ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ވެރިކަން ނަގަހައްޓަން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި "ޤަޟާއީ އަހަރު 2023" ގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ފަނޑިޔާރުންގެ މަގުސަދަކަށް އަބަދުވެސް ވާން ވާނީ ރައްޔިތުންގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުން ކަމަށް ވިދާޅުވިއެވެ.
"ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި 47 އަހަރު ފަހުން ހެއްކާބެހޭ އާ ގާނޫނަކަށް މިއަހަރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި ގާނޫނުތަކަށް އަންނަ ބަދަލުތަކަށް ފަނޑިޔާރުން އަހުލުވެރިވާން ޖެހޭ ކަމަށާއި ފަނޑިޔާރުން އަހުލުވެރި ކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ބޭރުގެ ގައުމުތަކާއި ޖަމާއަތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ފަނޑިޔާރުންނަކީ އެފަދަ ބަދަލުތަކަށް އަހުލުވެރިވެ، ފަރުދީ ގޮތުން އެކަންކަން ދިރާސާކޮށް، ތިމާގެ ނަފްސު އަދާހަމަކުރަން ޖެހޭ ބައެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ގަޟާއީ އަހަރު ފެށުމަށް ބާއްވާ ރަސްމިއްޔާތުގެ ބޭނުމަކީ ވެސް ޖުޑިޝަރީއަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް، މާޒީގެ ތަޖުރިބާއާއެކު ކުރިއަށް އޮތް ތަނުގައި އެ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ ތަސައްވުރަށް ހުޅުވައިލުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ކޮންމެ އަހަރަކު ވެސް މި ރަސްމިއްޔާތަށް ފަހު، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާއާ ގުޅުން ހުރި އެކި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވޭ. މި އަހަރު ވެސް މިފަދަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި، ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތް ބޭފުޅުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އާއި މެޑަލް އެރުވިއެވެ. އަދި ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވެސް ވަޒަންކޮށް، ހަނދާނީ ފިލާ އެރުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިސްލާހީ ބަދަލުތައް ގެންނަ އިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަދި ޒަމާންވީ އާދަކާދަތަކާއި ދައުލަތުގެ ކެރިފޯރުންތެރިކަމާއި ބައިނަލްއަގުވާމީ އުސޫލުތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު