މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ އޭރުގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އިފްތިތާހީ ބަޔާން ހުށަހެޅުމަށް އިތުރު ހަތް ދުވަސް ދީފިއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ހިޔާނާތުގެ ފަސް ދައުވާއެއް، ދައުލަތުން ނިހާނަށް ވަނީ ކޮށްފައެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދެ ދައުވާއެކެވެ. މި ހުރިހާ ދައުވާތަކެއްވެސް ކުރިއަށްގެންދަނީ އެއް ފަހަރާއެވެ.
މި ދައުވާތައް މިހާރު ގޮސްފައި އޮތް ހިސާބަކީ، އިބްތިދާއީ މަރުހަލާ ނިމި މައްސަލަ ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން ހުށަހަޅަންޖެހޭ ހިސާބެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައިވެސް އޮތީ އިފްތިތާހީ ބަޔާން ހުށަހެޅުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް މިއަދުގެ އަޑުއެހުން ފެއްޓެވުމަށްފަހު ބަޔާން ހުށަހެޅުމަށް ފުރުސަތު ދެއްވުމުގެ ކުރިން، ނިހާންގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ހުރުމުން އެކަންކަން ހާމަކުރުމަށް ފުރުސަތެއް ދެއްވުމަށް ނިހާންގެ ދިފާއީ ވަކީލު އެދިވަޑައިގެންނެވިއެވެ.
ގާޒީ ވާހަކަދެއްކުމުގެ ފުރުސަތު ދެއްްވުމުން ދިފާއީ ވަކީލު ވިދާޅުވީ، ހެއްކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކަށް މިދިޔަ މަހު އަމަލުކުރަން ފެށުމުން، ބައެއް މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ހެކި މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު އޮތް ނަމަ އެކަން އެގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
ދިފާއީ ވަކީލުގެ އެ ވާހަކަތަކާ ގުޅިގެން، ދައުލަތުގެ ވަކީލު ވިދާޅުވީ، ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ 28 ގައި ކަމުން، އެއީ މި މައްސަލަ ކޯޓުގައި އޮއްވައި އަމަލުކުރަން ފެށި ގާނޫނެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެގޮތަށް އަމަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. އަދި ހެކި ސައްހަކަމާ މެދު ސުވާލު އުފެދޭނަމަ، އެކަމަށް ވާހަކަދެއްކުމުގެ ފުރުސަތު ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ ފަރާތަށް ލިބިގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމާ ބެހޭގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށްފަހު، އެކަމަށް ކިހާ ދުވަހެއް ބޭނުންވާނެތޯ، ނިހާންގެ ދިފާއީ ވަކީލު ކުރެން ގާޒީ ސުވާލު ކުރެއްވިއެވެ. އަދި ދިފާއީ ވަކީލު އެދިލެއްވިގޮތަށް، އެކަމަށް އިތުރު ހަފުތާއެއްގެ މުހުލަތު ދިނުމަށް ގާޒީ ނިންމެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު