އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް އަވަސްކުރެއްވުމަށްޓަކައި ދުވަސްކޮޅަކު އައްޑޫ ސިޓީގައި މަޑު ކުރައްވަން ނިންމަވާފައިވާ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، އައްޑޫސިޓީގެ މަގު ހެދުމާއި ބިންހިއްކުމުގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝަރީފް ކުރެއްވި ސުވާލުގައި ވިދާޅުވީ، އައްޑޫސިޓީގެ މަގުހެދުމުގެ މަސައްކަތް ކުރުމަށް ގިނަ މަގުތަކެއް ކޮނެފައި ވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން މަގު ހެދުމުގެ މަސައްކަތް ނިންމާލެވޭނީ ކޮން އިރަކުންތޯ، ޝަރީފް ސުވާލު ކުރެއްވިއެވެ. އަދި އައްޑޫ ބިން ހިއްކައިގެން ފަސް ރިސޯޓެއް ހެދުމަށް ނިންމާފައިވާތީ، އެއީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށްވާތީ އެ މަސައްކަތް ނިމޭނެ ތާރީހު އޮޅުން ފިލުވުމަށްވެސް ޝަރީފް ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މެންބަރު ޝަރީފް ފާހަގަ ކުރެއްވި ފަދައިން، އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތަކާމެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށެވެ.

"އެއްފަހަރާ ހުރިހާ މަގެއް ކޮނުމުގެ ސަބަބުން ދިމާވާ ދަތިތަކާހެދި އައްޑޫގައި އެބަ އުޅޭ ކޮންމެވެސް މިންވަރަކަށް ހިތްހަމަ ނުޖެހުން، އަޅުގަނޑު އެ ކަންތައްތައް ހައްލު ކުރުމަށްޓަކައި އަޅުގަނޑު ސީދާ ދުވަސްކޮޅަކު އައްޑޫގައި ބޭސްވުމަށް މި ހޮނިހިރު ދުވަހު އައްޑުއަށް މޫވް ކުރާނަން،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތްތަކާބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "ބިން ހިއްކުމުގެ މަސައްކަތަށް ކޮންޓްރެކްޓާ އޮން ސައިޓަށް މޮބަލައިޒް ކޮށްފި، އާތު މޫވިން އިކުއިޕްމެންޓާ އެކުގައި، ބަންޑު ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓަރު ކުރިއަށް އެބަ ގެންދޭ،"

ނަމަވެސް ކޮންޓްރެކްޓް އަތުގައި ނެތުމުން ސީދާ ނިމޭނެ މުއްދަތެއް މިވަގުތު ދެންނެވެން ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.