އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޯލިޝަންގެ ލީޑަރުންނަށް ސިޓީފުޅެއް އިއްޔެ ފޮނުއްވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސްގެ ފަރާތްޕުޅުން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރްއެމްގެ ލީޑަރުންނަށް އެޑްރެސްކުރައްވައި ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެމްއާރްއެމްގެ ސެކްރެޓްރީ ޖެނެރަލް އަބްދުލް އަލީމް "ވަން" އަށް މިއަދު ވިދާޅުވީ، ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް ސޯލިހުގެ ފަރާތްޕުޅުން ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވީ އެހެން ޕާޓީތަކާ އެކު އުފައްދާ ކޯލިޝަނަކުން އަނެއްކާވެސް ރާއްޖޭގެ ވެރިކަން ކުރެއްވުމަށް ކަމަށެވެ. އެކަމަށްޓަކައި ޕާޓީތަކާއެކު މަޝްވަރާކުރެއްވުމުގެ ހުރިހާ ބާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެމަނިކުފާނަށް ދެއްވައިފައެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގެ ފޯމިއުލާ އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދި ކޯލިޝަންގެ ލީޑަރުންނަށް ރައީސް ސިޓީފުޅެއް ފޮނުއްވި އިރު، ރައީސްގެ ފަރާތްޕުޅުން މަންދޫބުންތަކެއް މި ހަފުތާގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފައެވެ. އެ މަޝްވަރާތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކުރައްވާފައި ނުވިޔަސް "އެއީ އުއްމީދީ ބައްދަލުވުމެއް" ކަމަށް އެ ބައްދަލުވުމުގެ މަންދޫބުން ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމައެވެ. ރިޔާސީ އިންތިހާބާ މެދު ޖޭޕީން ގޮތެއް ކަނޑައަޅާނީ އަންނަ ހުކުރު ދުވަހު ފަށާ އެ ޕާޓީގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ ކައުންސިލުންނެވެ. އަދި އެމްއާރްއެމުން ވެސް ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.