Close
ޚަބަރު

އުމަރު ޒާހިރުގެ ހިދުމަތުން ލިބޭ ފުރަތަމަ ފިލާވަޅަކީ ގައުމަށްޓަކައި ތެދުވެރިވުމާއި އިހުލާސްތެރިވުން: ރައީސް

މިދިޔަ އަހަރު އަވަހާރަވި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ގައުމަށް ކޮށްދެއްވި ހިދުމަތުން ލިބޭ ފުރަތަމަ ފިލާވަޅަކީ ގައުމަށް ޓަކައި ތެދުވެރިވުމާއި އިހްލާސްތެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ،

ހުޅުމާލޭގައި މަރްހޫމް އުމަރު ޒާހިރުގެ ނަމުން ނަން ދީފައިފައިވާ ސަރުކާރުގެ އޮފީސް އިމާރާތް މިއަދު ހުޅުއްވައިދެއްވައި ރައީސް ސޯލިހު ވިދާޅުވީ، އުމަރު ޒާހިރަކީ 49 އަހަރު ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ހުޅުމާލެ ހިއްކުމާއި މާލޭގެ މަގުތަކާއި މާލޭގެ ވަށައިގެންލާފައިވާ ބޮޑުހިލައިގެ ތޮއްޓަކީވެސް އުމަރު ޒާހިރުގެ ދައުރު ވަރަށް ބޮޑަށް އޮތް މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުމަރު ޒާހިރު ފާހަގަވެފައިވަނީ ހަވާލު ކުރެވޭ މަސައްކަތްތައް ވަޒީފާއެއްގެ ގޮތުގައި ކުރުމަށްވުރެ، އަމިއްލަފުޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

"އުމަރު ޒާހިރުގެ ހިދުމަތުން ލިބޭ އެންމެ ފުރަތަމަ ފިލާވަޅަކީ ގައުމަށްޓަކައި ތެދުވެރިވުމާއި އިހްލާސްތެރިވުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ވެރީންގެ ހިތްތަކުގައި އުމަރު ޒާހިރަށް ލޯތްބާއި އިތުބާރު އުފެދުނީ މައިގަނޑު ތިން ސަބަބަކާ ހުރެ ކަމަށެވެ. އެއީ އަނެކުންނަށް އިހުތިރާމުކުރުމާއި ގަޑިއަށް ފަރުވާތެރިވުމާއި ވަޒީފާގެ އަހުލާގަށް ދެއްވި ސަމާލުކަން ކަމުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އުމަރު ޒާހިރުގެ ކިބައިން ފެނުނު ސިފަތަކީ ކޮންމެ މީހެއްގެ ގައިގައިވެސް ހަރުލައްވަން ޖެހޭ ސިފަތަކެއް ކަމަށެވެ.