ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގާނޫނީ ވަކީލުކަމުގެ އިމްތިހާނު، ބާ އިމްތިހާނުން ފާސްވި 73 ވަކީލަކު ހުވާކޮށްފިއެވެ.
ވަކީލުކަމުގެ ހުއްދަ ދޫކުރުމަށާއި ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ފާހަގަކުރުމުގެ ގޮތުން ބާ ކައުންސިލުން ވަނީ ރޭ ދަރުބާރުގޭގައި ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގެ ޝަރަފުވެރިކޮށްދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއެވެ. އެ ހަފުލާގައި ބާ ކައުންސިލްގެ މެމްބަރުންނާއި މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާއިން ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ބާ ކައުންސިލްގެ ޑިވެލޮޕްމެންޓް ޕާޓްނަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބާ ކައުންސިލުން ބުނީ ރޭ ބޭއްވި ހަފުލާގައި 73 ވަކީލަކު ހުވާ ކުރި ކަމަށެވެ. ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދުއެވެ. ރޭގެ ހަފުލާގައި ވަނީ 2020 ވަނަ އަހަރު ސްޕެޝަލް ލައިސަންސިން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވުނު ފަރާތްތަކުގެ ދާއިމީ ހުއްދަވެސް ދޫކޮށްފައެވެ.
އެ ހަފުލާގައި ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ފާހަގަކުރުމުގެ ގޮތުން ވަނީ ހަތަރު ކެޓަގަރީއަކުން ހާއްސަ އެވޯޑުތަކެއްވެސް ދީފައެވެ.
އެގޮތުން ބާ އިމްތިހާނުގެ އެންމެ މަތިން ފާސްވި ފަރާތްތަކަށް ޓޮޕް އެޗީވާސް އެވޯޑް، ބާ އިމްތިހާނުން އެއްވަނަ ހާސިލުކުރި ފަރާތްތަކަށް އެކްސެލެންސް އެވޯޑް، ބާ އިމްތިހާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އަމިއްލަ ފަރާތްތަކަށާއި ޖަމިއްޔާތަކަށް ސާވިސް އެޕްރިޝިއޭޝަން އެވޯޑު އަދި ބާ އިމްތިހާނަށް އެންމެ ގިނަ ގޮތްގޮތުން އެހީތެރިކަމާއި ހިދުމަތް ފޯރުކޮށްދިން ފަރާތްތަކަށް އެކްސްޓްރާއޯޑިނަރީ ސާވިސް އެވޯޑް ވަނީ ދީފައެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ގާނޫނީ ވަކީލު ކަމަކީ ބުރަ އަދި ބޮޑު ޒިންމާއެއް ކަމަށެވެ. އެ މަނިކުފާނު ވަނީ ވަކީލުން އެ މީހުންގެ ސްލޫކު ހިފެހެއްޓުމަށާއި ވަކާލާތު ކުރާ އިރު، ވިސްނުން ބަހައްޓަންވީ ކަންކަން ފާހަގަ ކުރައްވައިފައެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ވިދާޅުވީ، އެފަދަ ހަފުލާއެއް ބޭއްވިގެން ދިޔުމަކީ ރާއްޖޭގެ ގާނޫނީ ތާރީހުގައި ހިމެނިގެންދާނެ ކަމެއް ކަމަށާއި އެއީ ގާނޫނީ ފަންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު