ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ، ކަސްޓަމްސްއަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެން، މިއަދު ހެނދުނު ފަރެންސޭސީ ވިލާތުން ރާއްޖެ އައި 50 އަހަރުގެ ލެޓްވިއާ ފިރިހެން ފަސިންޖަރަކު ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އެތެރެ ހަށީގައި މަސްތުވާތަކެތި ހުރިކަމުގެ ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުން ކަމަށެވެ.

އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ކެޕްސޫލް ދިރުވާލާފައިވާތީ، އެތަކެތީގެ ބަރުދަނާއި އަދަދު ބަލައި، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާއެކު ލެޓްވިއާގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.