ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއިން ރާއްޖޭގައި ކުރިއަށްގެންދާ "ފްލޯޓިން ސިޓީ"ގެ ފުރަތަމަ ގެތައް ފަޅުގައި ބަހައްޓައިފިއެވެ.

ފްލޯޓިން ސިޓީގެ މަސައްކަތް ކުރަމުން އަންނަ ބައިސަން މޯލްޑިވްސްއިން މިއަދު ވަނީ ފުރަތަމަ ގެތައް ފަޅުގައި ބަހައްޓާފައި ހުރި ފޮޓޯތައް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެހި، ނޫ، ރީނދޫ އަދި ފިޔާތޮށި ކުލައިގެ ގެތައް ފަޅު ތެރެއިން ފެނެއެވެ. އެ ގެތައް ކައިރިއަށް ދޮންވެލި އަޅައި ރުއްވެސް އިންދާފައި ހުރެއެވެ. އެތަނުން ގެއެއް ދެ ބުރިއަށް އަޅާފައިވާ މަންޒަރު ވެސް ފެނެއެވެ.

ފްލޯޓިން ސިޓީގެ ގެތައް ފަޅަށް ގެންގޮސްފައިވަނީ ޓަގު ބޯޓަކާއި ދޯންޏެއްގެ އެހީގައެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.

ޑަމޯލްޑިވްސް ފްލޯޓިން ސިޓީގެ މަޝްރޫއުގެ ދަށުން ގެ އެޅުމުގެ މަސައްކަތް ޗް ޑޮކްލޭންޑް ކުންފުނިން ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބައިސަން ކުންފުންޏާ ހަވާލުކޮށްފައިވަނީ 5000 ފްލޯޓިން ހައުސިން ޔުނިޓް އެޅުމަށެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީއަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހަދާ އީޖާދީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނެއެވެ. މި ހައުސިން ޔުނިޓުތައް ފަރުމާ ކުރެވިފައިވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަކަށް ކަމަށް އެ މަޝްރޫއު ހަވާލުކުރި ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން މި މަޝްރޫއުގެ ތެރެއިން ޔޮޓު މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެއެވެ.

ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހުއެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ ދިހަ އަހަރަށް ބަހާލައިގެންނެވެ. ނަމަވެސް ފަހުން ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސް, އަނެއްކާވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާއެކު ޓޫރިޒަމް މިނިސްޓްރީން ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހު ސޮއިކޮށްފައެވެ.

އެގޮތުން ކުރިން ހައުސިން މަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ފްލޯޓިން އައިލެންޑް ޕްރޮޖެކްޓް، އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް ބަދަލު ގެނައީ ރިސޯޓެއްގެ ބައެއްގައި މީހުން އުޅޭ ތަންތަން އެޅުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުއެވެ. އެ މަޝްރޫއުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރުއެވެ.