އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ހިނގި އަރައިރުމުގެ ތެރެއިން، މަޖިލިސް ޖަލްސާގެ ރިޔާތުގައި އިންނެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ނަން އިއްވައި މަޖިލިސް ޖަލްސާއިން ނިކުންނަން އަންގައިފިއެވެ.
އެމްޑީޕީގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން ދެބައިވެ، ހަމަނުޖެހުން އިންތިހާއަށް ބޮޑުވެފައިވާއިރު، މަޖިލިސްގެ ތަޅުން މިއަދު ފެނުނީ އެ ދެ ފެކްޝަނުގެ ކޯޅޭ ޖަގަހައެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ތަޅުމުން އިވެމުން ދިޔައީ، މެންބަރުން ވާހަކަދައްކަވާ އިރު އަނެއް ފެކްޝަނުން ޖެއްސުމުގެ ގޮތުން ހަޅޭލެވުމާއި އަޑުގަދަ ކުރެއްވުމާއި މަލާމާތުގެ އަޑުތަކެވެ.
މިއަދުގެޖަލްސާ ހޫނުވީ، ފަހުގެ ދަން ފަޅީގައި އާއްމު އުސޫލުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމުންނެވެ. އަފީފަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.
ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ތަކެތި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ބޮޑު އަގުގައި ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި އެ ދަންފަޅީގައި އަފީފު ފުރަތަމަ ފުރުސަތު ދެއްވީ، ރައީސް ނަޝީދުގެ ފެކްޝަންގެ ދެ މެންބަރުން ކަަމަށްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށެވެ.
އެ ދެ މެންބަރުންގެ ވާހަކައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަބަރުތައް ފެތުރުމަށް ދައުލަތުގެ ކުންފުނިތަކުން ނޫސްތަކަށް އިޝްތިހާރުދީ މީޑިއާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.
އެ ދެ މެންބަރުންގެ ވާހަކައަށްފަހު، ދެން ފުރުސަތު ލިބިވަޑައިގަތީ ރައީސް ސޯލިހުގެ ފެކްޝަނުގައި ހިމެނޭ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށެވެ.
ގަޕޯގެ ވާހަކައިގެ ވަކި ހިސާބަކުން އިދިކޮޅު ފެކްޝަނުގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަން ފެއްޓެވިއެވެ.
ވިދާޅުވީ، މީގެ ތިން އަހަރުކުރިން ރަނގަޅުވި ސަރުކާރެއް މިހާރު އެ މެންބަރުންނަށް ގޯސްވެގެން ވާހަކަ ދައްކާއިރު، އެ ދުވަހު ހަމަ މި ސަރުކާރަށް އެ މެންބަރުން ސަނާ ކިޔުއްވި ކަމަށެވެ. ނަމަވެސް މިއަދު ރައީސް ސޯލިހުގެ ސަރުކާރުން ކުރާ ރަނގަޅު އެންމެ ކަމެއްވެސް އެ މެންބަރުންނަށް ނެތް ކަމަށާއި، މުޅިންވެސް ހުރީ ގޯސްކަންތައް ކަމަށެވެ.
ރިޔާސީ ޕްރައިމަރީއަށް ނިސްބަތްކުރައްވައި ގަޕޯ ވިދާޅުވީ، "އިންތިހާބަކުން ބަލިވީމާ ބަލިވިމީހުން ދެން ޖެހޭނީ ގަދަވި މީހުންގެ ފަހަތަށް އަރަން، އެއީ ޕާޓީގެ ނިޒާމަކީވެސް، އަދި ޕާޓީގެ އުސޫލަކީވެސް، އެގޮތުގައި ނޫޅެވެންޏާ އެއީ ޕާޓީ ނިޒާމު ގަބޫލުކޮށްގެން އުޅޭ ބައެއް ނޫން، ޕާޓީން ވަކިވެގަނަގެން އުޅޭ ބައެއް، ވާދަވެރި އިންތިހާބެއް ބާއްވައި އެ އިންތިހާބުން ބަލިވީމާ ދެން މޮޅުވި ބައެއްގެ ފަހަތަށް އަރަން ޖެހޭނެ އެއީ ނިޒާމު، ދެން ނާރާ މި ޕާޓީގައި ތިބެ ސަރުކާރަށް އެއްޗެހި ކީމާ އަމިއްލައަށް އޮރިޔާންވެ މަގުމައްޗަށް ނިކުތަސް މާ ރީތިވާނެ، އެކަން އެމީހުން ކުރަމުން އެދަނީ،" ކަމަށެވެ.
ސަރުކާރުން ކުރާ ކަންތައް އެބޭފުޅުންނަށް ގޯހަސް، އެކަންތައްތައް ރަނގަޅޭ ބުނެ ރައްޔިތުން އެކަން ބަލައިގަންނަމުންދާ ކަމަށްވެސް ގަޕޯ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، އަފީފަށް ނިސްބަތް ކުރައްވައި، ގަޕޯ ވިދާޅުވީ، "މި މަޖިލީހަކީވެސް މިއަދު ސަރުކާރާ ދެކޮޅަށް، މަޖިލީހުގެ ރައީސާއި، މަނިކުފާނުވެސް އިންނަވައިގެން ސަރުކާރަށް އެއްޗެހި ކިއުމަށް ޓަކައި ލިބިފައިވާ ޕްލެޓްފޯމަކަަށް ތި ހައްދަވަނީ،" ކަމަށެވެ.
އެއްވެސް މެންބަރަކު ނިޒާމީ ނުކުތާ ނުނެންގެވި ނަމަވެސް، އެހިސާބުން އަފީފު ގަޕޯގެ ވާހަކަ ހުއްޓުވިއެވެ.
އެންގެވީ ހުށަހެޅިފައިވާ މައްސަލައަށް ވާހަކަ ދެއްކެވުމަށެވެ. އެހިސާބުން ޖަލްސާ ތެރެ އަޑުގަދަވެގެން ދިޔައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، އިދިކޮޅު ފެކްޝަންގެ މެންބަރުން ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް ރިޔާސަތަށް ވަރިހަމަ ކަމަށާއި، އެބޭފުޅުންގެ ވާހަކަ ނުހުއްޓުވާ ކަމަށެވެ. ނަމަވެސް ރައީސް އިބޫ ސޯލިހުގެ ފެކްޝަނުގެ މެންބަރަކު ވާހަކަ ދައްކަވަން ފަށްޓަވާއިރަށް މެންބަރަކު ނިޒާމީ ނުކުތާ ނުނެންގެވިޔަސް ރިޔާސަތުން މެންބަރުގެ ވާހަކަ ހުއްޓުވާކަމަށް ވިދާޅުވިއެވެ.
އެ އަޑުގަދަކުރުމުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަޑުގަދަކުރައްވައި ރިޔާސަތާ މުހާތަބު ކުރައްވައި އަފީފަށް ދަންނަވަމުން ގެންދިޔައީ، މެންބަރު ދައްކަވާ ވާހަކަ އަޑުއައްސަވަން އިންނެވުމަށެވެ.
އެ ފެކްޝަންގެ މެންބަރަކު ހަމަ އެއްޗެއް ވިދާޅުވާއިރަށް ރިޔާސަތުގައި އިންނަވައި، އަފީފު ފުންމައިގަންނަނީކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނަށް ނިސްބަތްކުރައްވައި، ތިން މީހުން ތިބެގެން މަޖިލިސް ތެރޭގައި ޖަގަޑާއެއް ނެހެދޭނެ، ކަމަށްވެސް މެންބަރަކު ވިދާޅުވިއެވެ.
ނަމަވެސް އަޑުގަދަކަމުން އެ ގޮތަށް ގޮވި މެންބަރުންނަކީ ކޮން މެންބަރުންނެއްކަމެއް ސާފެއް ނުވެއެވެ. އެ އަޑުގަދަކުރުންތަކުގެ ތެެރެއިން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ފަލާހުއަށް އެންގެވުމަށްފަހު، އޭނާގެ ނަން އިއްވަވައި މަޖިލިސް މާލަމުން ނުކުންނެވުމަށް އަފީފު އެންގެވިއެވެ.
އެގޮތަށް އަފީފު ތަކުރާރުކޮށް އެންގެވުމުން ފަލާހު މަޖިލިސް ތަޅުމުން ބޭރަށް ނިކުންނެވިއެވެ. އޭގެ ފަހުން، ބަހުސްގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަށް ދިން ފުރުސަތުގައި، ރިޔާސަތުން އަފީފު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ސަރުކާރަށް ފާޑު ވިދާޅުވާން ފެށުމުންވެސް، މައުލޫއާ ގުޅުން ނެތް ވާހަކަ އެ މެންބަރުން ދެއްކެވި ނަމަވެސް، ރިޔަސަތުން އަޅައިނުލައްވާކަމަށް ވިދާޅުވެ ދޭތެރެ ދޭތެރެއިން ޖަލްސާ ހޫނުވެގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު