ރާއްޖޭގެ ސްޕާތައް ހިންގައި ބަލަހެއްޓުމާއި އިޝްތިހާރުކުރާނެ ގޮތް ކަނޑައަޅައި ގަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.

މިކަމަށްޓަކައި ފުރަތަމަ ފަހަރަށް އެކުލަވައިލި މި ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު ގެޒެޓްކޮށްފައެވެ.

އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ވިޔަފާރިކުރާ ނަމަ، ހަރުކަށި ފިޔަވަޅުތައް އެޅޭނެކަމަށް ގަވާއިދުގައިވެއެވެ. ސްޕާގެ އެ ގަވާއިދަށް އަމަލު ކުރުމުގެ ގޮތުން، މިހާރު ހިންގާ ސްޕާގެ ވިޔަފާރިތައް އަލުން ރަޖިސްޓްރީ ކުރަން ވެސް ވަނީ އަންގައިފައެވެ. އެކަމަށްޓަކައި 90 ދުވަހުގެ ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މަސާޖުކޮށްދޭ ތަންތަނުގައި ހަށިވިއްކުމާއި ބަދުއަހުލާގީ އަމަލު ހިންގުމާއި އެކަން އިސްތިހާރުކުރުން ކަންބޮޑުވާ ވަރަށް އިތުރުވުމާ ގުޅިގެން އެކި ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް އާންމުކުރި މި ގަވާއިދުގައި ސްޕާ ހިންގާ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އެ ތަންތަނުގައި ދެވޭނެ ހިދުމަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

އެ ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ސްޕާ ހިދުމަތަކާ ބެހޭ މައުލޫމާތު ނުވަތަ އެ ހިދުމަތެއްގެ ވީޑިއޯ ނުވަތަ ފޮޓޯ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިންގަނޑުތަކާ ހިލާފަށް އިސްތިހާރުމަކީ މަނާ ކަމެއް ކަމަށެވެ.

މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމުގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާ ހިލާފަށް އިސްތިހާރު ކުރުމާއި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތާއި އަޑު އިސްތިހާރުގައި ބޭނުންކުރުން ނުވަތަ ދެއްކުން ނުވަތަ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން އިސްތިހާރު ކުރުމުގައި އެއްވެސް މީހަކު ހިމެނުން ނުވަތަ ދެއްކުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ވެއެވެ. އަދި ސްޕާގެ އެއްވެސް މުވައްޒަފަކު، އެތަނުގެ ނުވަތަ ސްޕާއިން ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭ ގޮތުން އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯ އަމިއްލަ ހައިސިއްޔަތުން ނަމަވެސް ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ވެސް ކަމާ ކަމެއް ކަމަށް ގަވާއިދުގައިވެއެވެ. އަދި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ބަދުއަހުލާގީ އަމަލެއް ހިންގުމަކީ ވެސް މަނާ ކަމެކެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރަޖިސްޓަރީނުކޮށް ސްޕާ ހިންގާނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ވިޔަފާރިއެއް ވަގުތުން ހުއްޓާލުމަށް އެންގުމާއި ސްޕާ ހިންގަން ރަޖިސްޓަރީކުރުމަށްފަހު، އެ ވިޔަފާރި ހަރަކާތް ހިންގުމުގައި މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތަކާ ނުވަތަ މިންގަނޑަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެކަން އިސްލާހުކުރުމަށް އެންގުން ހިމެނެއެވެ. އަދި ސްޕާގެ ވިޔަފާރި ހަރަކާތް ޖޫރިމަނާ ކުރުމާއި ވިޔަފާރި ހަރަކާތް ރަޖިސްޓްރޭޝަން ބާތިލުކުރުމުގެ އިތުރުން، ވިޔަފާރި ހަރަކާތް ހިންގާ ތަން ވަގުތުން ބަންދުކުރުމަށް އެންގުން ވެސް ހިމެނެއެވެ.

މުވައްޒަފުންނާ ގުޅޭ މިންގަނޑުތަކާއި ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާއި، އިސްލާހުކުރަން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި، މިންގަނޑުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތައް 6،000 ރުފިޔާ އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.

އެފަދަ ތަންތަން ހިންގައި އިމާރާތް ހުންނަންޖެހޭ މިންގަނޑުތަކެއްވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.

ސްޕާ ހިދުމަތުގެ ވިޔަފާރި ރަޖިސްޓްރީކޮށް ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރު 2:00 އަށް އެ ތަންތަނުގައި ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށްބުނެފައިވެއެވެ. ނަމަވެސް ޓޫރިޒަމް ހިދުމަތް ދޭ ތަންތަން މި ކަމުން އިސްތިސްނާވާނެ ކަމަށް ވެސް ބުނެފައިވެއެވެ.