އިންޑިއާއިން ޑީޕޯޓު ކޮށްލި، އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބުދުއްސަމަދު (ސަމަދުބެ) އަށް ނިސްބަން ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން މައާފަށް އެދުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ދިވެހި ދަރިއަކު ރާއްޖޭން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައި، މާރިޔާ ޖޯކު ޖައްސަވައި މަލާމާތްކުރައްވާފައިވާ ކަމަށެވެ.

ސަމަދަކީ ދިވެހި ސަލާމަތީ ހިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ދިވެހި ދަރިއަކާމެދު ޑިފެންސް މިނިސްޓަރު ދަށު ދަރަޖައިގެ ބަސްމަގު ގެންގުޅުއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މި ގައުމު ސަލާމަތް ކުރުމަށް ކަމަރު ބަނދެގެންތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބަޔެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ދިފާއީ ވަޒީރު މާރިޔާއަކީ މީގެ ކުރިން ވެސް ދިވެހި ފުލުހުންނާއި ސިފައިންނަށް ޖޯކު ޖައްސަވައި، އާއްމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވެފައިވާ ބޭފުޅަކަށްވާތީ މިފަދަ ބޭފުޅަކު އެ މަގާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ނުކުރާ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަކި ގައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ގައުމަށް ސަނާ ކިޔުއްވައި، ދިވެހި ރައްޔިތުން ނިކަމެތި ކުރައްވަމުންދާ ދިއުމަކީ ބަލައި ގަނެވޭނެ ކަމަކަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އަބުދުއްސަމަދަށް މަލާމާތްކުރައްވައި ޖޯކު ޖައްސަވައި ދިފާއީ ވަޒީރު ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށާއި އަދި އެފަދަ މަގާމެއްގައި ހުންނަވައި އެ ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން އެ މައްސަލައަށް ބަހުސް ކުރަން ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ.