ގއ. ވިލިނގިލީ ކައުންސިލުން، ވިލިނގިލި ދާއިރާގެ މެމްބަރު، ވިލިނގިލީ/ އަޅި ވިލާގެ ސައުދު ހުސެއިންއަށް ގއ. އަތޮޅު ހޮސްޕިޓާ ކުރިމަތީ އޮންނަ ބިމުން ގޯތި ދީފައިވަނީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ އުސޫލުގެ ހައްގާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ސައުދުގެ އިތުރުން ވިލިނގިލި/ ހަނދުވަރީއާގެ، ޝީޒާ މޫސާއަށް ދޫކޮށްފައިވާ ގޯތީގައި ފެން ޕްލާންޓެއް ބެހެއްޓުމަށް ދައުލަތުގެ ބޭނުމަށް ދީފައިވާތީ އޭގެ ބަދަލުގައި ހޮސްޕިޓާ ކުރިމަތިން އޮތް ހުސްބިމުން ގޯއްޗެއް ލިބޭނެ ގޮތް ހަަދައި ދިނުމަށް އެދި އެ ދެ މީހުން ހުށަހަޅާފައިވަނިކޮށް ސައުދަށް އެކަނި ގޯތި ދިން މައްސަލައެކެވެ.
މައްސަލަ އުފެދުނީ، ސައުދަށްވުރެ ކުރިން އެ ބިމުން ގޯތި ހޯދުމަށް ޝީޒާ ހުށަހަޅާފައި ވަނިކޮށް، އޭނާއަށް ގޯތި ނުދީ ސައުދަށް ގޯތި ދިނުމުންނެވެ.
އެ ބިމުން ގޯއްޗަށް އެދި ޝީޒާ ކައުންސިލަށް ސިޓީ ހުށަހަޅާފައި ވަނީ، 17 މެއި 2015 ގައެވެ. ނަމަވެސް އެކަމަށް އެދި ސައުދު ދެ ސިޓީ ހުށަހެޅިއެވެ. ކުރިން ދިން ގޯތީގެ ބަދަލުގައި ގޯއްޗެއް ލިބޭނެ ގޮތް ހަދައިދިނުމަށް އެދި 24 މެއި 2015 ގައި ސައުދު ފުރަތަމަ ސިޓީ ހުށަހަޅާފައިވާއިރު، ޖެހިގެން އަދި ދުވަހު 25 މެއިގައި އިތުރު ސިޓީއެއް ކައުންސިލަށް ހުށަހެޅިއެވެ. އޭގައި ވަނީ ސަވާ ގޯތީގެ އިތުމަރީ ފަރާތުގައިވާ ހުސް ބިން (ޝީޒާ އެދިފައިވާ ސަރަހައްދު) އިން ގޯތި ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.
ނަމަވެސް އެ ދެ ފަރާތުންވެސް ގޯއްޗަށް އެދިފައިވާ ބިމަކީ ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް ކައުންސިލުން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި އެ ރަށުގެ ލޭންޑްޔޫސް ޕްލޭންގައިވެސް ހިމަނާފައިވާ ބިމެކެވެ.
ނަމަވެސް ސައުދު އެދިފައިވާ ގޮތަށް އެ ބިމުން އޭނާއަށް ގޯއްޗެއް ދިނުމަށް އެދި، ކައުންސިލްގެ ބިމާބެހޭ ކޮމިޓީންވެސް ނިންމައި ކައުންސިލަށް ހުށަހެޅިއެވެ. އަދި 7 ޖުލައި 2015 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުން އެކަން އެގޮތަށް ކުރިއަށް ގެންދަން ފާސްކޮށް، ބިމާބެހޭ ގޮތުން ކައުންސިލުން ކުރިން ނިންމާފައިވާ ނިންމުންތައް ކެންސަލް ކުރުމަށްވެސް ފާސްކުރިއެވެ. އެއާއެކު ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައިގެން އެ ބިމުން ގޯއްޗެއްގެ މިން ވަކިކޮށް ދެން އޮތްބައި ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް ކަނޑައަޅައި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައެވެ.
ނަމަވެސް ގޯއްޗަށް އެދި ޝީޒާގެ ފަރާތުން ކައުންސިލަށް ފޮނުވި ސިޓީއާ ގުޅިގެން 26 އޯގަސްޓް 2015 ގައި ކައުންސިލުން ދިން ޖަވާބުގައި ވަނީ، އޭނާ ގޯތި ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ބިމުން (50 ފޫޓު 100 ފޫޓު) ގޯއްޗެއް ދެވެން ނެތް ކަމަށެވެ. އަދި ރަށުގައި ހުސްބިންތައް ހުރުމުން ޝީޒާ ބޭނުންވާ ނަމަ އެއިން ތަނަކުން ގޯތި ހަމަޖައްސައި ދެވިދާނެ ކަމަށްވެސް ޖަވާބުގައިވެއެވެ.
ޝީޒާ ދެން ކައުންސިލްގައި އެދުނީ ދެވެން އޮތް ވަރަކުން އެ ބިމުން އޭނާއަށް ގޯއްޗެއް ދިނުމަށެވެ. ނަމަވެސް ކައުންސިލުން ދިން ޖަވާބުގައި ބުނެފައި ވަނީ އެ ބިމުން އެހެން މީހަކަށް ގޯއްޗެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުގެ ޖަވާބާ ގުޅިގެން ޝީޒާގެ ފަރާތުން 1 ނޮވެމްބަރު 2015 ގައި ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި ޝީޒާ ބުނެފައި ވަނީ، އޭނާއަށް ދިން ބަންޑާރަ ގޯތި ފެން ޕުލާންޓް އެޅުމަށް ނަގާފައިވާއިރު، ބަދަލުގައި ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސްބިމުން ގޯއްޗަކަށް އެދިފައިވަނިކޮށް، އޭނާއަށް ގޯތި ނުދީ، އޭނާއަށް ވުރެ ފަހުން ގޯއްޗަކަށް އެދުނު ސައުދަށް ގޯތި ދީފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލުކޮށްދީ އެ ތަނުން ގޯއްޗެއް ހަމަޖައްސައި ދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައިގައި 5 ނޮވެމްބަރު 2017 ގައި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، ހޮސްޕިޓަލް ކުރިމަތީގައި އޮންނަ ބިމުން، ސައުދަށް ގޯއްޗެއް ދިނުމަށް ކައުންސިލުން ނިންމި ނިންމުމާއި އެކަމާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއެއް ހައްދާ ދެވިފައިވާ ނަމަ އެ ރަޖިސްޓްރީއަކީ ބާތިލު ރަޖިސްޓްރީއެއް ކަމަށް ކަނޑަައަޅާ ކަމަށެވެ. އަދި އެ ބިމުން ދިރިއުޅުމަށްޓަކައި ގޯއްޗެއް ދިނުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނަސް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ދީފައިވާ ހުއްދައަކީ ބާތިލު ހުއްދައެއް ކަމަށް ކަނޑައަޅައި، މީގެ ފަހުން އެ ބިމަކީ ރަށުގެ އާއްމު މަންފާއަށް ބޭނުންކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި އެ ބިން އެއްވެސް ފަރާތަކަށް، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.
މި ހުކުމާ މެދު ހިތްހަމަނުޖެހިގެން ސައުދުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިއްތިއުނާފު ކުރިއެވެ. މި މައްސަލައިގައި 23 މާޗު 2021 ގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ "މީގެ ފަހުން އެ ބިމަކީ ރަށުގެ އާއްމު މަންފާއަށް ބޭނުން ކުރުމަށް ބޭއްވޭ ބިމެއް ކަމަށާއި އެ ބިން އެއްވެސް ފަރާތަކަށް، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ނުދިނުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރު ކޮށްފައިވާ" އިބާރާތަކީ ގާނޫނާހިލާފު އިބާރާތެއް ކަމަށްވާތީ އެ އިބާރާތް ބާތިކޮށްލުމަށާއި އެ ހުކުމުގެ ދެން އޮތް ބައިތަކަކީ ގާނޫނީގޮތުން ސައްހަ ބައިތަކެއް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ހައިކޯޓުގެ އެ ހުކުމްވެސް ސައުދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު