އައިޖީއެމްއެޗްގައި ހިދުމަތް ދިނުމަށް ބޭނުންކުރާ މެޝިންތަކާއި ކޮންސިއުމަބަލްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަނީ އަމަލުކުރަން ޖެހޭ އުސޫލުތަކުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އިސްމާއިލް ލަތީފް މިއަދު ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ސްކޭންކުރުމަށް ބޭނުންކުރާ ޔޫއެސްޖީ މެޝިނެއް ނެތިގެން މެޝިނެއް ހަދިޔާ ކުރާނެ ފަރާތެއް ހޯދުމަށް ޓުވީޓެއް ކުރައްވައިފައެވެ. އޭނާ އެ ޓުވީޓުގައި ވިދާޅުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ޔޫއެސްޖީ މެޝިނެއް ދުވަހަކުވެސް ނުހުންނަ ކަމަށާއި އައިސީޔޫއަށް އޭގެ މެޝިނެއް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލަށް ތަކެތި ހޯދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށުން އެ ތަކެތީގެ އަގާއި ފެންވަރު ބަލައި، ވަކި އުސޫލަކުން ގަންނަ، ބަލިމީހުންނަށް ރައްކާތެރި އަދި ދުނިޔޭގެ ސެޓިފައިޑް ބޮޑީތައް ކަމަށްވާ އެމެރިކާގެ އެފްޑީއައި އާއި ޔޫރަޕުގެ ސީއީން ގަބޫލުކުރާ ފެންވަރުގެ ތަކެތި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"އިސްވެ ބަޔާންކުރެވުނު ފަދައިން މުދާ ގަތުމުގައި ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުންނާއި (ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމާއެކު) ހަރަދު ކުޑަކުރުމަށް އިސްކަން ދޭން ޖެހޭތީވެ، ބައެއް ފަހަރު ޑިޕާޓުމެންޓުތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެ ވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ފާހަގަކުރަމެވެ..،" އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗްގައި އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތްކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ ހޮސްޕިޓަލުގައި މިހާރުވެސް އޭގެ ފަސް މެޝިން އެބަހުރި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭ ސަރުކާރުގެ މައި ހޮސްޕިޓަލު ކަމަށްވާ އިރު، އެ ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދި، އިތުބާރު ގެއްލޭ ފަދަ ކަންކަން ނުކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.