މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015ގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އޭނާ މަރައިލިކަމުގެ ކުށް، އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ)ގެ މައްޗަށް ސާބިތުވެފައިވާތީ އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޒިޔަދަމްގެ ހުރިހާ ވާރިސުން ބުނެފިއެވެ.

މި މައްސަލައިގައި ޝަނޫންގެ އިތުރުން އެރަށު ބީޗުވިލާ، އަލީ ޝިފާމް (29އ) މައްޗަށްވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކުރިއެވެ. ޝަނޫންގެ މައްޗަށް ބިރުދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ދައުލަތުން ކުރިއެވެ.

އެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވީ ޝަނޫންގެ މައްޗަށް އެކަންޏެވެ. ޝިފާމްގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭ މިންވަރަށް ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްދެވިފައި ނުވި ނަމަވެސް ޝިފާމްވެސް މި އަމަލު ހިންގުމުގައި އެހީތެރިވެފައިވާކަމާއި ޒިޔަދަމްއާ މަރާމާރާރީ ހިންގުމުގެ އިތުރުން، އޭނާ މަރުވެގެންދިޔަ އަމަލުތައް ހިންގުމުގައި މަގުފަހި ކޮށްދީފައިވާކަން ޝަރީއަތަށް ހުށައެެޅިފައިވާ ހެކިތަކުން ސާބިތުވާތީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ޝިފާމްގެ މައްޗަށްވެސް ވަނީ ސާބިތުވެފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ވަނީ ވާރިސުންގެ ބަސް ނަގައިފައެވެ.

ޒިޔަދަމް މަރުވި އިރު، އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް، އޭނާގެ މަންމަ މިހާރު ވަނީ މަރުވެފައެވެ. އޭނާގެ މަންމަ ދުނިޔޭގައި ހުރިއިރު ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ޒިޔަދަމްގެ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. ޒިޔަދަމްގެ ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ އަންހެން ފަސް ކުދިންނާއި ފިރިހެން ކުއްޖަކާއި އެއްބަފާ ދެ ކުއްޖަކުވެސް ހުރެއެވެ.

މިއަދުގެ އަޑުއެހުމަށް ހާޒިރުވި ހުރިހާ ވާރިސުންވެސް ވަނީ މަަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީީ އަންނަ ހަފުތާގައެވެ. އެއީ އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުމާއި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަަަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ޒިޔަދަމްގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒިޔަދަމްގެ މަރުގެ މައްސަލައަކީ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ގާޒީން އެކި ފަހަރު ބަދަލުވެފައިވެސް ވެއެވެ.