އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ ސިޔާސަތާއި ވައުދުތައް ފިޔަވައި ތާއިދު ހޯދުމުގެ ގޮތުން ކުރާ ކަންތައްތައް ރިޝްވަތުގެ ގޮތުގައި ކަނޑައަޅަން އިސްލާހު ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު"އަށް އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒެވެ.
މުއިއްޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ކެންޑިޑޭޓުން ވޯޓު ހޯދުމުގެ ގޮތުން ރައްޔިތުންނަށްވާ ވައުދުތަކާއި ރިޝްވަތުގެ ގޮތުގައި ބަލާނެ ކަންކަން ކަނޑައެޅުމެވެ. އިސްލާހުގައި ވަނީ އެފަދަ ކުށްތައް އިންތިހާބީ ކުށްތަކުގެ ގޮތުގައި ހިމަނަންވެސް ހުށަހަޅައިފައެވެ.
އިސްލާހުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ސިޔާސަތުތައް ނުވަތަ ތަސައްވަރެއްގެ ގޮތުގައި ބަލާނީ ވޯޓު ހޯދުމަށްވާ ވައުދުތަކެވެ. ވޯޓު ހޯދުމުގެ ގޮތުން ރައްޔިތުންނަށް ވައުދުވުން ފިޔަވައި ވޯޓު ހޯދުމުގެ ގޮތުން އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ މުޖުތަމައަކަށް އަދި ޖަމިއްޔާއަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިސާގެ ދިނުން ނުވަތަ އެނޫންވެސް އެހެން މަންފާއެއް ހޯދައިދިނުމަކީ ރިޝްވަތު ދިނުންކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މުއިއްޒު ހުށަހެޅުއްވި އިސްލާހުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ "އިންތިހާބުތަކާ ބެހޭ ގާނޫނު" ތަންފީޒު ކުރުމަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާއި، އިންތިހާބުތަކާ ބެހޭ އާންމު ކަންކަން ހަރުދަނާ ކުރުމެވެ. އަދި މިހާރު އެ ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ދިމާވާ ކަންކަން ބަޔާންކޮށް އެކަންކަން ހަރުދަނާކުރުމާއި އިންތިހާބާ ބެހޭ ކުށްތައް މިހާރަށްވުރެ ހަރުދަނާ ކުރުމެވެ.
އިންތިހާބީ ކުށްތަކުގެ ގޮތުގައި އިސްލާހުގައި ހިމަނާފައިވަނީ މާލީ ބަޔާން ހުށަނޭޅުމާއި މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު