ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމަށް އަންގަވައިފިއެވެ.
މަޖިލިސް ރައީސް މިނިސްޓަރު އަސްލަމަަށް އެކަން އެންގެވީ، މާލޭގެ މަގުތައް ހަދާއިރު، ގަސްތައް ކަނޑާ މައްސަލައިގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން، ނިޒާމީ ނުކުތާއެއް ނަންގަވައި ހަސަން ލަތީފު ކުރެއްވި ސުވާލަށް މިނިސްޓަރު ސާފު ޖަވާބު ނުދެއްވާ ކަމަށް މެންބަރު ވިދާޅުވުމާ ގުޅިގެންނެވެ.
އަމީނީ މަގު ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ކެނޑުމުގެ މައްސަލައިގެ އިތުރު ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހަސަން ލަތީފު ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވުމާ ގުޅިގެން، ނިޒާމީ ނުކުތާ ނަންގަވައި ހަސަން ލަތީފު ވިދާޅުވީ، "އަމީނީމަގުގެ މަސައްކަތް ކުރަމުން ދަނީ ބަރާބަރަށް ކޮންސަލްޓެންޓުގެ ލަފަޔާ އެއްގޮތަށްތޯ، ކުރި ސުވާލާއި މާލޭގައި ހަދަން ކަނޑައަޅާފައިވާ މަގުތައް ހެދުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު ރާއްޖެ ގެނެވިއްޖެތޯ ކުރި ސުވާލަށް މިނިސްޓަރުގެ ސާފު ޖަވާބު ނުލިބޭ، އަދި ރައީސް ސޯލިހުގެ މިދައުރު ނިމޭއިރު ހަދައި ނިންމަން ޕްލޭން ކޮށްފައިވަނީ ކިތައް މަގުތޯ، އޮޅުން ފިލުވަން ކުރި ސުވާލަށް މިނިސްޓަރު ސާފު ޖަވާބު، ނުދެއްވާ،" ކަމަށެވެ
އެސުވާލު ދަންނަވަން ޖެހުނީ ޕްލޭނެއް ނެތި އެކަންތައް ކުރާނެ ކަމަށް ގަބޫލު ނުކުރާތީ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފުގެ ނިޒާމީ ނުގުތާއާ ގުޅިގެން މަޖިލިސް ރައީސް މިނިސްޓަރު އަސްލަމަށް ވިދާޅުވީ، "މެންބަރުން ކުރައްވާ ސުވާލުތަކަށް ސާފު ޖަވާބެއް، ސާފުކޮށްދެއްވުން އެދެން، އިތުރު ވާހަކަތައް މަދު ކުރެއްވުން، ސާފުޖަވާބަކަށް އަޅުގަނޑުމެން އެދެނީ،" ކަމަށެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގާބިލުކަން ހުރި މިންވަަރަކުން ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށެވެ.
އަސްލަމްގެ އެ ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، "ނޫން ވަޒީރު ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފުކޮށްދެއްވީމަ ނިމުނީ، މަނިކުފާނުގެ ގާބިލުކަން މިކަމުގެ ތެރެއަށް ވަނުން އެއީކީއެއް އެހާ ބޭނުންތެރިކަމެއް ނޫން،" ކަމަށެވެ.
އެހިސާބުން، މަޖިލިސް ރައީސް އެ ވިދާޅުވި އެއްޗެއްސަށް ރައްދު ދޭން ބޭނުން ނުވާކަމަަށް ވިދާޅުވެ، ހަސަން ލަތީފުގެ ސުވާލުތަކަށް މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަން ފެއްޓެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު