މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޮޑު ބޭބެ، ހ.ސްނޫޕީ، އަބްދުﷲ އާސިމަށް ލިބުނު 2،460،000 އެމެރިކާ ޑޮލަރު، (37،933،200 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށް އަންގައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި، އާސިމަށް ލިބުނު 2،460،000 އެމެރިކާ ޑޮލަރު، (37،933،200 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށް ޓަކައި، މިމަހުގެ 14 ވަނަ ދުވަހުއެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ފަސް ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. އަދި ހަތް ފަރާތަކާ ގުޅޭ ދެ ކުންފުންޏެއްގެ މައްސަލަވެސް ކޯޓުގައި ކުރިއަށްދެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީން މިހާރުވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. މި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި، މިހާރު ވެސް 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށްދާއިރު 8 ފަރާތަކަށް ޖިނާއީ ދައުވާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތެއް ކަމަށް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރިނަމަވެސް، އެމްއެމްޕީއާރުސީން ފަޅުރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައި ކަމުން އެ ހިޔާނާތް ހަތަރު ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އިގްތިސޯދީ މާހިރުން ލަފާކުރެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލި ޖޮއިންޓް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. އެ ލިސްޓު ކަމަށް ބުނާ ލިސްޓެއް އޭރު ލީކުވެފައިވެސް ވެއެވެ. އޭގައި ކުރީގެ ސަރުކާރާއި މިހާރު މި އޮތް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރު ތިއްބެވި ބައެއް މެންބަރުން ހިމެނޭހެން 281 މީހެއްގެ ނަން އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު