އެއިރު މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުގޮސް އުޅުނީ މާލެއިން ފުރައިގެން ދިހަ ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި އޮތް ކުޑަ ބަނޑޮހަށެވެ. ކުޑަ ބަނޑޮހަކީ ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެން އައި ދުވަސްވަރު، މާލޭ ސަރަހައްދުން ޓޫރިޒަމަށް ގުރުބާންކޮށްނުލައި އޮތް ހަމައެކަނި ގުދުރަތީ ރަށެވެ. ބިޔަ ގަސްތަކުން ވަށާލެވިފައިވާ ހަތަރު ހެކްޓަރުގެ ކުޑަބަނޑޮހަކީ އެއިރު، މާލޭގެ ރައްޔިތުންގެ "ޕިކްނިކް އައިލެންޑް" އެވެ. ހަފުތާ ބަންދުތަކާއި ހާއްސަ މުނާސަބާތަކުގައި އާއިލާއާއި ރަހުމަތްތެރީންނާއެކު މާލޭގައި ދިރިއުޅޭ އެތައް ބަޔަކު ކުޑަ ބަނޑޮހުގެ ހިތްހައިމު މާހައުލުގެ އުފާ ލިބިގަނެއެވެ. ގުދުރަތީ ރީތި ދޮންވެލިގަނޑެއް އޮންނަ ކުޑަބަނޑޮހުގައި އެއިރުވެސް މާބޮޑު ވަސީލަތްތަކެއް ނެތެވެ. ނަމަވެސް ޖަޒީރާ ވަންތަ "ޕިކްނިކެއް' ހަދާލަން ކުޑަ ބަނޑޮސް ކަމުދެއެވެ. ކުޑަ ބަނޑޮހަށް ދަތުރުދިއުމުގެ އުފާ 2012 ވަނަ އަހަރާ ޖެހެންދެން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބުނެވެ. ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ކުޑަ ބަނޑޮސް އެ ރައްޔިތުންނަށް ނޭރޭ ގޮތް ހަދައި ރިސޯޓު ހަދަން ދޫކޮށްލިއެވެ. އޭގެ ފަހުން، މިހާރު 12 ވަރަކަށް އަހަރުވީއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުން ތިބީ ދަތުރުދާނެ ރަށެއް ނެތި މާލޭގެ ކާރޫބާރޫ ބޮޑު އަދި ދުނިޔޭގެ ނިސްބަތުންވެސް އާބާދީގެ ގޮތުން ޑެންސިޓީ އެންމެ ބަރު ސިޓީގައި ތާށިވެފައެވެ. ދަތުރުދާނެ ރަށެއް ނެތި، އެ އުފަލުން މަހުރޫމްވެފައެވެ.
ދަތުރުދާނެ ރަށެއް ނެތް މާލެ ރައްޔިތުންގެ "މޮޅިވެރި" މޫނުތަކަށް އުޖާލާކަން ގެނެސްދިނީ، ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕިކްނިކް އައިލެންޑެއްގެ ވާހަކަ ދެއްކެވި ހިސާބުންނެވެ. ހަފުތާ ބަންދުގައި ވިލިމާލެއަށް ނުވަތަ ހުޅުމާލެއަށް ގޮސް ތޮއްޖެހިފައިވާ ބީޗުތަކުގައި "ޕިކްނިކް" ހަދާލުން ނޫން ގޮތެއް ނެތިފަައި ތިބި މާލޭގެ ރައްޔިތުންނަށް މިދިޔަ ހޮނިހިރަކީ އުފާވެރި ދުވަހެކެވެ. މާލޭގެ ހުޅަނގުފަރާތުން، ތިލަފުށީގެ ބިއްދޮށުގައި އޮތް "ކުޑަގިރި ފަޅު" ހިއްކައި މިހާރު އެވަނީ މާލޭގެ ރައްޔިތުންނަށް ގެއްލިދިޔަ ކުޑަ ބަނޑޮހަށްވުރެ ދެގުނަ ބޮޑު "ކުޑަގިރި ޕިކްނިލް އައިލެންޑް" ހުޅުވައިލައިފައެވެ.
ހުޅުމާލެއިން ފުރައިގެން 15 ވަރަކަށް މިނެޓުން ލޯންޗުގައި ދެވޭ ދުރުމިނުގައި އޮތް ކުޑަގިރި ޕިކްނިކް އައިލެންޑް ހަދާފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ދަތުރުދިއުމުގެ ފޯރި އެންމެ ބޮޑަށް ނެގޭނެ ގޮތަށެވެ. ރަށުގެ މަލަމަތިން ޖެހެނީ ރިސޯޓެއްގެ ސިފައެވެ. ރަށަށް އަރައިފޭބުމަށް ބޮޑު ހިލައިން ތޮށި ލާފައިވާއިރު ރަށް ހަދާފައިވަނީ ރީތި ގޮނޑުދޮށްތައް އެކުލެވޭ ގޮތަށެވެ. މޫދަށް އެރޭނެ ތަންތަން އެބަހުއްޓެވެ. ކުޅިވަރު ކުޅޭނެ ހުސް ބިންތަކާއި ކޯޓުތައް އެބަހުއްޓެވެ.
ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައްވެސް ހުރީ ގާއިމުކޮށްފައެވެ. އެގޮތުން ފާހަނާ ބަރި، ޗޭންޖިން ރޫމް އަދި ނާސިން ރޫމެއް ވަނީ ގާއިމުކޮށްފައެވެ. ނާސިން ރޫމް ގާއިމުކޮށްފައިވަނީ ކުޑަކުދީންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ. ކުޑަގިރީގައި ކްލިނިކަކާއި ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއަކާއި މިސްކިތެއް ވެސް އެބަހުއްޓެވެ. މިއީ ޔަގީނުންވެސް ދަތުރުދާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެކެވެ.
ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވިޔަސް އެރަށުގައި ކައިވެނީގެ ހަފުލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓުތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ޓޫރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ކޮޓަރި ކަނޑައަޅާފައިވާ އިރު، އާންމުން ބޭނުންކުރުމަށް 13 ކުޑައަށި އަދި ހަތަރު ބޮޑުއަށި ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން އެޑްމިން ބިލްޑިން އަކާއި ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ގާއިމުކޮށްފައެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެތެރޭގެ ހިދުމަތްތައް ކިތަންމެހާވެސް ފުރިހަމައެވެ. އެޗްޑީސީން ވަނީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހިދުމަތްދެވޭނެ ވަރަށް މުވައްޒަފުން ނަގައި އެރަށަށް ޖެނެރަލް މެނޭޖަރަކުވެސް އައްޔަނުކޮށްފައެވެ. ކުޑަގިރީގެ އެކި ސަރަހައްދުތަކުގައި ތަފާތު މާ އަޅާ ގަސްތަކާއި ރުއްތައްވެސް ފުދޭ ވަރަކަށް އެބަހުއްޓެވެ. ހިޔާވާ ބޮޑެތި ގަސްތައްވެސް އިންދާފައި އެބަހުއްޓެވެ. ކުޑަގިރީގެ ފެހިކަން މިއަދު ކުޑަނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެރަށް ވެގެންދާނީ ފެހި ރަށަކަށެވެ. އެއީ މިހާރު އިންދާފައި ހުރި ގަސްތަކާއި އިންދަން ހުރި ގަސްތައް ފޯދި ހެދިބޮޑުވުމުން ރަށަށް ބޭނުންވާ ހިޔާ ލިބޭނެތީއެވެ.
ފުރަތަމަ ދުވަހުވެސް ކުޑަގިރިއަށް ލިބުނީ ބޮޑު ތަރުހީބެކެވެ. ފުރަތަމަ ހުޅުވާލި 300 ޖާގަވެސް އިސާހިތަކު ހުސްވިއެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ދުވާލަކަށް 500-600 އާ ދެމެދުގެ އަދަދަކަށް ޖާގަ ދޭނެއެވެ. އަދި ހަފުތާ ބަންދު ދުވަސްތަކުގައި 1،500 މީހުންނަށް ޖާގަ ދޭއިރު އެއްފަހަރާ 1200 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެއެވެ. ކުޑަގިރިއަށް ދާން ފެރީ ފުރާނީ ހުޅުމާލެއާއި މާލޭގެ ފެރީ ޓާމިނަލުންނެވެ. ފެރީ އޮންނާނީ ހެނދުނު 6:30 އިން ފެށިގެން ދުވާލަކު ތިން ފެރީއެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ ދެވޭއިރު އެހެން ދުވަސްތަކުގައި ދަތުރުދާ ނަމަ ފެރީ ދެކޮޅު ޓިކެޓަށް 50 ރުފިޔާ އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް 11 އަހަރުން ދަށުގެ ކުދިންނަށް ދައްކަންޖެހޭނީ އޭގެ ދެބައިކުޅަ އެއްބައެވެ، ދެ އަހަރުން ދަށުގެ ކުދީންނަށް އެއްވެސް އަގެއް ނުނަގާނެއެވެ.
ކުޑަގިރި ތަރައްގީކޮށްފައިވަނީ އިޖުތިމާއީ ގުޅުންތައް ބަދަހިކުރެވޭނެ މާހައުލެއް ލިއްބައިދޭ ގޮތަށެވެ. ކުޑަގިރިއަށް ދަތުރުދާ މީހުންގެ ފީޑްބެކަށް ބަލައި ގެންނަން ޖެހޭ ބަދަލުތައް އަދިވެސް އެރަށަށް ގެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ޒަމާންތަކަށް ކުޑަގިރީގެ އުފާ ފޯރުކޮށްދެވޭނީ އެރަށަށް ޒިޔާރަތްކުރާ މީހުންގެ އެއްބާރުލުމާވެސް އެކުއެވެ. އެހެންކަމުން އެރަށަށް ފައިބީއްސާލާ ކޮންމެ މީހަކުވެސް ގުޅުން ހުރި ކަންކަމަށް ސަމާލުކަންދޭންވާނެއެވެ. މާލޭ މީހުންނަށް ގެއްލުނު ކުޑަބަނޑޮސް އިޔާދަ އެކޮށްދިނީ އަދި މާ ފުރިހަމައަށެވެ. ކުޑަގިރިއަކީ، މާލޭ މީހުންގެ އާ "ޕިކްނިކް އައިލެންޑް' އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް