ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ދުވަސް ކަނޑައަޅައި އަންގާނެ ކަމަށް ސައުދީ ސަރުކާރުން ބުނި ނަމަވެސް، އެ މިސްކިތް ރަސްމީކޮށް އަދިވެސް ހުޅުވިފައި ނުވަނީ، އެ މިސްކިތް ހުޅުވާނެ ވަކި ދުވަހެއް މިހާތަނަށްވެސް އަންގާފައި ނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިދިޔަ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފެށި ނަމަވެސް، އަދިވެސް ރަސްމީކޮށް މިސްކިތް ހުޅުވާފައި ނުވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކިންގް ސަލްމާން މިސްކިތަކީ، ސައުދީ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާކުރި މިސްކިތެކެވެ. އެ މިސްކިތުގައި ނަމާދު ކުރުމަށް މިސްކިތް ވަގުތީގޮތުން ހުޅުވާލީ، މިދިޔަ އަހަރުގެ އޭޕްރީމް މަހުގެ އެއްްވަނަ ދުވަހުއެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް އެ މިސްކިތް ހުޅުވާފައެއް ނުވެއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ކުރިއަށްގެންދިޔަ މަސައްކަތަކަށް ވުމާއެކު، މިސްކިތް ރަސްމީކޮށް ހުޅުވުމުގައި ސައުދީ ސަރުކާރުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތު އައުމުގެ ކުރީގައި، މިސްކިތް ހުޅުވުމާބެހޭގޮތުން ސައުދީ ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، އެކަމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށްގެންދިއުމަށް ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑުގެ ހާލަތަށްފަހު، މިހާތަނަށް އައިއިރުވެސް، އެކަމަށް ސީދާ ތާރީހެއް ކަނޑައަޅިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަކީ 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ހަދާފައިވާ ކޮށްފއިވާ މިސްކިތެކެވެ. މި މިސްކިތުގެ އެތެރެބައިގައި 4000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި ގޯތިތެރެއާ އެއްކޮށް 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ.