ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އައްޑޫސިޓީގެ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށްޓަކައި ސަރުކާރަށް ކޮށްދެވެން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމް މިނިސްޓަރު ހާޒިރުވާ ކޮންމެ ފަހަރަކުހެން، ޝަންގްރިއްލާ ވިލިނގިލި ހުޅުވުމުގެ ކަންތައް ލަސްވާ މައްސަލައިގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުން މިނިސްޓަރާ ސުވާލު ކުރައްވައެވެ.
އެތަން ހުޅުވުމަށް އެ ޕްރޮޖެކްޓް ހިންގާ ފަރާތަށް ސަރުކާރުން ގެންދަނީ ތަފާތު ލުއިތައް ދެއްވަމުންނެވެ.
ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެން އެސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް އެތަން ހުޅުވުމަށްޓަކައި ސަރުކާރުން ކޮށްދޭން ނިންމާފައިވާ ކަންތަކުގެ ތަފްސީލު ދެއްވިއެވެ.
ޝަންގްރިއްލާ ހުޅުވުން ލަސްވުމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއި ޓޫރިޒަމް މިނިސްޓަރު މައުސޫމާ ސުވާލު ކުރެއްވީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.
އޭނާ ވިދާޅުވީ، ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ރެކޯޑް އަދަދަކަށް އާމްދަނީ ލިބި ރެކޯޑް އަދަދަކަށް ފަތުރުވެރިން ވެސް ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނައިރު، މިނިސްޓަރު ވިދާޅުވާހެން އައްޑޫސިޓީގެ ޝަންގްރިއްލާ މިއޮންނަނީ ގަލުގައި އަޅާފައި ކަމަށެވެ.
އެއަށްފަހު "މި ގަލުން ނައްޓައި އައްޑޫގެ ބޮޑު އާބާދީގެ ރައްޔިތުންގެ އުއްމީދާ އެއްގޮތަށް އެތަނުން ފަތުރުވެރިންނަށް ހިދުމަތް ދެވި ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ ލިބި އަދި ސަރުކާރަށްވެސް އާމްދަނީ އިތުރުވާނެ ގޮތަކަށް އެކަން ކުރެވިދާނެ ކަމަށް އަންދާޒާ ކުރެވެނީ ކިހާ ހިސާބެއްގައިތޯ،" މެންބަރު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ އަމިއްލަ ވިޔަފާރިއެއް ނަމަވެސް، ޝަންގްރިއްލާ ހުޅުވޭނެ ކަމަށް މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް އުއްމީދު ކުރެއްވި ކަމަށެވެ.
އެކަމަށް ޓަކައި "ސަރުކާރުން ކޮށްދެވެން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފިން، އެއީ ކުލި ވަރަށް ކުޑަ ކޮށްދީފިން، ދެން ސަރުކާރުގެ އޮތް ޝެއާ ދޫކޮށްލުމާ މެދު، އެ ދާއިރާގެ މަޖިލިސް މެންބަރުންނާއި، ކައުންސިލް މެންބަރުން ޝާމިލުވާ ގޮތަށް މަޝްވަރާކޮށް ވާހަކަ ދެކެވިފައިވަނީ، އެކަންތައް ނިމުމާއެކު ދެން އެ ރިސޯޓު ހަދަން ފެށުމުގެ ކަންތައް އޮންނާނެ ކަމަށް،" ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ސަރުކާރުން ނިންމި ނިންމުން އެ ފަރާތާ ހިއްސާކޮށްފައިވާ ކަމަށާއި، އެފަރާތުން އެކަމަށް ޖަވާބު ދިނުމުން އެކަންތައް ކުރިއަށްދާނެ ކަމަށެވެ.
އެހެން ކަމުން މިއަހަރުގެ ތެރޭގައި އެތަން ހުޅުވޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު