އަމީނީމަގު ހެދުމަށްޓަކައި އެ މަގުގައި ހުރި އޮފިއެލޭގަސްތައް ނަގަން ޖެހެނީ އެ ގަހުގެ މޫތަކުން މަގުތައް ހަލާކުވާތީކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތައް ހަދާއިރު، ގަސްތައް ކަނޑާ މައްސަލައިގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ގަސްތައް ކެނޑީ، ގަސް ކެނޑުމަށް އޮތް ސަރުކާރުގެ ސިޔާސަތެއްގެ ދަށުން ނޫން ކަމަށެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ހިސާބުގައި ހުރި ބޮޑެތި ގިނަ ގަސްތައް ކަނޑާލާފައިވާއިރު، ސަރުކާރުގެ ސިޔާސަތަކީ މާލޭގެ މަގުތައް ހަދާއިރު އެ މަގުތަކުގައި ހުރި ގަސްތައް ކެނޑުންތޯ އާއި ހިޔާދޭ ބިޔަ ގަސްތައް ނުކަނޑައި މަގުތައް ނުހެދެނީތޯ އާއި، މާލޭ މަގުތައް ހަދައި ނިންމާއިރު ކިހާ އަދަދެއްގެ ގަހެއް ކަނޑަން ޕްލޭން ކޮށްފައިވޭތޯ ހަސަން ލަތީފު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ، އެ މަގުގައި ހުރި ގިނަ ގަސްތަކަކީ އޮފިއެލޭ ގަސް ކަމަށެވެ. އެ ގަސްތަކަކީ ވަކި ވަރަކަށް ބޮޑުވުމުން ޕޭމަންޓާއި، ކާނުތަކަށާއި އެކި ކަންކަމަށް ބިމުގައި ވަޅުލާފަިއ ހުރި ހޮޅީތަކަށް އޭގެ މޫތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭ ގަސްތަކެއް ކަމަށެވެ.
"މަގު ހަދަމުންދާއިރު މަގުގެ ތެރެއަށް ގެނޭ އިތުރު ޕްރޮވިޝަންތަކެއް، މަގުގެ އަޑިއަށް، އޭގެ ތެރޭގައި ޑީ ވޯޓަރިން ހޮޅި އާއި، އެމްޑަބްލިއު އެސްސީގެ ފާހާނާގެ ނިޒާމު އަޕްގްރޭޓް ކުރުމުގެ އިތުރު ހޮޅިތަކާއި ހައިވޯލްޓޭޖް ކޭބަލްތަކަށް ޕްރޮވިޝަނެއްލައިފަހުރި ހޮޅިތަކާއި އަދިވެސް އެހެން ސާވިސްތަކަށް ލައިފަހުރި ހޮޅިތައް،"
އެ ގަސްތަކަކީ ޒަމާންވެފައިހުރި ބޮޑެތި ބިޔަ ގަސްތަކެއް، ކަމަށާއި 30 މީޓަކަށް ފަލަވާން ފެށީމަ ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް އެ ގަސްތަކަކީ ނަގާ ގަސްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"މި މަސައްކަތް ކުރުމުގައިހުރި ޗެލެންޖަކީ އޮފިއެލޭއަކީ އެގަސް ހެދި ބޮޑުވެގެންދާއިރު އޭގެ މޫތައް ފުދޭވަރަކަށް ޝެލޯ ސާފެސްއެއްގައި ހޮރިޒޯންޓަލްކޮށް ހެދެމުންދާ ގަސްތަކެއް، ގަސްތަކުގެ ފަލަމިން 30 ސެންޓި މީޓަކަށްވުރެން ފަަވާންފެށީމަ ދުނިޔޭގެ އެހެން ތަންތާގައިވެސް، ލިޓްރެޗާއިން ފެންނަންހުރީ، އަދި ރާއްޖޭގައިވެސް އެބަ ތަޖުރިބާކުރޭ މަގުތަކުގައި ހުންނަ ކާނުތަކާއި ޕޭވްމަންޓް ތަކާއި އަދި ރޯޑް ސާފަސް އޭގެ ސަބަބުން ޑެމޭޖު ކުރާކަން،"
އަމީނީމަގުން މިހާތަނަށް ކެނޑި ގަސްތައް ހުޅުމާލެ އާއި ކުޑަގިރީގައި އިންދާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އެ ހަދާގޮތަށް މަގުތައް ހެދިގެންދާއިރު ގަސް އިންދަން ވަކި ތަނެއް އިންނާނެ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ކޮންމެސް 25 މީޓަރަކުން ގަސް އިންދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު