ތައިލެންޑުގެ އުމުރުން 52 އަހަރުވީ ދަނޑުވެރިޔަކު އޭނާގެ 56 އަހަރުވީ ލޯބިވެރިޔާއާ ބައްދަލުކޮށް ކައިވެނިކުރުމަށް ޓަކައި 1200 ކިލޯމީޓަރުގެ ދިގު ހިނގުމެއް ހިނގައިފިއެވެ.
އުމުރުން 52 އަހަރުވީ ސުތެޕަކީ ތައިލެންޑުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ނަޚޮން ނަޔޮކް ޕްރޮވިންސްގައި ދިރިއުޅޭ މީހެކެވެ. ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސަތުންގައި ދިރިއުޅޭ އުމުރުން 56 އަހަރުގެ ތަނަޕާއާ އޭނާ އެންމެ ފުރަތަމަ ދިމާވެ ރައްޓެހިކަން އުފެދުނީ މީސްމީޑިއާ މެދުވެރިކޮށް އޮންލައިނުންނެވެ. މިރައްޓެހިކަން ލޯތްބަށް ބަދަލުވީ މީގެ ފަސްމަސް ކުރިންނެވެ.
އުމުރުގެ ގޮތުން ހަތަރު އަހަރު ދޮށީ އަންހެނަކާ ކައިވެނިކުރުމަށްޓަކައި ފައިމަގުގައި ހިނގާފައި ސުތެޕްގެ ދަތުރު ފެށީ މީގެ ތިންމަސް ކުރިންނެވެ. މިގޮތަށް ދަތުރުފެށީ އިންނަން ބޭނުންކަމަށް ވަންޏާ، އަދި ލޯބީގައި ސީރިއަސް ކަމަށްވަންޏާ ހިނގާފައި ނުވަތަ ދުވެފައި އައުމަށް އަންހެންމީހާ އެދުމުންނެވެ. މިދަތުރު ފެށިފަހުން ސުތެޕް ކޮންމެ ދުވަހަކުވެސް ހިނގައިފައި ނުވަތަ ދުވެފައި 39 ކިލޯމީޓަރު ކަޑައްތު ކުރިއެވެ. މި ހަފުތާގެ އަންގާރަދުވަހު އަންހެންމީހާއާ ހަމައަށް އޭނާއަށް ވާސިލްވެވުނީ މިގޮތުން ގާތްގަނޑަކަށް 1200 ކިލޯމީޓަރު ކަޑައްތު ކުރިފަހުންނެވެ.
ދިގު ހިނގުމެއްގެ ސަބަބުން ވަރަށް ފިޓްވެފައިހުރި ސުތެޕަށް އަންހެންމީހާ ދިރިއުޅޭ އަވަށާ ހަމަޔަށް ދެވުނު ދުވަހަކީ ފެބްރުއަރީ ސާދައެވެ. ހަމައެދުވަހު ސުތެޕް ވަނީ ތަނަޕާ ގޮވައިގެން ތުންގްވާ ޑިސްޓްރިކްޓްގެ ރަޖިސްޓްރޭޝަން އޮފީހަށްގޮސް ކައުންސިލަރުގެ ހާޒިރުގައި ކައިވެނިކޮށްފައެވެ. މިއީ ތަނަޕާގެ ދެވަނަ ކައިވެންޏެވެ. ކުރީގެ ކައިވެނި މީގެ ދިހަ އަހަރު ކުރިން ވަރިޔަކުން ނިމިފައިވާއިރު އެ ކައިވެނިން ލިބުނު ދަރިންތައްވެސް ވަނީ ބޮޑެތި ވެފައެވެ. ސުތެޕާއި ސަނަޕާވެސް ބުނެފައިވަނީ މިއީ މީސްމީޑިޔާގެ ސަބަބުން ފޮޅުނު ލޯބީގެ މަލެއް ކަމަށާއި ހުރިހާވެސް ޝުކުރެއް މީސްމީޑިއާއަށް ކަމުގައެވެ.