ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އަނެއްކާވެސް ހައިކޯޓަށް ހުށަހަޅައިފިއެެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރުޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލަން އީސީން ނިންމީ މިދިޔަ ޑިސެމްބަރު މަހުގައެވެ.
ޑީއާރުޕީ އުވާލަން ނިންމައި، އެ ޕާޓީއަށް ފުރަތަމަ ނޯޓިސް ދިނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ޕާޓީން މެންބަރުން ހަމަކުރުމުން، މެންބަރުން ހަމަވިކަމުގެ ރަސްމީ ލިޔުން އީސީން ވަނީ އެ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ޕާޓީއާ ހަވާލުކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް އެ ޕާޓީގެ މެމްބަޝިޕް 3،000 އަށްވުރެ މަދުވުމުން އީސީން އެ ޕާޓީއަށް ނޯޓިސް ފޮނުވީއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.
މެންބަރުންގެ އަދަދު ހަމަނުވެގެން ޑީއާރުޕީ އުވާލަން ނިންމި މައްސަލަ މިދިޔަ މަހުގެ 23 ގައި ޖާބިރު ހައިކޯޓަށް ހުށަހެޅިއެވެ. އެ ފަހަރު އެ މައްސަލަ ހުށަހެޅީ ސިޔާސީ ޕާޓީތަކާ ބެހޭ މައްސަލައެއްގެ ގޮތުގައެވެ.
ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވައިފައެވެ.
ރަޖިސްޓްރާގެ ނިންމެވުމުގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ހައިކޯޓުން ބެލުމުގެ އިހުތިސާސް ލިބިފައިވާ ސިޔާސީ ޕާޓީއާ ބެހޭ މައްސަލަތަކަކީ، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ރަޖިސްޓްރީ ކޮށްދީފައިވާ ޕާޓީއަކުން ގެންނަ ބަދަލެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނައި ދިނުމަށް ކޮމިޝަނުން އިންކާރު ކޮށްފިނަމަ ހުށަހަޅާ މައްސަލަތަކާއި ޕާޓީއެއް އުވާލުމަށް ހައިކޯޓުން އަމުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ސަބަބުތަކުން ކުރެ ސަބަބަކާ ހުރެ، ކޮމިޝަނުން ނުވަތަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ކަމަށެވެ.
އީސީއާ ދެކޮޅަށް ޑީއާރުޕީން ހުށަހަޅާފައިވާ މައްސަލައަކީ، "ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ބ) ގައި ބުނާ ކަންތައްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނީ އުސޫލުތަކާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް މާޒީގައި ހިނގައިދިޔަ ވާގިއާއެއްގެ މައްޗަށް ނުވަތަ ކޮށް ނިންމާފައިވާ އަމަލެއް ނުވަތަ މުއާމަލާތެއްގެ މައްޗަށް އެ ގާނޫނު ރަޖުއީކޮށް ތަތްބީގު ކުރުން ލާޒިމުކުރާ މާއްދާއެއްކަމުން، އެ މާއްދާއަކީ ބާތިލު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި މާއްދާ ތަންފީޒު ކުރުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކަކީ ބާތިލު ނިންމުންތަކެއްކަން ކަނޑައަޅައި ދިނުމަށާއި، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޑީއާރުޕީއަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވި އެ މުއްދަތު 25 އޮކްޓޫބަރު 2022 އަށް ހަމަވި އިރު 3000 މެންބަރުން ޕާޓީއަށް ހަމަވެފައި ނުވާ ކަމަށްބުނެ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ޑީއާރުޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ 763 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް،" ކަމަށްވެސް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.
އެހެންކަމުން ޑީއާރުޕީން ހުށަހަޅާފައިވާ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 36 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ އާއި ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ ޑީއާރުޕީން ހުށަހަޅާފައިވާ މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ވަނީ ނިންމަވައިފައެވެ.
އެ ނިންމުމާ ގުޅިގެން އިއްޔެ ޑީއާރުޕީގެ ފަރާތުން އެ މައްސަލަ ކޯޓަށް ވައްދާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު