެން ހުރި ޓޮޕްކޮޅު ރީތިކޮށްލިއެވެ. މަތިން ނައްޓާފައި ހުރި ގޮށްތައް އެޅުވިއެވެ. އިސްތަށިގަނޑު ރީތިކޮށްލިއެވެ.

"އަހަރެންވެސް ބޭނުން ޒަރޫކާއެކު ވަރަށް ލޯބިން އުޅެން. އެކަމަކު މީކީ ކޮންތަނެއް ދެ މީހުން ލޯބިން އުޅެން. މާލެ ގޮސްފައެއްނު. އައި ޕްރޮމިސް. ޒަރޫކް ބުނާ ތަނަކަށް އަހަރެން ދާނަން. އެކަމަކު ސްކޫލު ގަޑިއެއްގަ ނުދެވޭނެ އިނގޭ"

ނާޔާގެ ގައިގައި ޒަރޫކް ބައްދާލި އިރު އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ.

********

ނާޔާގެ ބޯކާލެވުމުން ޒަރޫކް ހުރީ ހަމަޖެހިފައެވެ. އެކަން އޭނާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުމުން އެނގެއެވެ. ދޯނި އަންނަންދެން ހުރިހާ މީހުން މަޑުކޮށްގެން ތިއްބެވެ. ބޯކެޔޮ ގަސްތައް ކައިރީގައި ހުރި ޒަރޫކްގެ ދެލޯ ވަށައިގެން ހޯދާލިއެވެ. ފޯނެއްގައި އެންމެންނާ ދުރުގައި ހުރި ތިއާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ތިއާ ލައިގެން ހުރި ރަތާއި ހުދުކުލައިގެ އަތްދިގު ގަމީހާއި ތިރިން ލައިގެން ހުރި ކަޅު ކުލައިގެ ސްކިނީ އިން ފެށިގެން މޫނާ ތުންފަތަށް ޒަރޫކް ބެލިއެވެ. އެއީ އެކުއްޖަކަށްޓަކައި އޭނާ މޮޔަވި އަންހެންކުއްޖާއެވެ. ތިއާގެ ފަރާތުންވެސް އޭނާ ހާސިލުކުރަން ބޭނުންވި ކަންކަން ހުއްޓެވެ. އެކަންކަމަށް ތިއާ ދިނީ ފުރަގަހެވެ. ޒަރޫކްގެ މަގުސަދަކީ އޭނާ ހޯދަން ބޭނުންވާ ހުރިހާ އުފަލެއް ތިއާ ގެ ފަރާތުން ހޯދުމެވެ. ކުރީން މަސައްކަތް ކުރީ އޭނާގެ އަތުގެ މުލައްދަނޑީގެ ބާރުން އުފާ ހޯދާށެވެ. އެހެންނަމަވެސް މިފަހަރު އޭނާ ކައިރިއަށް ތިއާ އަންނަން ޖެހޭނީ ރުހުމުގައެވެ. ތިއާގެ ރުހުމުގައި އެކަން ކުރާނެ ގޮތެއް ހޯދުމަށް އޭނާ އެދަނީ ދަނޑުކޮށައި މަގު ސާފުކުރަމުންނެވެ. އޭނާ ތިއާ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. އޭގެކުރިން އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ނަޒާނާއި ނަވާލް ވާހަކައެއްދައްކަން ޝައުގުވެރިވެފައި ތިއްބެވެ. ރުއްގުޅިއެއްގެ މަތީގައި ބޮޑެތި މީހުން ތިއްބެވެ. އަންހެނުންތައްވެސް އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ތިއްބެވެ. ހަމަޖެހިލާފައި ޒަރޫކް ގޮސް ހުއްޓުނީ އޭނާއަށް ފުރަގަހަށް ހުރި ތިއާގެ ފަހަތުގައެވެ. މީހެއްގެ ހިލަންވެގެން ތިއާ ބަލައިލިއެވެ. ޒަރޫކް ފެނުމާއެކު ސިހިފައި ދުރަށް ޖެހުނެވެ.

"ކަލޭ އަނދިރިތަ؟" ހިތްހަމަނުޖެހިފައި ތިއާ ބުންޏެވެ.

"ވާހަކައެއް ބުނަންވެގެން" ޒަރޫކް ބުންޏެވެ.

ޒަރޫކާ ވާހަކަދައްކަން މަޑުކޮށްގެން ހުންނަން ބޭނުންނުވާތީ މަންޝާ އާއި ޔަލާ މަޑުކޮށްގެން ހުރި ދިމާލަށް ދާން ތިއާ ހިނގައިގަތެވެ.

"މާލެ ގޮސް އަހަރެންނާ ބައްދަލުކުރައްޗެ. އެއްޗެއް ދައްކާނަން" ޒަރޫކް ބުންޏެވެ.

ތިއާ މަޑުޖެހިލިއެވެ. ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް ދައްކަންޖެހޭ އެއްޗެއް ޒަރޫކްގެ އަތުގައި އޮންނާނެ ހެއްޔެވެ؟

"ނުބެލިޔަސް މައްސަލައެއް ނެތް. އެކަމަކު ހަނދާންކުރައްޗެ. އެއީ ތި އާއިލާގެ މުޅި އަބުރާއި އިއްޒަތާ ގުޅިފައިވާ ކަމެއް"

ތިއާ އަޅައެއް ނުލިއެވެ. ސަމާލުކަން ހޯދުމަށް ޒަރޫކް ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަން އޭނާއަށް އެނގެއެވެ. ޒަރޫކަށް ޖަވާބު ދިނުމެއް ނެތި އަޅައިނުލާ ދިޔައީ އެހެންވެއެވެ.

*******

ކައިގެން ގެއަށް ވަންގޮތަށް އެމީހަކު އެމީހެއްގެ ކޮޓަރިއަށް ވަދެއްޖެއެވެ. ޒަރޫކް ފިޔަވައެވެ. އޭނާ މަޑުކޮށްލައިގެން އިނީ ސޯފާގައެވެ. ނިދަން ވަންނަ ހިޔާލެއް އޭނާގެ ނެތެވެ. ހީވާގޮތުން ވަރުބައްޔެއް އޭނާ ނުވެއެވެ. ގޭތެރެ ހިމޭންވުމާއެކު އޭނާ ނެގީ ޖީބުގައި އޮތް ފޯނެވެ. އޭނާ ރައްކާކޮށްފައިވާ އެއްޗެއް އަޅުވައިގެން އޭނާ އިނީ އެއަށް ބަލާށެވެ. އިރުކޮޅަކާ ތުންފަތަށް ހިނިތުންވުމެއް ވެރިވެލައެވެ. އެހެން އިނދެފައި ކޮޓަރި އާ ދިމާލަށް އޭނާ ހިނގައިގަތީ ވިއްސަކަށް މިނެޓް ފަހުންނެވެ.

ޖެހިގެން އަންނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ފުރުން ހަމަޖެހިފައިވުމާއެކު ތިއާ އުޅުނީ ފޮއްޓަށް އެއްޗެހި އެޅުމުގައެވެ. އެނދުގައި ޖެހުމާއެކު ނަވާލަށް ނިދައިފިއެވެ. އެނދުމަތީގައި ފަތްޖަހާފައި ހުރި އެއްޗެހި ހިފައިގެން އޭނާ ހިނގައިގަތީ ނަޒާންގެ ކޮޓަރިއަށެވެ. އެއީ އޭނާ ދޮވެފައި އިސްތިރި ކުރި ނަޒާންގެ އަންނައުނެވެ. ހުރިހާ ކަމެއް ނިންމާފައި އޭނާ އެނދަށް އެރި އިރު ގަޑިން ބާރަޖަހައި ބޮޑުވެއްޖެއެވެ. އަނެއްފަރާތަށް އެނބުރި އޮތް ނަވާލްގެ ގައިގައި ފަހަތުން އޭނާ ބައްދާލިއެވެ. ނަވާލްގެ ބުރަކަށީގައި ބޮސްދިނެވެ. ދެން ގުޑްނައިޓް ކިޔާލާފައި އޭނާ ނިދަން ތައްޔާރުވެލިއެވެ. އެވަގުތު ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ. އަރާފައި އޮތީ ސޭވްނުކުރާ ނަންބަރެކެވެ. ދެ ވިސްނުމެއްގައި ނަންބަރަށް ބަލަހައްޓައިގެން އިނދެފައި ހީލިއެވެ.

"ޔޫހާ..." ތިއާ އެ ނަން ކިޔާލިއެވެ. ޔޫހާ އަކީ އޭނާގެ އެކުވެރި ޑޮކްޓަރެކެވެ. ދަން ގަޑިއަކަށް ވިޔަސް އޭނާ ފޯނުނަގާފައި ކަންފަތުގައި ޖެހިއެވެ.

"މިނޫނީ ގަޑިއެއް މަންޖެއަށް ނުފެނުނީތަ ގުޅަން" ތިއާ ބުންޏެވެ.

ޒަރޫކްގެ އަޑު އިވުމާއެކު ތިއާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހައިރާންކަމާއެކު އޭނާ ފޯނަށް ބަލައިލިއެވެ. އެއީ ޔޫހާގެ ނަންބަރު ނޫންކަން އޭނާއަށް އެނގުނީ ދެނެވެ. ބަދަލުވެފައި އިނީ އެންމެ ނަންބަރެކެވެ. އައި ރުޅިމަތީގައި ތިއާގެ ދަތްޕިއަލަށް ބާރުވެގެން ދިޔައެވެ.

"ކަލޭގެ ތި ހިތްވަރު... މިދެން ކިހާބޮޑު މުސީބާތެއް" ތިއާ ބުންޏެވެ. ފޯނު ކަނޑާލިގޮތަށް އަދި ނިންމާލީކީ ނޫނެވެ. އެ ނަންބަރު ބްލޮކް ކުރިއެވެ. އިތުރަށް އެންމެ ފަހަރަކު ޒަރޫކްގެ ފޯނެއް އަޔަސް އޭނާ ނަންބަރު ބަދަލުކުރަންވެސް ނިންމިއެވެ.

********

ނަޒާނަށް މަންޝާ ފެނުނީ ފުރަންވެގެން އެއާޕޯޓަށް ދިޔަ ފަހުންނެވެ. މިހުރިހާ އިރު މަންޝާ އުޅުނީ ނަޒާނަށް ފިލައިގެންނެވެ. މިހާދާއި ދިލްޝާދު ދެމެދުގައި އިން މަންޝާ ފެނުމުން ނަޒާނަށް ހެވުނެވެ. މަންޝާ އޭނާ އާ ދުރުން އުޅޭތީ އޭނާއަށް މަޖާވިއެވެ. ވަކިން ހުރި ގޮނޑިއެއްގައި އިނދެފައި އޭނާ މަންޝާއަށް ބަލައިލިއެވެ. އެވަގުތު އެއީ މަންޝާވެސް ނަޒާނަށް ބަލައިލި ވަގުތެވެ. ނަޒާން އަތްއުފުލާލުމާއެކު ނުފެން ކަމަށް ހެދިއެވެ. ނޭނގޭ ކަމަށް ހަދާފައި އަރައިގެން އިން ސްނީކާސްގެ ނާޑުވާ އަޅުވަން ކަމަށް މަންޝާ ހެދުނެވެ. މަންޝާގެ އެ ހުރިހާ ހަރަކާތަކީ މުޅިންވެސް ބަނަހާކަން ނަޒާނަށް އެނގުނެވެ.

"އާދެބަލަ. ވާހަކައެއް ބުނަންވެގެން" މަންޝާގެ ފޯނަށް ނަޒާން މެސެޖެއްކޮށްލިއެވެ. މަންޝާ ފޯނަށް ބަލައިލިއެވެ. އޭނާ މެސެޖު ކިޔާލާފައި ނަޒާނަށް ބަލައިލިއެވެ. ޖަވާބު ލިޔުމުގެ ބަދަލުގައި ނަޒާން ބަލައިލުމާއެކު މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"ނާންނަމޭތަ ތިބުނީ؟" ނަޒާން އެހިއެވެ.

"މަޑުން އިނދެބަލަ. ކިހިނެއްވެގެންތަ ތިއުޅެނީ. މެސެޖު ނުކޮށްބަލަ. އުނދަގޫވެޔޭ" މަންޝާ މެސެޖަށް ޖަވާބުދިނެވެ.

"ތެދެއްތަ ތިބުނީ. އުނދަގޫވޭތަ. އެކަމަކު ހިއެއްނުވޭ. ބްލޮކް ކުރަންވީނުން. އެކަމަކު ބުނަންތަ! ތި ހިތާ ކައިރިއަށް އަހަރެންނަށް ނުދެވޭނެ ހަމަ އެއްގޮތެއްވެސް ނުހެދޭނެ. ނިކަން އަހަރެންގެ މިބަހަށް ގޮންޖަހާބަލަ" ނަޒާން ބުންޏެވެ.

"އޯވް... އަހަރެން ހަނދާން ނެތުނީ... ހިތުން މިއީ ރޯމިއޯ އެކޯ" މަންޝާ ހިތާހިތުން ކިޔާލިއެވެ.

"ނައިމެއްނު. އަހަރެން މިދަނީ މަން ބަލާ" ނަޒާން ފަހު މެސެޖްކޮށްލިއެވެ.

ނަޒާން އެބަދަމޭ ބުންޏަސް މަންޝާ ކަންބޮޑެއް ނުވިއެވެ. މައިންބަފައިން ކުރިމައްޗަށް އައިސް އެއްވެސް އެއްޗެއް ބުނަން ނަޒާނަށް ނުކެރޭނެކަން އޭނާއަށް އެނގެއެވެ. ބޮޑުކަމަކަށް ނުހެދީ އެހެންވެއެވެ. ނަޒާން އައިސް އެއްޗެއް ބުނަން ކެރޭނީ އޭނާ އެކަނި އިންނަ ގަޑިއެއްގަކަން ޔަގީނެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން ތަޅުވާލަ ތަޅުވާލަ މަންޝާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އެހެން އިންދައި އޭނާ ސިހުނީ ނަޒާން ގޮވާލި އަޑަށެވެ. އިނދެވުނު ތަންވެސް މަންޝާއަށް ނޭނގުނެވެ. އަތުން ފޯނު ދޫނުވީ ހަމަ ކިރިޔާއެވެ. ނަޒާން ކުރިމަތިން ފެނުމުން އޭނާ ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. އަވަސް ނަޒަރެއް ކައިރީގައި އިން ދިލްޝާދުގެ މޫނަށް ދިނެވެ.

"މިހާދުބެ ކިހިނެއްތަ؟ މިތިބަ މީހުންގެ ސަކަރާތާ ހުރެ މިދަތުރުގަ ވާހަކަވެސް ދައްކާނުލެވޭދޯ" ނަޒާން ބުންޏެވެ.

އިސާހިތަކު ނަޒާނާއި މިހާދުގެ ވާހަކަތައް ފެށިއްޖެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެންނެވެ. ފުލުހުންގެ ތެރޭގައި ގިނަވެފައިވާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެންނެވެ. ފަހުން ދައްކަން ފެށީ ކުށްވެރިންގެ ވާހަކައެވެ. ހިތުގައި މަގުސަދެއް އޮތީތީ މިހާދަށް ނަޒާން ފުރުސަތު ދީގެން އިނެވެ.

"މަން.... ހިނގާބަލަ މަށާއެކު" ނަޒާން ބުންޏެވެ.

ހަމަޖެހިގެން އިނދެ ލަމުންދިޔަ ނޭވާ ކުއްލިއަކަށް އޮޅުންބޮޅުންވެގެން ދިޔަހެން މަންޝާއަށް ހީވިއެވެ. ނަޒާން ބޭނުންވި ހިސާބަކަށް ދިޔުމަށް އެކުޅުނު ކުޅިވަރެއްތާއެވެ. މަންޝާއަށް ދޭނެ ޖަވާބެއް ނޭނގިފައި ނަޒާނަށް ބަލަހައްޓައިގެން އިނެވެ.

"ބޭބެމެންނަށް އެންމެ ރަނގަޅުތަ އަޅުގަނޑު މަންޝާ ގޮވައިގެން މިތާ އިން ކެފޭއަށް ވަދެލާފަ އަޔަސް" ނަޒާން ބުންޏެވެ. މަންޝާގެ ދެއަތްތިލަ މުށްކެވުނެވެ. ކެފޭއަކަށްދާ ވާހަކަ ބުނުމުން އޭނާ ލަދުވެސްގަތެވެ.

"ދޭބަލަ ދަރިފުޅު" ދިލްޝާދު ބުންޏެވެ.

މަންޝާ މަޑުމަޑުން ތެދުވިއެވެ. ނަޒާނާއެކު ލަސްލަހުން ހިނގައިގަތެވެ. މައިންބަފައިންގެ މޫނަށް ބަލައިލަންވެސް ނުކެރުނެވެ. ނަޒާންދެކެ ހިތްހަމަވެސް ނުޖެހުނެވެ.

"ދޮންބެމެން ކޮންތާކަށް" ނާޔާ އެހިއެވެ.

"މަންއަށް އެއްޗެއް ދޭންޖެހިފަ އޮތީމަ ކެފޭއަށް. ނާއްކޮ ދާނަންތަ؟" ނަޒާން އެހިއެވެ.

ނާޔާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާއަށް މައިލޯ ދަޅެއް ގެނެސްދިނުމަށް އެދުނެވެ.

"ނުވަންނާނަން ތިތަނަކަށް" ކެފޭ އާ އަރައި ހަމަވުމުން މަންޝާ ބުންޏެވެ.

"އޯކޭ. މަން ބޭނުންގޮތެއް" ނަޒާން ބުންޏެވެ.

ދެކުދިން ބަހެއް ނުކިޔައި އިރުކޮޅަކު ތިއްބެވެ. ފަހަތަށް އެނބުރި މަންޝާ ބަލައިލިއެވެ. ދަންނަ މީހަކު ފެންނަން ނެތެވެ. ދެން ހިތްހަމަނުޖެހިފައި ބަލައިލީ ނަޒާނަށެވެ. ހީލަމުން ނަޒާން ދެކޮނޑު އަރުވާލިއެވެ.

"އަހަރެން އާދޭސް މިކުރީ. ތިކަން ހުއްޓާލާނީ ކޮންއިރަކުން؟ މަންމަމެން ހީކުރާނީ ކީކޭ؟ ނަޒާން ތިހެން އުޅޭތީ އަހަރެން ބޯފަޅައިގެންދާވަރުވޭ" މަންޝާ ވާހަކަދެއްކިއެވެ.

"އެއީ އެހާވަރުގެ ކަމެއްތަ. ބުނެބަލަ އެމީހުން ކައިރީ އަހަރެން މިހެން އުޅެނީ ކީއްވެގެންކަން. އެހެންނޫނަސް އަހަރެން ބުނީމެއްނު ވާހަކައެއް ބުނަން އައިސްބަލާށޭ. އަހަރެން ކުއްވެރި ނުކުރޭ. މަން އަހަރެން ގެނައީ"

"އަހަރެން މިދަނީ" މަންޝާ ބުންޏެވެ.

"މަޑުކޮށްބަލަ. އަހަރެން ދުރުގައި ހުރެފާނަން. އެއްވެސް ވަރަކަށް ނުގުޅާނަން މެސެޖެއްވެސް ނުކުރާނަން. ހަމަ ކުޑަކުޑަ ކަމެއް ކޮށްދެންވީ" ނަޒާން ބުންޏެވެ.

"ބުނޭ. އަހަރެންވެސް ބޭނުން ތިކަމެއް ކޮށްފަ ތި ފިރިހެނާގެ ބުއްދިއަށް ރެސްޓެއްދޭން" މަންޝާ ބުންޏެވެ.

"އެހެންވިއްޔާ. އަހަރެންގެ މިއަތުގައި ހިފާލައިގެން ހިނގާ ދާން. އެމީހުން ތިބި ހިސާބަށް. ހުންނަން ޖެހޭނީ ހީލައިގެން. މާބޮޑުކަމެއް ނޫނެއްނު" ނަޒާން ބުންޏެވެ.

"ނޫޅެން ދާކަށް. ވަރަށް ފޫހިވޭ" މަންޝާ ހިނގައިގަތެވެ. ނަޒާން މަންޝާ ފަހަތުން ހިނގައިގަތް އިރު ހުރީ ހިނިއައިސްފައެވެ. އެވަރުގެ ކަމެއްގެ ވާހަކަ އޭނާ ބުނީ ހަމަ ގަސްތުގައެވެ. އެގޮތަށް މަންޝާ ކަންތައް ނުކުރާނެކަން އެނގި ހުރެއެވެ.

*********

ހަފުތާއަކަށް ވުރެ ގިނަ ދުވަހަށްފަހު ހަތަރު ދަރީން ފެނުމާއެކު މާޝިތާ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ދެ ފިރިހެން ދަރީންނަށް ވުރެ ކުރީން އޭނާގެ އަތުތެރެއަށް ގެނައީ ދެ އަންހެން ދަރީންނެވެ. ވަކިން ހާއްސަކޮށް ނާޔާއެވެ. އޭނާ އެންމެ ބޮޑަށް ހަނދާންވީވެސް ހަގުދަރި މަތީންނެވެ.

"މަންމަ ރަނގަޅުތަ؟" ތިއާ އެހިއެވެ.

"ރަނގަޅު. ކާއެއްޗެއް ކެއިންތަ؟ މަންމަ ހުންނާނެ އެއްޗެއް ހަދާފަ" މާޝިތާ ބުންޏެވެ. އޭރު ނަޒާނާއި ނަވާލް ހުރިހާ ކުދީންގެ ފޮށިތައް ހިފައިގެން މައްޗަށް އަރައިފިއެވެ. ދެބެން ތިރިއަށް ފޭބި އިރު ތިއާ އާއި ނާޔާ ގޮވައިގެން މާޝިތާ ކާމޭޒު ކައިރިއަށް ގޮސްފިއެވެ.

"ތިކުދީން ނެތީމަ މިގޭ ރޫހު ގެއްލިފަހެން ހީވީ. އަލްހަމްދުލިއްލާހް... މަގޭ ދަރީންނަށް ގެއަށް ސަލާމަތުން އާދެވިއްޖެ" މާޝިތާ ބުންޏެވެ. އޭނާ ހަދާފައި ހުރި ކުޅިމަހާ ރޮއްޓާ މޭޒުމައްޗަށް ނަގާފައި ސައި ހެދިއެވެ.

"އަޅުގަނޑުމެންވެސް އެބަތިބީން މަންމާ" ނަޒާން ބުންޏެވެ.

މާޝިތާ ހީލިއެވެ. ދެ ފިރިހެން ދަރީންނާ ގާތްވެލުމަށްފަހު ބުރަކަށީގައި ފިރުމާލިއެވެ.

"ކޮބާ ބައްޕަ؟" ނަވާލް އެހިއެވެ.

"ބާޒާރަށް ދިޔައީ. ތަރުކާރީކޮޅެއް ގަންނަން" މާޝިތާ ބުންޏެވެ.

ސައިބޯން ތިބެގެން އީދުގައި ކުރި ކަންކަމާ ބެހޭގޮތުން މާޝިތާ ސުވާލު ކުރިއެވެ. އެންމެ ބޮޑަށް އަނގަތެޅީ ނާޔާއެވެ. ގެއަށް އާދެވުމާއެކު އޭނާގެ އަނގަ ހުޅުވިއްޖެއެވެ. އެހެންނަމަވެސް އޭނާއަށް ކުށްވެރި އިހުސާސްތަކެއް ކުރުވިއެވެ. ކުރަންނުވާ އަލަތު ފިރިއަކަށް ނޫނީ ދައްކަން ނުޖެހޭ ވަރުގެ ތަންތަން އޭނާއަށް ޒަރޫކަށް ދެއްކިއްޖެއެވެ. އޭނާ އަމިއްލަ ނަފުސަށްވެސް ލަދުގަތެވެ. އޭނާގެ ޅަކަމާއި ކުޑަކަމުގެ ނާޖައިޒު ފައިދާ ޒަރޫކް ނަގާލަން އުޅޭހެން ހީވި ވަގުތެއް ދިޔައެވެ. ޝަކުވާކޮށްލާ ކޮންމެ ފަހަރަކު މޮޅު ވާހަކައެއް ދައްކައިގެން ޒަރޫކް އޭނާގެ ވިސްނުން ބަދަލުކޮށްލައެވެ.

"މަންމަ ހާދަ ހިތް ނުތަވަސްވެފައޭ މިހުންނަނީ. މަންމައަށް ހުވަފެނެއް ފެނުނިއްޔާ އެ ހުވަފެނެއް ހަގީގަތަކަށްވޭ. ދަރިފުޅާ ނާޔާ. ދަރިފުޅާ މެދު މަންމަ ވަރަށް ކަންބޮޑުވޭ. ދަރިފުޅު ނުބައި މަގެއް ހިޔާރުނުކުރައްޗޭ. މަންމަ މޮޔަވެދާނެ"

"އެއްކަލަ މަންމަ" ކައިރީގައި އިން ނަޒާން މާޝިތާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ލޯބިން ފިރުމާލިއެވެ. އެއްޗެއް ބުނަން ނޭނގިފައި އިނީ ނާޔާއެވެ. އޭނާއަށް ނުބައި ކަމެއް ކުރެވިއްޖެއެވެ. އަދި މިހާރު އޭނާ އެވަނީ އޭނާގެ މުޅި އިތްފަތްތެރިކަން ޒަރޫކަށް ހަދިޔާކުރުމަށް އަތާއަތްޖަހައި ވައުދުވެފައެވެ. އޭނާ ފުރަގަސްދީފިނަމަ ޒަރޫކްގެ ހިތް ހަލާކުވެދާނެއެވެ. އަނެއްކޮޅުން ކައިވެނިން ބޭރުން ކުރިޔަސް މީހަކަށް އެނގޭނީ ފަޅާއެރިއްޔާއެވެ. އެންމެ ފަހަރަކު ދީފަ ދެން ނުދޭނީއެވެ. އެވަގުތުވެސް ނާޔާގެ ސިކުނޑީގައި ރާވާލިއެވެ.

"ނާއްކޮ. ސައިބޮއެ ނިމިގެން ހިނގާބަލަ މައްޗަށް ތިއްތަ އާއެކު"

ދައްކަން އުޅުނު ވާހަކަތައް މަތިން ތިއާ ހަނދާންވީ މާޝިތާ އެވާހަކަ ދެއްކުމުންނެވެ. ވާހައެއް ދައްކަން ރޭގައި އޭނާއަށް ވަގުތު ނުވެސްވިއެވެ.

(ނުނިމޭ)