ކޮޓަރި ލޮކްކުރި ގޮތަށް މަންޝާ އެނދުގައި އިށީނެވެ. ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. އިރުކޮޅަކުން ތެދުވެގެންގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ތުންފަތް ކައިރިން ރަތްކުލައިގެ ލިޕްސްޓިކް ފޭދިފައި ހުރިތަން ފެނުމުން މަންޝާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
********
ކުޅިވަރުތައް ބަލަން މުޅި ރަށް އޮތީ ކުޅިވަރު މައިދާނަށް ޖަމާވެފައެވެ. ބޮޑެތި މީހުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން މާލި ހެދިގެން އުޅުނެވެ. މުޅި ރަށް ފޯރިނަގަމުން ދިޔައިރު އީދުގެ އެއްވެސް ފޯރިއެއް ނެތީ މަންޝާއެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. ކައިރީގައި ހުރި ދިލްޝާދަށް އެކަން ފާހަގަވުމުން މަންޝާގެ އަތުގައި ކޮށްޓާލިއެވެ.
"ބަލީތަ؟" މަންޝާ ބަލައިލުމާއެކު ދިލްޝާދު އެހިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.
"ދެން ކިހިނެއްވެފަ މާ މަޑުމަޑުން ތިހުންނަނީ" ދިލްޝާދު އެހިއެވެ.
"ކަމެއްނުވޭ. މަންމާ، ހިނގާ މާލެދާން ފުރަން" މަންޝާ ބުންޏެވެ.
ކަމެއްނުވާ ކަމަށް މަންޝާ ބުންޏަސް ކޮންމެސް ކަމެއްވެއްޖެކަން މަންޝާ ބުނި ޖުމްލައާއެކު ދިލްޝާދަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އިތުރަށް މަންޝާ އާ އެތަނުގައި ސުވާލުކުރާކަށް ނޫޅުނެވެ.
********
ރޭގަނޑެވެ. ކެއުމުގެ ފަހުން އަނެއްކާވެސް ރަށުތެރޭގައި އީދުގެ ހަރަކާތްތައް ފެށުނެވެ. ކުޅިވަރު މައިދާނަށް ހުރިހާ މީހުން ޖަމާވާން ފެށިއެވެ. އެދިމާލަށް ދާން ހިނގައިގަނެފައި ތިއާ އެނބުރި ބަލައިލިއެވެ. ނަޒާން އަންނާކަށް ނޫޅުނެވެ. ގޭދޮރުމަތީ ހުރި ޖޯލީގައި ނަޒާން އޮތެވެ. އޭނާގެ ނަފުސަށް ހިމޭން ކަމެއް ވެރިވެފައިވާކަން ހަވީރުއްސުރެ ތިއާއަށް ފާހަގަވިއެވެ. އެހެންޏާ ވާހަކަދައްކާ ސަމާސަ ކުރިޔަސް އެކަމެއް ނެތެވެ. ނަޒާން ރަނގަޅަށް ނުކާކަންވެސް ތިއާއަށް ފާހަގަވިއެވެ.
"ދޮންބެ ކިހިނެއްވެފަ؟" ތިއާގެ އަތަށް ނަވާލް ދަމައިލުމާއެކު ހުއްޓިފައި ތިއާ ބުންޏެވެ. އެވަގުތު ނަވާލް ބަލައިލިއެވެ. ނަވާލަށްވެސް ނަޒާންގެ ތަފާތު ހިމޭންކަން ފާހަގަވިއެވެ.
"އެ ގްރޫޕާއެކު ތިއާ ދާންވީނުން. އަހަރެން ދާނަން ދޮންބެ ގޮވައިގެން" ނަވާލް ބުންޏެވެ. ތިއާ ބޯޖަހާލާފައި އަހުތަރުގެ ދެ އަންހެން ދަރީންނާއެކު ހިނގައިގަތެވެ. ވަކި ހިސާބަކުން ޔަލާ އާއި ނާޔާގެ އިތުރުން މަންޝާވެސް އެ ގުރޫޕާ ގުޅުނެވެ.
"ދޮންބެދައްތާ، ދޮންބެއަށް ކިހިނެއްވެގެން އެއުޅެނީ؟" ނާޔާ އެހިއެވެ. އެވަގުތު މަންޝާގެ ކަޅި ނާޔާއަށް ދަތުރުކޮށްލިއެވެ. ހަމަ އެހިނދުގައި އޭނާގެ ސަމާލުކަން ނާޔާއަށް ނުދިނުމުގެ ގޮތުން އަތުގައި ފޯނަށް ނަޒަރެއްދިނެވެ.
"ނޭނގެ. ވަރަށް ފާޑަކަށް އެ އިންނަނީ" ތިއާ ބުންޏެވެ.
ތިއާ ބަލައިލީ މަންޝާގެ މޫނަށެވެ. ނަޒާނާއި މަންޝާ އާ ދެމެދު ޒުވާބެއް ހިނގީ ކަމެއް ނުވަތަ އެހެންކަމެއް ހިނގީކަމެއް ކަނޑައެޅިގެން ބުނާކަށް ތިއާއަށް ނޭނގެއެވެ. އެނގެނީ ހަވީރު މަންޝާ އާއި ނަޒާން ބައްދަލު ކުރިކަމެވެ. ތިއާއަށް އެކަން އެނގުނީ ކޮންމެހެން އެވާހަކަ ނަޒާން ބުނެގެނެއް ނޫނެވެ. މަންޝާގެ ކޮޓަރީ އެނދުމަތިން އޭނާއަށް ނަޒާންގެ ފޯނު ފެނުނެވެ. އޭނާ އެކޮޓަރިން ނުކުތީ އެ ފޯނު ހިފައިގެންނެވެ. އެކަމެއް މަންޝާއަށް ވެސް އަދި ޔަލާއަށް ވެސް ނޭނގޭކަން އޭނާއަށް އެނގެއެވެ. ހަވީރު ކުޅިވަރު އޮތްތަނަށް ދަމުން އެ ފޯނު ތިއާ ނަޒާނާ ހަވާލުކުރިއެވެ. ނަޒާން ހުރިގޮތުން ކަމެއް ގޯސްވީހޭ އެވަގުތުވެސް ތިއާ އެހިއެވެ. ނަޒާން ދެފަރާތަށް ބޯހޫރާލިއެވެ. ކުއްލިއަކަށް ތިއާގެ ހިޔާލަށް އައީ ހަވީރު އެކޮޓަރިއަށް ވަންއިރު މަންޝާ ހުރިގޮތެވެ. މަންޝާގެ ދެލޮލުން ޖެހިލުންވުމާއި ސިހުން އޭނާއަށް ފެނުނެވެ. ތިއާ ހިތަށް އެރިއެވެ. އެވަގުތުވެސް ނަޒާން އެކޮޓަރި ތެރޭގައި ހުންނާނެތާއެވެ. އަނެއްކާ ކައިވެނިން ބޭރުން.... ނޫނެކެވެ. އެހެނެއްނުވާނެއެވެ. ދެ ޒުވާނުންނަކީވެސް އޭހާ ކޮށި ވިސްނުން ގެންގުޅޭ ދެ ޒުވާނުންނެއް ނޫނެވެ. ތިއާ ދެފަރާތަށް ބޯހޫރާލިއެވެ. ފަހުން އޭނާ އެވާހަކަ ނަޒާނާ ދައްކާނެއެވެ.
*******
އަނދިރިކަން ވެރިވެފައިވާ އުޑަށް ބަލަހައްޓައިގެން ނަޒާން އޮތެވެ. އެފަދަ ފުން ފިކުރެއްގެ ކަނޑަކަށް އޭނާ ގެނބިގެންނުދާތާ އެތައް ދުވަހެކެވެ. ހަގީގީ ދިރިއުޅުމުގައި އޭނާއަކީ ވިސްނުންތަކާއި ފިކުރުތަކާއި ބީރައްޓެހި އަމިއްލަ މިނިވަން ދުނިޔެއެއްގައި ދިރިއުޅެމުން އައި ޒުވާނެކެވެ. އެހެން އުޅެނިކޮށް އޭނާގެ ޒުވާން ހިތުގައި ކޮށްޓާލި ޒުވާން އަންހެންކުއްޖާ އޭނާގެ ހިތް ބަދަލުކޮށްލިއެވެ. މަންޝާއަށް އޭނާ ލޯބި ހުށަހެޅީ އެކަން ނާކާމިޔާބުދާނެކަން އެނގި ހުރެއެވެ. އެކަންވީވެސް އެހެންނެވެ. މަންޝާގެ ކުރިމަތީގައި އޭނާ ހިތްހުޅުވާލި އިރު އެހިތް ވަނީ އެހެން މީހަކު ގެންގޮސްފައެވެ. އޭނާއަކީ އެއްވެސް ކަމެއްގައި އެހާ ފަސޭހައިން ހިތްވަރު އެލުވާލަން ބޭނުންވާ މީހަކަށް ނުވާތީ އެލޯބި ލިބޭނެ ކަމަށް އޭނާ އުންމީދު ކުރިއެވެ. މަންޝާގެ ފަސްފަހަތުން އޭނާއަށް އުޅެވެނީ ހިތަށް ލިބިފައިވާ އުންމީދުގެ ހުޅުކޮޅު ފަނޑުނުވާތީއެވެ. އެހެންނަމަވެސް މިއަދު ވެގެން އެދިޔަ ކަންތަކުން އޭނާ އިނީ ހުދު އޭނާގެ އަމިއްލަ ނަފުސުދެކެ ހިތްހަމަ ނުޖެހިފައެވެ. އެއީ އޭނާ ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭނާ މަންޝާދެކެ ވީ ވަގުތީ ލޯތްބެއް ނޫނެވެ. އެލޯތްބަށް އޭނާ ގަދަރުކުރެއެވެ. ނުބައި ނިޔަތެއްގައި މަންޝާގެ ހަށިގަނޑުގައި އިނގިލީ ކުރި ޖައްސަންވެސް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ފަހު ވަގުތުގައި ވީގޮތެއް އޭނާއަށް ނޭނގުނެވެ. އަމިއްލަ ނަފުސު ކޮންޓުރޯލު ނުކުރެވުނީތީ އޭނާ އަމިއްލަ ނަފުސަށް އަޑުލިއެވެ. މަންޝާ އޭނާ އާ މެދު ދެކޭނީ ކޮންފަދަ ނަޒަރަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް ގެއްލިއްޖެ ވަގުތަކީ އަނބުރާ އިއާދަ ވާނެ އެއްޗެއް ނޫނެވެ. އޮތް ގޮތަކީ އެކުށަށް މަންޝާގެ ކިބައިން މައާފަށްއެދުމެވެ. އެފަދަ ކުށެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ. އޭނާ އެއީ އެކަހަލަ މީހެއް ނޫންކަން މަންޝާއަށް ސާބިތުކޮށްދިނުމެވެ. ފާއިތުވެގެންދިޔަ ދެތިން ގަޑިއިރުގެ ތެރޭގައި މަންޝާ އާ ވާހަކަދައްކަން އޭނާ މަސައްކަތް ކުރިއެވެ. އޭނާ ހުންނަ ތަނެއްގައި ހުންނަންވެސް މަންޝާ ބޭނުމެއް ނުވެއެވެ. އެންމެފަހުން މަންޝާ ފޮނުވީ މެސެޖެކެވެ. އަންގާފައި އޮތީ ނަޒާނާ ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނާގޮތަށް ކޮންމެ ފަހަރަކު މަންޝާ ރުހިގެން ހުންނާތީ އެކަމުގެ ނާޖާއިޒު ފައިދާ ނެގީ ކަމަށް ބުނެފައި އޮތެވެ. އޭނާއަކީ ނަޒާން ހީކުރާ ކަހަލަ އަންހެންކުއްޖެއް ނޫންކަމަށް ބުނެފައި އޮތެވެ. އެނާއަށް ރަނގަޅީ ނަޒާން އޭނާ އާ ދުރުގައި ހުރުންކަން ބުނެފައި އޮތެވެ. ވީކަމެއް ނުވާނެ ކަމަކަށް ނެހެދޭނެ ކަމަށްވެސް ބުނެފައި އޮތެވެ. އެންމެފަހު އެއްޗަކަށް އޭނާ ބުނެފައި އޮތީ އޭނާގެ ކުރަން އުޅޭ ކައިވެންޏަށް އެޅޭ ހުރަހަކަށް ނަޒާން ނުވުމަށް އެދިފައެވެ. އަދި އެކައިވެންޏަކީ އޭނާވެސް އެ ފިރިހެންކުއްޖާ އާ ކުރާ ސަމާސާ އެއް ނޫން ކަމަށް ބުނެފައި އޮތެވެ. ނަޒާންގެ ސިކުނޑި ސުމަކަށް ދިޔައީ މަންޝާ އާ ދުރުގައި ހުންނާނެ ގޮތެއް އޭނާގެ ސިކުނޑިއަށް ނުވިސްނުމުންނެވެ. ދުވަހަކުވެސް ނުވާހާ ދެރަ އޭނާ ވެއްޖެއެވެ. ނުވިސްނާ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އޭނާގެ މުޅި ރޫހު މަރުވެއްޖެއެވެ. މަންޝާގެ އިތުބާރަކީ އޭނާއަށް އެންމެ މުހިންމު އެކައްޗެވެ. އިތުރަށް މަންޝާ ހިތްހަމަ ނުޖެހޭ ކަމެއް ކުރުމަކީވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މަންޝާގެ ހިތްހަމަޖެހުމަކީ އޭނާގެވެސް ހިތްހަމަޖެހުމެވެ. އެހެންނަމަވެސް އެ ލޯތްބާ ނުލާ ދިރިއުޅުން އޭނާއަށް ވާނީ ދިރިހުރިހާ ހިނދަކު އަމިއްލަ ނަފުސަށް ލިބޭ އަޒާބަކަށެވެ. މަންޝާދެކެ ވެވުނު ހިފެހެއްޓުމެއް ނެތް ލޯތްބަށްފަހު އޭނާގެ ހިތް ބަލިކަށިވެއްޖެއެވެ. އޭނާގެ ހިތަށް ހިތްހަމަޖެހުމެއްވެސް ހިތާމައެއްވެސް ލިބޭނީ މަންޝާ ކުރާ ކަމެއްގެ ސަބަބުންނެވެ. އޭނާގެ ހިތަކީ މިހާރު އޭނާގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫނެވެ. އޭނާގެ ހިތް އޭނާގެ ސިކުނޑިއަށް ކިޔަމަނެއް ނުވެއެވެ. ވީއިރު އަދިވެސް މަންޝާގެ ފަހަތުން އޭނާގެ ހިތް ނުދާނެކަމުގެ އެއްވެސް ޔަގީން ކަމެއް އޭނާއަށް ނެތެވެ. މަންޝާގެ ރުހުން ލިބެންދެން އޭނާގެ ހިތް އާދޭސް ކުރާނެއެވެ. މަންޝާގެ ހިތްހަލާލު ނުލިބޭހާ ހިނދެއްގައި އޭނާގެ ހިތް ރޯނެއެވެ. އޭނާގެ ދީވާނާ ހިތުގެ ފަރުވާއަކީ މަންޝާގެ ލޯތްބެވެ. އެކަން މަންޝާއަށް ވިސްނޭނެ ނަމައެވެ. އޭނާ ބައްޔެވެ. އޭނާއަށް ފަރުވާދެވޭނެ ޑޮކްޓަރަކީ މަންޝާއެވެ.
"ދޮންބޭ......" ނަވާލް ގޮވާލީ ތަންކޮޅެއް ބާރަށެވެ. ކައިރީގައި އިން ނަވާލް ފެނިފައި ނަޒާން ހީލެވޭތޯ އުޅުނެވެ.
"ކޮންފިކުރެއްގަ. ތިން ހަތަރު ފަހަރު ގޮވާލައިފިން. ބަލީތަ؟" ނަވާލް ބުންޏެވެ.
"ނޫނޭ. މީ ހަމަ ދުނިޔޭގަ ހިނގާ ކަންކަމާމެދު ވިސްނާލަން އޮތީ. ބަލާބަލަ ކަންތައްތައް ވާގޮތް. އެމެރިކާގެ ކެލިފޯނިއާގައި ކާރެއްގެ ތެރެއަށް ކުޑަކުއްޖަކު ދޫކޮށްލާފައި މަންމަ ފިލައިފި. ޗައިނާގައި އެގައުމުގެ ފިރިހެނަކު އުޅެނީ ކުކުޅަކާ އިނދެގެން. ނުވީތާކަށް ބްރެޒިލްގެ އަންހެނަކު ވެނީލާ ކޭކަކާ އެންގޭޖްވެއްޖެ. ކައިލީ އޭނާގެ ދަރިފުޅު ގޮވައިގެން ރެސްޓޯރެންޓަކަށް ގޮސް ކައި ނިންމައިގެން ގެއަށް ދިޔައީ ހަނދާން ނެތިގެން ދަރިފުޅު ނުލާ. ޑެންމާކުގައި ސައިބޯނި ކައި އުޅޭ އަންހެނުން ގިނަވެގެން އެ ގައުމުގެ ވިޔަފާރިވެރިން އަންހެނުންނަށް ސައިބޯނި ވިއްކުން ހުއްޓާލައިފި. ކޮސްޓަރިކާގެ ސަރުކާރުން އެ އަންގަނީ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ދަރިއެއް ކަމަށް. އެގައުމުގެ އާބާދީ މާގިނަވަނީ އޯ. މިކަންކަމާ ވިސްނާލަން މިތާ ހަމަ އޮތީ" ނަޒާން ވާހަކަދެއްކިއެވެ. ނަވާލް ހޭން ފެށިއެވެ. އެނޫނީ ނަޒާން ބުނި އެއްޗަކާމެދު ނަވާލް އެހާ ބާރަށް ހީނފައެއް ނެތެވެ. އެންމެފަހުން ނަޒާނަށްވެސް ހެވުނެވެ.
"އެކަމަކު އިނގޭ ދޮންބެ ތި ވިސްނަނީ ތިބުނި ކަންކަމާ ނޫންކަން.... އަނެއްކާ ދޮންބެގެ މާރަނގަ. ހަބަރެއް ނެތްތަ؟ ބުނީމެއްނު މަޅިފަތި އެއްލައިގެން އުޅޭ ވާހަކަ" ނަވާލް ބުންޏެވެ. ނަޒާންގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިޔަސް ދޮންބެގެ އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ހިތްދަތިކަން ނަވާލަށް ސިއްރެއް ނުވިއެވެ.
"އެވާހަކަ ނުދައްކާ. އެކަން ދޮންބެއަށް ނުވި. ދޮންބެ އެހާ ނަސީބު ގަދައެއް ނޫން" ނަޒާން ބުންޏެވެ.
"މިހާރު އެނގިއްޖެ. އެކަމާ ވިސްނަނީ ދޯ. އެވަރަށް ނުވިސްނަބަލަ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން" ނަވާލް ބުންޏެވެ.
"އޭނަ އުޅެނީ މެރީކުރަން. ދޮންބެއަށް ވުރެ ކުރިން އެކުއްޖާގެ ހިތް އެހެން މީހަކު ގެންގޮސްފި. ދުވަހަކުވެސް ދެން ދޮންބެއަށް އެކުއްޖާ ލިބޭނެ ކަމެއް ނޭނގެ" ނަޒާން ބުންޏެވެ. ނަޒާންގެ އަޑުގައި ރިހުމެއްގެ އަސަރު ހުއްޓެވެ. އެކަން ނަވާލަށް ފާހަގަވެސްވިއެވެ.
"އެހާ އަވަހަށް ގިވްއަޕް ނުކޮށްބަލަ. ރީތިކުއްޖެއް ފެނިވެސްދާނެއްނު. ހިނގާބަލަ ކުޅޭތަނަށް ދާން. އެންމެންވެއްޖެ އެތަނުގަ. ކިހިނެއް އެނގެނީ އެތަނުން ދޮންބެގެ ހަގީގީ ޑްރީމްގާލް ނުފެންނާނެ ކަމެއްވެސް" ނަވާލް ބުންޏެވެ.
ތެދެކެވެ. މަންޝާ އެއީ އޭނާގެ ހުވަފެނުގެ އަދި ހޭލާ ހުއްޓަސް ތާއަބަދު އޭނާގެ ހިތުގައިވި ކަމަނާއެވެ. ކުޅޭތަނުގައި މަންޝާ ހުންނާނެއެވެ. ވާހަކަނުދެއްކިޔަސް އެ މޫނު ފެނުނަސް އެއީ އޭނާއަށް ވަރަށް ބޮޑުވަރެވެ.
"ޔަގީންތަ؟.... ދާންވީތަ؟..." ނަޒާން އެހިއެވެ.
"އާއެނކޭ... ތިހެން ފިލައި އިނަސް ރީތި ކުދިންނެއް ނުފެންނާނެ. ފެންނާނީ ހޯދަން ނުކުތީމަ" ނަޒާންގެ އަތުގައި ހިފައިގެން ނަވާލް ތެދުވިއެވެ.
*********
ގަޑިން ދިހަގަޑި ބައިވެއްޖެއެވެ. ވަށައިގެން އެއްވެފައި ތިބި މީހުންގެ ތެރެއިން އެއްކުއްޖަކު އަނެއް ކުއްޖަކަށް ގެއްލިއްޖެއެވެ. ނަވާލާއި ތިއާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބުމުން ނަސީބަކުން ކައިރީގައި ތިބެވުނެވެ.
"މިހާރު މީހުން މަދުވާން ފަށައިފި. ގެއަށް ދަމާ" ތިއާ ބުންޏެވެ.
ދެމަފިރިން ހިނގައިގަތްތަނާ ވަކި ހިސާބަކުން އެކަނި ހުރި ނަޒާން ފެނުނެވެ. ތިއާ އާއި ނަވާލް ފެނުމުން ނަޒާން ހީލިއެވެ.
"އެތިބީ ޒަވީ އާއި ޔަލާ" ނަވާލް އާއި ތިއާ އަރާ ހަމަވުމުން ތަންކޮޅެއް ދުރުގައި ތިބި ޒަވީ އާއި ޔަލާ ދައްކާލަމުން ނަޒާން ބުންޏެވެ. އޭނާއަށް ފެންނަ ހިސާބުގައި ދިލްޝާދާއި ސާދާ ކައިރީގައި މަންޝާވެސް ހުއްޓެވެ. އޭނާ ހުރީ މަންޝާއަށް ނުފެންނަ ހިސާބެއްގައެވެ. މަންޝާ ބުނިގޮތަށް އޭނާ ބޭނުންވަނީ މަންޝާއަށް ނުފެންނާށެވެ.
"ކޮބާ ނާޔާ؟" ނަވާލް އެހިއެވެ. ނަޒާނާއި ތިއާ ދެފަރާތް ހޯދައި ބަލައިލިއެވެ. އެހެންނަމަވެސް މީހުންތަކުގެ ތެރެއިން ނާޔާ ލޮލުގައި އަޅައިނުގަތެވެ.
"މިތަނަށް އައިފަހުން ނުދެކެން" ނަޒާން ބުންޏެވެ.
"ތިއެންމެންނާ އެއްކޮށްނު އައީ. ކޮންތާކަށް ދިޔައީ" ތިއާއަށް ނަވާލް ބުންޏެވެ.
"ނަވާލް އައިމަ އަހަރެން އައީ ނަވާލް ކައިރިއަކަށްނު. އޭރު އެންމެން އެއްތަނެއްގައި ތިބީ. ނާއްކޮވެސް ހުރި. އަހަރެން ބުނިން ތަނަކަށް ދަންޏާ އަހަރެންނަށް އެނގިލައްޗޭ. އަނެއްކާ ކޮބައިބާ؟" ތިއާ ކަންބޮޑުވިއެވެ. ހުރިހާ މީހުންގެ ތެރޭގައި ހުރި ކުޑަކުއްޖާ ގެއްލުމުން ނަޒާނާ ނަވާލްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.
"ޒަރޫކްވެސް ނެތެއްނު. ފަހަރެއްގަ ތަންކޮޅެއް އެކޮޅު ތިބެދާނެ. އަހަރެމެން ނުފެނިގެން ކަންނޭނގެ އެއުޅެނީ؟" ނަޒާން ބުންޏެވެ.
"ޒަރޫކް ކައިރީގައި ހުރިއްޔާ ނަސީބެއް. އެއީ ނާއްކޮގެ ޓީޗަރެއް. އޭނަ ނާއްކޮއަށް ބަލާނެ" ނަވާލް ބުންޏެވެ.
"އުނހު. އެހެންކަމަކު ނުދާނެ. ޓީޗަރަކަސް ބަފަޔަކަސް އެހާ އިތުބާރު ކުރާކަށް ނުވާނެ. ހިނގާ ނާއްކޮ ހޯދަން ދަމާ" ތިއާ ބުންޏެވެ.
**********
"ނިދާފަ އޮތީ" ތިއާ ބުންޏެވެ. ދެން މަޑުމަޑުން ކޮޓަރި ދޮރުލައްޕާލާފައި އައިސް ސޯފާގައި އިށީނެވެ. ނަވާލާއި ނަޒާނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. ދިލްޝާދު ބުނިހެން ކުޅިވަރު ބަލަން ހުރެފައި އައިސް ނާޔާ ނިދިއައިސްގެން ނިދީއެވެ. އެކަމަކު ދެބޭބެއިން ކުރެ މީހަކު ކައިރީގައި ނާޔާ ނުބުނެ އައީތީ ނަޒާން އިނީ ހިތްހަމަނުޖެހިފައެވެ.
"ނިދަން ދިޔުމުގެ ކުރިން ކޮފީއެއް ބޯލަންވާނެއްނު" ނަވާލް ބުންޏެވެ.
"ދޮންބެ ބޭނުމެއް ނޫން. އެއޮށް ނުކުތީ ޒަރޫކްވެސް. ތިން ކުދިން ކޮފީ ބޯލާ" ނަޒާން ބުންޏެވެ. ދެން އޭނާ ތެދުވެގެން ހިނގައިގަތެވެ. ކޮޓަރިއަށް ދަމުން މަންޝާ ނިދާ ކޮޓަރިއަށް އޭނާ ނަޒަރެއް އެއްލިއެވެ. ނިދުމުގެ ކުރިން ފަހު ފަހަރަށް އެ މޫނު ދެކިލާހިއްވިއެވެ.
ޒަރޫކްގެ ކުރިމަތިން ތިއާ ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. އޭނާއަށް ޒާތެއްގެ ބެލުމަކުން ޒަރޫކް ބަލައިލިކަން އެނގުނެވެ. އެހެންނަމަވެސް އޭނާ ޒަރޫކަށް ސަމާލުކަން ނުދެއެވެ.
"ނުދަންތަ ކުޅިވަރު ބަލާކަށް. ސްޓޭޖް ޝޯ އެއް އޮތެއްނު" ސޯފާގައި ޒަރޫކް އިށީނުމުން ނަވާލް ބުންޏެވެ.
"ބޮލެއްގައި ރިހޭވަރުން ނުދަން. ނިދާލީ އެގަޑީގަ" ޒަރޫކް ބުންޏެވެ.
ތިއާ ނަވާލަށް ކޮފީތަށި ދިއްކޮށްލިއެވެ. ޒަރޫކަށް ކޮފީތަށި ނުދީ ބެހެއްޓީ މޭޒުމަތީގައެވެ. ނަވާލަށް އެކަން ފާހަގަވިހެނެއް ހިއެއް ނުވެއެވެ. ޒަރޫކް ހީލިއެވެ. އިށީނދެގެން އިން ގޮނޑިން ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާފައި މޭޒުމަތީގައި ހުރި ކޮފީތަށި ނެގިއެވެ. ކޯވަރެއް ބޯލާފައި އެނާ ބަލައިލީ ނަވާލަށެވެ.
"ކޮފީ ވަރަށް މީރު" ތިއާ އަށް ޒަރޫކް ބުންޏެވެ.
ތިއާ ޒަރޫކަށް ރުޅިވެރި ނަޒަރަކުން ބަލައިލިއެވެ. އެތާ ޒަރޫކް އިނީތީ އޭނާ އިނީ ދާން ބޭނުންވެފައެވެ.
"މިދަނީ ރޫމަށް އިނގޭ. އަވަހަށް އަންނަންޗޭ" ނަވާލްގެ އަތުގައި ހިފައިލަމުން ތިއާ ބުންޏެވެ. ނަވާލް ބޯޖަހާލުމުން ތިއާ ހިނގައިގަތެވެ.
"ހީވޭ ތަނަކުން ދެކުނު ކުއްޖެއްހެން. ރާއްޖެއިން ބޭރުގަ ހުރިތަ؟" ޒަރޫކް ބުންޏެވެ. ޒަރޫކް އެބުނީ ތިއާގެ ވާހަކަކަން އޭނާއަށް އެނގުނެވެ.
"ހަޔާތުގެ ބޮޑު ބައި ހޭދަކުރީ ރާއްޖެއިން ބޭރުގަ. ޒަރޫކްވެސް ދިރިއުޅެނީ ބޭރުގަ ދޯ. ފަހަރެއްގަ ފެނިފަވެސް ހުރެދާނެއްނު" ނަވާލް ބުންޏެވެ.
ޒަރޫކް ހީލިއެވެ. އޭނާ ނަވާލަށް ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ. ހަގީގަތް އެނގޭ ދުވަހަކުން ނަވާލް ކަންތައް ކުރާނެ ގޮތް މިހާރުވެސް އޭނާއަށް ސިފަވެއްޖެއެވެ.
********
މަންޝާއަށް ހޭލެވުނީ ފާހާނާއަށް ދާން ޖެހިގެންނެވެ. ތެދުވެ ފާހާނާ ނިންމައިގެން އައިސް އެނދުގައި އިށީނދެފައި ބާލިސް ދަށުގައި އޮތް ފޯނު ނެގިއެވެ. އޭނާ އުންމީދުކުރި ފަދަ އެއްޗެއް ފޯނުން ނުފެނުނެވެ. އޭނާގެ ހިތަށް ފަޅުކަމެއް އިހުސާސްވީ ކީއްވެކަމެއް ނޭނގެއެވެ. ގަޑި ބަލައިލި އިރު ފަތިސް ނަމާދަށް ގޮވަން ދިހަވަރަކަށް މިނެޓް ހުއްޓެވެ. އިތުރަށް ނިދަން އޭނާ ބޭނުމެއް ނުވިއެވެ. ފުޅީގައި ހުރި ފަހު ފެންފޮދު ނާޔާ ހުރީ ބޭނުންކޮށްފައެވެ. ޖެހިގެން އޮތް ނާޔާއަށް ބަލައިލުމަށްފަހު ފުޅި ހިފައިގެން މަންޝާ ނުކުތީ ކޮޓަރިން ބޭރަށެވެ.
ގޭތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. މަގުމަތީގައި ދިއްލާފައި ހުރި ހޮޅިބުރިން ކޮންމެވެސް ވަރެއްގެ އަލިކަމެއް ގޭތެރެއަށް އެޅިފައި ހުރުމުން ހިނގަން އެނގޭވަރު ވެއެވެ. މަންޝާ ހިނގައިގަތީ އައިސް އަލަމާރި އާ ދިމާލަށެވެ. ކުރިމަތީގައި އައިސް ހުއްޓުނު ކަޅު ހިޔަނި ފެނުމާއެކު ވީގޮތެއް މަންޝާއަށް ނޭނގުނެވެ. ސިހިފައި ދެން ލަވައިގަންނާނީ ހަޅޭއްކަން އެނގުމުން ހުޝިޔާރުވެ މަންޝާގެ އަނގަމަތީގައި ނަޒާން އަތްއެޅިއެވެ. މަންޝާ މައިތިރިވީދެނެވެ. މޫނު ނުފެނުނަސް އެމީހަކީ ނަޒާން ކަން އޭނާއަށް އެނގުނެވެ. ހިނދުކޮޅަކަށްފަހު މަންޝާގެ އަނގަމަތިން ނަޒާން އަތް ނެގިއެވެ. ދެން ބަދިގޭ ލައިޓް ޖެއްސިއެވެ. ނަޒާން ފެނުމާއެކު ކުރަން އައި ކަންތައްނުކޮށް މަންޝާ ހިނގައިގަތެވެ.
"މަންޝާ..." ނަޒާން ގޮވައިލުމާއެކު މަންޝާ ހުއްޓުނެވެ.
"މަންޝާ ނިދިން ދޯ. އަހަރެންނަށް ނުނިދުނު. ވިސްނެނީ. ބައެއްފަހަރު ހިތްބިރުގަނޭ. ހިތަށް ތަދުވޭ. އަހަރެންގެ ދެލޮލުގައި ކަރުނައެއް ނެތް. އެކަމަކު ހިތް ރޮއޭ. ދުރުގައި ހުންނަން ބޭނުން. އެކަމަކު ހިތް އެއްބަހެއް ނުވޭ. އަހަރެންނަށް މައާފުކުރޭ. އަހަރެންނަށް ތިހާ އަދަބު ނުދީ"
މަންޝާ އެއްޗެއް ބުނާނެ ކަމަށް ނަޒާން އިންތިޒާރު ކުރިއެވެ. އެހެންނަމަވެސް މަންޝާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. މަޑުމަޑުން ހިނގާފައި މަންޝާ ދިޔައީ ކޮޓަރި އާ ދިމާލަށެވެ. ނަޒާން އެދިމާ ބަލަހައްޓައިގެން ހުއްޓެވެ.
(ނުނިމޭ)