ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ގޮތެއް ނިންމުމަށް މިރޭ ބާއްވަން ހަމަޖައްސާފައިވާ ގައުމީ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ ފަށާނީ 20:30 ގައި އިއްޒުއްދީން ސްކޫލުގައެވެ.

އެމްޑީޕީގެ ދެ ވަނަ ދައުރެއްގައި ވެސް ކޯލިޝަނަކާ އެކު ކުރިއަށް ދިއުމުގެ މަޝްވަރާތަކަށް މިރޭ ގޮތެއް ނިންމާއިރު، މި ސަރުކާރަކީ ކޯލިޝަން ސަރުކާރެކެވެ. އެގޮތުން މި ވެރިކަން އުފެއްދީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ ކޯލިޝަނަކުންނެވެ.

އެމްޑިީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ދައުރެއް ކާމިޔާބުކުރެއްވޭނީ ކޯލިޝަނަކާއެކުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވެން އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ސިޔާސީ ޕާޓީއަކުން ކުރިއަށް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކުރަން ނިންމާފައެއް ނުވެއެވެ.