ވާހަކަ

ދީވާނާ ހިތް - 27

4

ކޮޓަރިއަށް ވަދެ މަންޝާ ދޮރުލައްޕަންދެން ނަޒާން ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ދެލޮލަށް ކަރުނައެއް ޖަމާވިކަން ޔަގީނެވެ. އެ ކަރުނަތައް މަގާމު ދޫކޮށް ފޭބުމުގެ ކުރިން ލޮލުގެ ތެރެއަށް ގަދަކަމުން ހިންދާލިއެވެ. އެހިނދު އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައީ އެއްވެސް އަސަރެއް ނެތް ހިނިތުންވުމެކެވެ.

*******

މާލެ ދިޔުމުގެ ކުރިން ހުރިހާ މީހުން ދަތުރަކު ދާން ހިޔާލު ދިނީ އަހުތަރެވެ. އެއީ އީދުގެ ފަހު ދުވަހު ހުރިހާ ކުދިން ކާން ތިބި ގަޑީގައެވެ. ހުރިހާކުދިން އުފަލުން ނަށައިގަތް އިރު މަންޝާ އާއި ނަޒާންގެ އެއްވެސް ހަރަކާތެއް ނެތެވެ. އެކަން މިފަހަރުވެސް ފާހަގަވީ ދިލްޝާދަށެވެ. އެހެންކަމުން މިފަހަރު މަންޝާ އާ ސުވާލުނުކޮށް ދޫކޮށްލަން އޭނާ ބޭނުމެއް ނުވިއެވެ.

"ކައިގެން އާދެބަލަ މިދިމާ ގަސްދޮށަށް" މަންޝާގެ އަތުގައި ކޮށްޓާލާފައި ދިލްޝާދު ބުންޏެވެ.

ދިލްޝާދު ނުކުމެގެން ދިޔުމުން މަންޝާ ވިސްނާލިއެވެ. ވާހަކައެއް ދައްކަން ދިލްޝާދު ބުނާ ކޮންމެ ފަހަރަކު މަންޝާ ޖެހިލުންވެއެވެ. ސަމްސަލުގެ ހުސްކަން ކެނޑޭ ވަރަށް ނެގި ކުޑަ ބަތްކޮޅު އަނގައިގެ ތެރެއަށް ލާފައި އޭނާ ބަލައިލީ އެއްއަރިއެއްގައި އިން ނަޒާނަށެވެ. އެގޮތަށް ކަންތައް ކުރެވުނު ސަބަބެއް ހުދު އޭނާއަށްވެސް ނޭނގެއެވެ.

"ނާއްކޮ! މިފަހަރު އެކަނިން ނުދައްޗޭ އެއްވެސް ތަނަކަށް. ކުރީ ރޭގައިވެސް ތިއްތިމެން ވަރަށް ބިރުގަތް" ނަވާލް ބުންޏެވެ. ނާޔާ ބޯޖަހާލިއެވެ. ސިއްރު ނަޒަރެއް އޭނާ ބަދަލުކޮށްލީ ކުރިމަތީގައި އިން ޒަރޫކާއެވެ. އެރޭ މިނިވަންކަމާއެކު އޭނާ ހުރިހާ ވަގުތެއް ހޭދަކުރީ ޒަރޫކްގެ އަތުތެރޭގައެވެ. ދުރުނުވެވޭ މިންވަރަށް އޭނާއަށް ޒަރޫކްދެކެ ލޯބިވެވިއްޖެއެވެ. އޭނާ އިންތިޒާރު ކުރަނީ ގާނޫނީގޮތުން ބޮޑުމީހެއްގެ ދަރަޖަ އޭނާއަށް ލިބޭނެ ދުވަހަކަށެވެ.

"އެހެންވީމަ މާދަމާ ހެނދުނު ވާނެ ފުރަން. ދާނީ މިތާ ކައިރީގައި މިއޮތް ދައްޕަރުހުރާއަށް. ތިކުދިންގެ ކަމެއް ތިންއިރުގެ ކެއުން ތައްޔާރުކުރުމަކީ. އަހްތަރުބެ ހޯދާނަން ޑިންގީ"

**********

ކައިރީގައި މަންޝާ އިށީނުމުންވެސް ދިލްޝާދު ވާހަކައެއް ނުފަށާ މަޑުކުރިއެވެ. މަންޝާ އިނީ ކޮޓަރިއަށް ދާން ބޭނުންވެފައެވެ. ހެނދުނުއްސުރެ އޭނާގެ ބޮލުގެ ރިހުން ނުފިލައެވެ. އެހެންނަމަވެސް ދިލްޝާދު ބުނަން އުޅޭ އެއްޗެއް ނުބުނަނީސް އޭނާއަށް ދެވޭކަށް ނެތެވެ.

"ދަރިފުޅު ކީއްވެތަ މާމަޑުމަޑުން ތިހުންނަނީ؟ ބައްޕައަށް ވަރަށް ބޮޑަށް ފާހަގަވެއްޖެ" ދުފާ ތަބަށް ހިފައިގެން އިން މިހާދު ބުންޏެވެ. އެވަގުތު ދިލްޝާދު މަންޝާއަށް ނަޒަރެއްދިނެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ.

"ދަތުރު ކަމަކުނުދޭތަ؟" މިހާދު އެހިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"މާދަމާ ދަތުރުދާ އިރު ދަރިފުޅު އެއްޗެއް ގަންނަން ބޭނުންތަ؟ މިދަނީ އަހުތަރުބެއާ އެކު ކުޅުދުއްފުއްޓަށް ޖައްސާލަން. މިރަށުން ނުލިބޭ އެއްޗެއް ވިއްޔާ އެރަށުން ލިބޭނެއްނު" މިހާދު ބުންޏެވެ.

"އެއްވެސް އެއްޗެއް ބޭނުމެއް ނޫން" ހީލާފައި މަންޝާ ބުންޏެވެ.

ކައިރީގައި އިން މަންޝާގެ އަތުގައި ހިފައިގެން ގެނެސް ކުރިމަތީގައި ހުރި ގޮނޑީގައި ބައިންދާފައި ދިލްޝާދު މަންޝާ އާ ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ. މަންމަ ސުވާލުކުރަން މަޑުކޮށްގެން ހުރީ ބައްޕަ ދަންދެންކަން މަންޝާއަށް އެނގުނެވެ.

"މަންޝާއަށް ދޮގުހަދާކަށް މަންމަ ދަސްކޮށްނުދެން. އަދި ދޮގެއް ހަދާފާނެ ކަމަށް މަންމަ އުންމީދެއްވެސް ނުކުރަން. އެކަމަކު މަންޝާ މަންމައަށް ދޮގެއް ހަދައިފި. މަންމައަށް އަހާލެވިދާނެތަ ސަބަބެއް" ދިލްޝާދު ވާހަކަދެއްކިއެވެ.

ދިލްޝާދުގެ އަޑުގައި ހަރުކަށިކަމެއް އަދި ހިތްހަމަނުޖެހުމެއްވެސް މަންޝާއަށް ފާހަގައެއް ނުކުރެވެއެވެ. ހަތަރުކަޅި ހަމަކޮށް މަންޝާ އިނީ ބަލަހައްޓައިގެންނެވެ. ތެދެކެވެ. މީގެކުރިން އޭނާއަކީ ދޮގުހަދައި މީހުންނަށް އޮޅުވާލާ މީހެއް ނޫނެވެ. އެކަމަކު ފަހަކަށް އައިސް އޭނާގެ ސިކުނޑިތެރޭގައި އުފެދިގެން އުޅޭ ހައިޖާނުގަނޑެއްގެ ސަބަބުން ދޮގުހެދުމުގެ ނިޔަތެއް ނެތަސް އޭނާއަށް މަޖޫބުރުވަނީ ހިތުގައިވާ ހުރިހާ އެއްޗެއް ހުރިހާ މީހުންނަށް ސިއްރު ކުރާށެވެ.

"މަންޝާ، މަންމަ އެބައިނީމޭ މިތާ. ކޮންކަމެއް ދަރިފުޅަށް އުނދަގު ކުރަނީ. ކީއްވެ މިތަނުން ދާން ބޭނުންވަނީ. މަންމައަށް އެނގޭ މިދަތުރު އައި އިރު މަންޝާ ހުރީ ހިތްހަމަޖެހިފަކަން. ކުއްލިއަކަށް ކިހިނެއްވީ؟ ކޮންކަމަކާ އެކަނިމާ އެކަނި ތިވިސްނަނީ؟" ދިލްޝާދު ސުވާލުކުރިއެވެ.

"އަންހެންދަރިއަކާ އެންމެގާތް ވާންޖެހޭނެ މީހަކީ މަންމަ. މަންޝާއަށް މަންމައަށް އިތުބާރުކުރެވިދާނެ"

މަންޝާ އެއްޗެއް ބުނާނެ އިރަކަށް ދިލްޝާދު އިންތިޒާރު ކުރިއެވެ. އޭނާ އިނީ ބޭނުންވާ ސުވާލުތަކުގެ ޖަވާބުނުހޯދާ މަންޝާ ފޮނުވާލާ ގޮތަކަށް ނޫނެވެ.

********

ތިއާ އާ ވާހަކަދައްކާލަން ބޭނުންވެ ވަގުތަކަށް ޒަރޫކް އިންތިޒާރުކުރާތާ ކިތަންމެ އިރެކެވެ. ވޭޕް ދަމަން ބޭރުގައި ހުރި ޖޯއްޔެއްގައި ޒަރޫކް އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދިމާލަށް ހުޅުވާފައި ހުރި ގޭގެ ތެރޭގައި އަހްތަރުގެ ދަރިއަކާ ވާހަކަދައްކަން ހުރި ތިއާ އަށެވެ. އެއީ އޭނާ ބަލާ ފޫހިނުވާނެ މޫނެކެވެ. އޭނާ ތިއާދެކެ ލޯބިވީ ދުނިޔެއިން މޮޔަވާވަރަށެވެ. އެކަން ތިއާއަށްވެސް އެނގި ފަހުވަގުތު އޭނާގެ ބުރަކައްޓަށް ވަޅި ހެރީއެވެ. ތިއާ ހޯދަން އެ ގައުމުގައި އޭނާ ނުފޮރޮޅާ އެންމެ ގަލެއްވެސް ނެތެވެ. ފުލުހުންނާ ހަމައަށްވެސް އޭނާ ދާން އުޅުނެވެ. އެހެންނަމަވެސް އޭނާ އެންމެ ލޯބިވާ ދޮންތަ އޭނާ ހިފެހެއްޓިއެވެ. ތިއާއަށްޓަކައި ހިތުގައި އުފެދުނު ރުޅިވެރިކަން ވަކި ހަމައެއްގައި ހިފަހައްޓަން އަރޫޝާ ނަސޭހަތްތެރިވިއެވެ. ތިއާ އާއި ނަވާލް އެކަކު އަނެކަކަށް ބަލައިލާ ގޮތާއި ސަމާސާކުރާތަން ފެންނަ ކޮންމެފަހަރަކު އޭނާއަށް ހީވަނީ ހިތުގައި އުފެދިފައިވާ ނަފްރަތުގެ އަލިފާންގަނޑުގެ ހުޅުފަޅައިގެންދާހެންނެވެ. އޭނާގެ ދިރިއުޅުމުގައި ހުޅުޖަހާފައި އެހައި އުފަލުގައި ތިއާ އުޅުމަކީ އޭނާއަށް ބަލައިގަނެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނާގެ ދެއަތުގެ ތެރޭގައި ތިއާ ހައްޔަރުވާން ޖެހޭނީ އެންމެ ފަހަރަކުއެވެ. އެފަހަރަކީ އޭނާގެ ހުރިހާ ބަދަލެއް ފުރިހަމަވާނެ ވަގުތެވެ.

"ހާދަ ފުން ވިސްނުމެއްގަ"

ޒަރޫކް ބަލައިލިއެވެ. ޖޯލިފަތީގައި އިށިން ނަވާލަށް ޒަރޫކް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

"ރިވެންޖް ނަގާނެ ގޮތާމެދު ވިސްނަން އިނީ. ނަވާލް އަހަރެންނަށް އެހީވާންވީނުން" ޒަރޫކް ބުންޏެވެ.

ނަވާލަށް އެބުނި އެއްޗެއް ނުވިސްނުނެވެ. ސުވާލު ކުރެވުނީ އެހެންވެއެވެ.

"ޖަސްޓް ކިޑިންގ...ހެހެހެ..." ހިނިގަނޑަކާއެކު ޒަރޫކް ބުންޏެވެ.

*********

އެނދުގައި މިހާދު އޮށޯތްކަން އެނގުމުން ދިލްޝާދު މަގަތަށް އެނބުރުނެވެ. ނިދާ ބޮކި ދިއްލަން މިހާދު އުޅުމުން އެކަން ދިލްޝާދު މަނާކުރިއެވެ.

"ފުރުން ހަމަޖެހުނީ ކުޅުދުއްފުށިން. ނަސީބަކުން ހަމައަށް ޓިކެޓް ލިބުނު" މިހާދު ބުންޏެވެ.

"ތިއެއްނޫނޭ. އަހަރެން ވާހަކައެއް ދައްކަންވެގެން މިއުޅެނީ؟" ދިލްޝާދު ބުންޏެވެ.

އަނބިމީހާއަށް ބަލައިލާފައި މިހާދު ހަމަޖެހިލިއެވެ.

"އެހެންހީވެއްޖެ. ކިޔާބަލަ" މިހާދު ބުންޏެވެ.

"އަހަރެމެންގެ ކުޑަދަރިފުޅު މީހަކާ އިންނަންވީޔޯ" ދިލްޝާދު ބުންޏެވެ.

"މަންޝާ އެހެން ބުނީތަ؟ ނަޒާނާތަ؟"

"ދެން ކާކާ. މި ދެތިންދުވަހު މާމަޑުން ހުންނާތީ އަހަރެން މިއަދު ސުވާލުކުރީމަ ބުނެފި ކައިވެނިކުރަން ބޭނުންވާ ވަހަކަ. ވަކި ނަޒާނެކޭ ނުބުނޭ. އެކަމަކު ވަރަށް ޔަގީން. ދެކުދިންގެ މެދުގައި މައްސަލައެއް ޖެހުނީހެން ހީވޭ. އެސޮރުވެސް ވަރަށް ފާޑަކަށް ހުންނަނީ" ދިލްޝާދު ބުންޏެވެ.

"ދެން އެނގިދާނެތާ. އަހަރެން ވަލީދޭނަން. ކޮންމެ ކުއްޖަކާ އިނަސް އަހަރެންގެ މައްސަލައެއް ނެތް. އަހަރެން ނުހިފަހައްޓާނަން. އެކަމަކު އެމީހަކާ ބައްދަލުކޮށް ވާހަކަދައްކާލަން ބޭނުން"

**********

ރޭގަނޑުގެ ކެއުމަށްފަހު ނަޒާން ނުކުމެ އިނީ ގޭ ދޮރުމަތީގައި ހުރި ޖޯލީގައެވެ. ފަތިހާ ހޭލަންޖެހޭތީ އެއްބަޔަކު އަވަހަށް ނިދަން ބޭނުންވާ ކަމަށް ބުނެފައި އެތެރެއަށް ވަނަސް އެތެރެއަށް ވަންނަ ހިޔާލެއް ނަޒާން ނުކުރިއެވެ. އެނދުގައި އޮތަސް ޖޯލީގައި އޮތަސް އޭނާ އޭނާއަށް ވާނީ އެއްގޮތެވެ. އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެހެން އޮށްވައެވެ. މާޝިތާގެ ކޯލެއް ކަން އެނގުމުން އޭނާ ވަގުތުކޮޅެއް ހުސްކުރިއެވެ.

"ދެ ދުވަސްތެރޭގަ ފުރޭނެ" މާޝިތާ ކުރި ސުވާލަކަށް ނަޒާން ޖަވާބުދިނެވެ.

މީހަކު ދޮރާށި ހުޅުވާލިހެން ހީވުމުން ނަޒާން ބަލައިލިއެވެ. ދޮރުމައްޗަށް ނުކުތް މަންޝާގެ ނަޒަރު އޭނާއަށް އަމާޒުވިއެވެ. ފޯނު ކަނޑާލާފައި އޭނާ މަންޝާއަށް ބަލަހައްޓައިގެން އިނެވެ. ނަޒާނަށް ސަމާލުކަންނުދީ ދޮރާށި ލައްޕާލާފައި މަންޝާ ހިނގައިގަތެވެ. އެއްވެސް މީހަކު މަގުމަތިން ފެންނަން ނެތެވެ. މަންޝާ ބޭރަށް ނުކުތީ ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. ނިދި އަންނަންދެން އޭނާ ބޭނުންވީ ޖޯލިފަތީގައި އޮންނާށެވެ. އެހެންނަމަވެސް ޖޯލިފަތިން ނަޒާން ފެނުމުން އޭނާގެ ހިޔާލު ބަދަލުވިއެވެ.

"މަން..." ނަޒާން ގޮވާލިއެވެ. މަންޝާ އިވޭކަމަށް ނުހެދިއެވެ.

"އެކޮޅު ވަރަށް އަނދިރި. ކޮންތާނަކަށް ދާން ތިދަނީ" ނަޒާން ބުންޏެވެ.

މަންޝާ ޖަވާބެއް ނުދިނުމުން ނަޒާން ކޮޅަށް ތެދުވިއެވެ. މަންޝާގެ ފަހަތުން އޭނާ ހިނގައިގަތެވެ. ރޭގަނޑުގެ އެވަގުތު މަންޝާ އެކަނި ދޫކޮށްލަން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. ފަހަތުން ނަޒާން އަންނަކަން އެނގުމުން މަންޝާގެ ހިނގުން ބާރުކޮށްލިއެވެ. ހުއްޓި ނަޒާނަށް އެކަން މަނާކުރަން މަންޝާ ބޭނުންވިއެވެ. އެހެންނަމަވެސް އެއްވެސް ސިފައެއްގައި ނަޒާނާ މުއާމަލާތު ކުރަން ބޭނުންނުވާތީ މަންޝާ ހިޔާރުކުރީ ހިމޭންކަމެވެ.

"ޕްލީޒް... ވާހަކަދައްކަބަލަ. ތިގޮތަށް އަހަރެންނަށް ސަޒާނުދީ" ނަޒާން ބުންޏެވެ.

މަންޝާ ޖަވާބެއް ނުދިނެވެ. ބާރަށް ހިނގާފައި އޭނާ އެދާ ތަނެއް ހުދު އޭނާއަށްވެސް ނޭނގެއެވެ.

މަންޝާ ޖަވާބެއް ނުދިނުމުން އެންމެފަހުން ނަޒާން ވާހަކަދެއްކުން ހުއްޓާލިއެވެ. އިރުކޮޅަކުން މަންޝާ ހިނގުން ބާރުކޮށްލައެވެ. ހަމަ އެހިނދުގައި ނަޒާންވެސް ހިނގުން ބާރުކޮށްލައެވެ. މަންޝާ ހިނގުން މަޑުކޮށްލާއިރަށް ނަޒާން މަޑުކޮށްލައެވެ. އޭނާގެ މަގުސަދަކީ މަންޝާއަށް ޖެއްސުން ކުރުމެއް ނޫނެވެ. އެވަގުތަކީ ރޭގަނޑުގެ ވަގުތަކަށްވެފައި ރަށަކީ ނިސްބަތުންވެސް މީހުން މަދު ރަށަކަށްވެފައި މަންޝާއަށް ހިމާޔަތްދިނުމުގެ ގޮތުންނެވެ. މަންޝާ އެހީއަކަށް ބޭނުންވާ އިރު އެންމެ ގާތުގައި ހުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް މަންޝާގެ ސިކުނޑިއަށް ނަޒާންގެ ސިކުނޑި ވިސްނާހެން ނުވިސްނިއެވެ.

"ތިދަނީ ކަނޑަށް އެރެންތަ؟" ގަސްތަކުގެ ތެރެއިން މަންޝާ ނުކުތީ އަތިރިމައްޗަށެވެ. ފަޅުގައި އަޅާފައިވާ ދޯނިތަކުގައި ކޮންމެވެސް ވަރަކަށް މީހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ތަކުރާރުކޮށް ނަޒާން ވާހަކަދައްކައިގެންވެސް މަންޝާގެ ފަރާތުން އިޝާރާތެއް ނުވުމުން ނަޒާން ކޮންޓްރޯލުން ނެއްޓިއެވެ. މަންޝާގެ އަތުގައި ހިފިގޮތަށް އޭނާ އާ ދިމާލަށް އަނބުރާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި މަންޝާ ދެލޯ ބޮޑުކޮށްފައި ނަޒާނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއްފިޔަވަޅު މަންޝާ އާ ގާތަށް ނަޒާން ޖެހިލިއެވެ. އެހިނދު މަންޝާ ނަޒާންގެ މޭގައި ދެއަތް އަޅާ ފަހަތަށް ކޮށްޕާލިއެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ؟" މަންޝާ ހަޅޭއްލަވައިގަތެވެ.

"ސޮރީ... ވަރަށް ބޮޑަށް ސޮރީ. މަން އަނގައިން ނުބުނީމަ ކޮންޓްރޯލް ނުކުރެވުނީ"

"ނޭނގޭތަ އަހަރެން އަނގައިން ނުބުނަނީ ވާހަކަދައްކަން ބޭނުންނުވާތީ ކަމެއް. ކިހާދެރަކަމެއްދެން ތީ. އަހަރެންނަށް އުނދަގުނުކޮށްފާނަންތަ؟ މާލެ ދާ ގޮތަށް އަހަރެން މެރީކުރާނަން. މަންމަ ކައިރީގަވެސް ބުނެފިން. އަހަރެން މިހެން މިކިޔަނީ މަޖަލަކަށް ނޫނޭ. އަހަރެން ވަރަށް ސާފުކޮށް ބުނެފީމެއްނު އަހަރެން ނަޒާނާ ރައްޓެހިނުވާނަމޭ. އަޑެއްނީވޭތަ؟"

ނަޒާންގެ ތުންފަތަށް ވެރިވި ހިނިތުންވުން މަންޝާގެ އަނގަ ބަންދުކުރިއެވެ. ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ މީހަކު ކުރިމަތީގައި ހުރެ އެއްޗެހި ގޮވާއިރުވެސް ހިތަށް އަސަރެއް ނުކުރެއެވެ. ގައިމުން ހިތެއް އޮތް މީހެއް ވިއްޔާ ކޮންމެސް އެއްޗެއް ހިތަށް އަރާނެއެވެ. ނަޒާންގެ އެ ހިނިތުންވުން ފެނި މަންޝާގެ ރުޅި ވީ ހައްތަހާ ގަދައެވެ. އިތުރަށް ވާހަކަދެއްކުމެއްނެތި މަންޝާ ހިނގައިގަތެވެ. މިފަހަރު އައިކޮޅަށެވެ. މަންޝާގެ ފަހަތުން މަޑުމަޑުން ހިނގަމުން ނަޒާން ދިޔައެވެ. އަދިވެސް އޭނާގެ ތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ. ވާނީވެސް އެހެންނެވެ. މަންޝާ ފުރަތަމަ ފަހަރަށް އޭނާގެ ނަން ކިޔާލި އަޑު އިވުމުން ހިތަށް އިންތިހާދަރަޖައިގެ ހިތްހަމަޖެހުން ލިބިއްޖެއެވެ. އަދި އެއްފަހަރު 'ނަޒާން' މި ނަން މަންޝާ ކިޔާލާ އަޑުއަހާލާ ހިއްވިއެވެ.

******

ގޭތެރެއަށް ވަންގޮތަށް މަންޝާ ހުއްޓުންއެރިއެވެ. ކުރިމަތީގައި ހުރީ ދިލްޝާދެވެ. އަތުގައި އޮތް ފޯނުން އޭނާ ގަޑި ބަލައިލިއެވެ. އެގާރަޖަހައި ބޮޑުވެއްޖެއެވެ. ސުވާލުގެ ނަޒަރަކުން މަންޝާއަށް ބަލަހައްޓައިގެން ހުއްޓާ ދިލްޝާދު މޫނުމަތި އުޖާލާވެގެން ދިޔައީ ގޭތެރެއަށް ވަދެގެން އައިސް މަންޝާގެ ފަހަތުގައި ހުއްޓުނު ނަޒާން ފެނިފައެވެ. ބޭރުގައި އުޅެފައި އައީ މަންޝާ އެކަނި ނޫންކަން އެނގުމުން ދިލްޝާދު ހިތްހަމަޖެހުނެވެ.

"ކޮންތާކުން ދަރިފުޅުމެން؟" ދިލްޝާދު އެހިއެވެ.

ދޭނެ ޖަވާބެއް ނޭނގި އެއް އަތްތިލަ އަނެއް އަތްތިލަ އާ މޮޑެން ހުރި މަންޝާ އާ އެއްހަމަޔަކަށް ނަޒާން ޖެހިލިއެވެ. މަންޝާގެ މޫނަށް ނަޒާން ބަލައިލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި މަންޝާ ހުރިކަން ނަޒާނަށް އެނގުނެވެ.

"ނުދަން އެއްވެސް ތަނަކަށް. ނިދި ނާންނާތީ މިތާ ބޭރު ޖޯލީގަ މަޑުކޮށްގެން ތިބީ" ނަޒާން ބުންޏެވެ. އެހާ ރީތި ދޮގެއް ނަޒާން ހެދުމުން މަންޝާ ހައިރާންވިއެވެ. ހިތްހަމަވެސްނުޖެހުނެވެ.

"އަހުތަރުބޭގެ ކުދިންނާއި މިތާ ކައިރީގަ އުޅޭ ކުދިންތަކެއްވެސް ތިބި އެތަނުގަ" ދިލްޝާދު އެއްޗެއް ހީކޮށްފާނެތީ ނަޒާން ބުންޏެވެ.

"ދެން ދޭ ނިދަން. ފަތިހާ ހޭލަންވެސް ޖެހެއެއްނު" ދިލްޝާދު ހިނގައިގަތެވެ. އޭނާ ހުރީ ކުޑަކޮށް ހިނިއައިސްފައެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ނުދައްކާ އޭނާ ހިނގައިގަތެވެ.

ދިލްޝާދު ކޮޓަރިއަށް ވަދެ ދޮރުލައްޕަންދެން ދެ ޒުވާނުން މަޑުކޮށްގެން ތިއްބެވެ. ކުރިން ކޮޓަރި އާ ދިމާލަށް ހިނގައިގަތީ މަންޝާއެވެ. އެތެރެއަށް ވަދެފައި ދޮރު ލެއްޕުމުގެ ކުރިން ފަހަތަށް އެނބުރި މަންޝާ ބަލައިލިއެވެ. އެހިނދު މަންޝާ ދިޔައީ ސިހިގެންނެވެ. ނަޒާން ހުރީ ކޮޓަރި ދޮރުމަތީގައެވެ. މަންޝާއަށް ވީގޮތް ފެނިފައި ނަޒާން ހީލިއެވެ. ނުފެންނަ ކަމަށް ހަދައި މަންޝާ އުޅުނީ ދޮރުފަތް ލައްޕާށެވެ. އެކަން އޭނާއަށް ނުވީ ދޮރުފަތުގައި ނަޒާން ހިފެހެއްޓުމުންނެވެ. ހައިރާންކަމާއެކު ނަޒާނަށް މަންޝާ ބަލައިލިއެވެ.

"ގުޑްނައިޓް...." ނަޒާން ބުންޏެވެ.

"ސޮރީ މަން.... އަހަރެންނަށް ބުނާގޮތް ނެހެދޭ ދޯ. އަހަރެން ދުރަށް ދާން އުޅުނިން. އެކަމަކު ނުދެވުނު. އަހަރެންގެ ބަސްނާހާ ހިތް މޭގަ އޮވެގެން ތެޅެނީ. މަންއަށްޓަކައި. ހިތް ކުރަނީ އަބަދު ޝަކުވާ. މަން ބުނެބަލަ އަހަރެންގެ ހިތަށް ދޭންވީ ފަރުވާއެއް. މި ރިހުން އަހަރެން މަންއަށް ކިޔައިދޭނީ ކިހިނެއް؟ މަން... އަހަރެންނަށް ރަހުމުކޮށްބަލަ. ތިހާ ހިލަ ހިތެއްގެ ވެރިޔަކަށްނުވޭ. އަހަރެން މަރުވެދާނެ"

އެތެރެއިން ދޮރުފަތުގައި ލެގިލައިގެން ހުރި މަންޝާއަށް ރަނގަޅަށް ނަޒާންގެ އަޑު އިވުނެވެ. އޭނާ ބަސްހުއްޓިއްޖެއެވެ. ޔަގީނުންވެސް މިފަހަރު ހިތަށް އަސަރުކޮށްފިއެވެ. ނަޒާން އެހެން އުޅޭތީ މަންޝާ ދެރަވިއެވެ. އޭނާ އިތުރަށް ނަޒާނަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މީހަކާ އިންނަން އެއްބަސްނުވެ އަދި ދެފަރާތުގެ މައިންބަފައިންނާ ވާހަކަނުދެކެވި އޮތްނަމަ އޭނާ ނަޒާނާ ދޭތެރެ ވިސްނާނެއެވެ. ދޮރުހުޅުވަން އޭނާގެ އަތް ތަޅާ ހަމައަށް ގެންދިޔައެވެ. ދެން އަތް ތިރިކޮށްލިއެވެ. އެންމެފަހުން ދެ ވިސްނުމެއްގައި ހުރެފައި އެނދާ ދިމާލަށް ދިޔައެވެ.

"ފަހަރެއްގަ ނަޒާން އެބުނަނީ ތެދަކަށްވެސް ވެދާނެ. ނޫނީ އެއީ ލޯތްބަށްނުވެ ހަމައެކަނި އަހަރެންނަށް ހިތްކިޔުން ކަމުގަ ވެދާނެ. އަޅާނުލާނީ. އަހަރެން ކީއްކުރަން ވިސްނަންވީ. އަހަރެން މެރީކުރީމަ ނަޒާނަށް ވިސްނޭނެ. އޭރުން މިހާރު އެއުޅޭގޮތަށް ނޫޅޭނެ. އެއީ ހަރުދަނާ ޒުވާނެއް. އަހަރެން ދެން ބޭކާރު ކަންތަކާ ނުވިސްނާނަން......" އެނދުގައި އުއްޑުން އޮށޯވެގެން އޮތް މަންޝާ އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ.....

"އަޑެއްބަޑެއް ނީވޭ. ނަޒާން.... ދިޔައީ ކަންނޭނގެ. ބަލާލަންވެއްޖެ..."

މަންޝާ ތެދުވެގެން ގޮސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެހިނދު އޭނާ ދިޔައީ ސިއްސައިގެންނެވެ. ހުރި ފިޔަވަޅުމަތީގައި އަދިވެސް ނަޒާން ހުއްޓެވެ. ނަޒާންގެ ދެލޮލުގެ ތެރޭގައި ވިދަމުންދިޔަ ކަރުނަތައް ފެނި މަންޝާގެ ފިޔަވަޅު މުށިތަކުގެ މަތީގައި ތަތްވިއެވެ. އެހެން ދިމާލަކަށް އޭނާއަށް ނަޒަރު ބަދަކުކޮށް ނުލެވުނެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ނިދާ ކޮޓަރި އާ ހަމައަށް ގޮސްފައި ނަޒާން ހީލިއެވެ. ބޮޑުވާ އިނގިލިކޮޅުން ފައިބަން ތައްޔާރަށް އިން ކަރުނައެއް އޭނާ ފޮހެލިއެވެ. ދެން ހީލަފައި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

********

މަންޝާ ނޫން އެހެން އެންމެން ފުރަން ހަމަޖެހިފައިވާ ތަނަށް ޖަމާވެފައި ތިއްބެވެ. ބައެއް މީހުން އަތިރިމަތިން ރުއްގުޅިތަކުގައި އިށީނދެގެން ތިބި އިރު އަނެއްބަޔަކު ތިބީ ކޮޅަށެވެ. އިރުކޮޅަކާ ދިލްޝާދު މަންޝާގެ ނަންބަރަށް ގުޅާލައެވެ.

"ޒަވީ ދާންވީނުން މަންޝާ ގޮވައިގެން އަންނަން. ފާހާނާއަށް ވަންނަންޖެހުނީމަ އަނބުރާލާފަ ގެއަށް ދިޔައީ އޯ ބުނީ" ދިލްޝާދު ބުންޏެވެ.

"ފޯނު ބާއްވާފަ އާދެވުނީމަ ޒާންވެއްޖެ ގެއަށް ގޮސް. އަޅުގަނޑު ގުޅާފަ ބުނިން ގޮވައިގެން އަންނާށޭ. މަންއަށްވެސް ގުޅިން. އަހްތަރުބެގެ ސައިކުގަ ޒާން ދިޔައީ" ޒަވީ ބުންޏެވެ. ދިލްޝާދުގެ ތުންފަތަށްވެރިވީ މާނަފުން ހިނިތުންވުމެކެވެ.

*******

ގެއިން ނުކުތް މަންޝާ އެރީ ދޮރުމަތީގައި އިން ނަޒާންގެ ފަހަތަށެވެ. ދަތުރު ދިޔުމަށްޓަކައި ހުރިހާ ފިރިހެނުން ހުދުކުލައިން ޓީޝާޓް ލައިގެން ތިބުމުން މަންޝާއަށް ހީކުރެވުނީ ގޭ ކައިރީގައި އޭނާ ބަލާ އައިސް އިނީ ޒަވީ ކަމަށެވެ. ބަލާ އަންނަންވީތޯ އަހަން އޭނާއަށް ގުޅީވެސް ޒަވީއެވެ. މަންޝާ އެރުމާއެކު ނަޒާން ހުޝިޔާރުވެ ސައިކަލް ކުރިއަށް ދުއްވާލިއެވެ. މަގުގެ މެދަކާ ހަމައަށް ދެވުނު އިރުވެސް ނަޒާން އިނީ ބަހެއް ނުކިޔައެވެ. އޭނާއަކީ ކާކުކަން އެނގޭ ހިސާބުން މަންޝާ ސައިކަލުން ފުންމާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. އެހެންވިޔަސް ލޯބިން ސަމާސާއެއްކޮށްނުލާ އިންނަހިތެއްވެސް ނުވިއެވެ. ޔަގީނުންވެސް އެވަގުތުކޮޅު ވާނީ އޭނާގެ ހިތުގައި ރައްކާކުރެވޭ މަންޝާގެ ލޯބީގެ ހަނދާނަކަށެވެ.

"އަދި ކައިރިއަށް ޖެހިބަލަ... ތިމޫނު ބުރަކަށީގައި ޖައްސާލިޔަސް އޯކޭ އޭ"

ނަޒާންގެ އަޑު އިވުމުން މަންޝާ ހައިރާންވެ އަނގަ ހުޅުވުނެވެ. ބަލައިލެވުނީ ނަޒާންގެ ބަނޑުގެ ދެފަރާތުން ހިފަހައްޓައިގެން އިން އޭނާގެ ދެއަތްތިލައަށެވެ. އަވަސް އަވަހަށް އަތް ދުރުކޮށްލާފައި ކުޑަކޮށް ދުރަށްޖެހުނެވެ. ސައިކަލުގެ ދުވެލި ނަޒާން ބާރުކޮށްލީވެސް ހަމަ އެވަގުތުއެވެ. މަންޝާއަށް ޖެހުނީ ކުރިން އިންހެން ނަޒާންގެ ގައިގައި ހިފަހައްޓައިގެން އިންނާށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟