ވާހަކަ

ދީވާނާ ހިތް - 25

4

"ދޮންބެ ކޮފީ ބޯނަންތަ؟ " މަންޝާ ތެދުވެގެން ހިނގައިގަތެވެ. މަންޝާ އެވާހަކަ މެދުކަނޑާލީކަން ޒަވީއަށް އެނގުނެވެ. އޭގެފަހަތުގައި މަންޝާ ބުނަން ބޭނުންނުވާ ވާހަކައެއް އޮތްކަންވެސް ޒަވީއަށް ވިސްނުނެވެ. އަނެއްކާ ނަޒާން ހެއްޔެވެ؟ މަންޝާ އާއި ނަޒާން ގުޅުމެއް އޮތީއެވެ. މަންޝާ ދިޔަތަނަކަށް ދިޔައީ ނަޒާނާ އެކުގައެވެ. ޔަގީނެވެ.

***********

އީދު ނަމާދުން އައިއިރު އަހްތަރުގެ ގޯތީގައި ހުރިހާ ކުދީންނަށް ސައިހަދާފައި ހުއްޓެވެ. ރަށު ކައުންސިލްގެ ފަރާތުން ބަނދަރުމަތީގައި ބޮޑު ސައެއްވެސް ތައްޔާރުކޮށްފައި އޮތެވެ. ހުރިހާ ކުދީން އެތަނަށް ދިޔައެވެ. ވަކިވަކި ގޭގެއިންވެސް ސައި ބޯން ބަލާ އައެވެ. މުޅި ރަށަށް ވެރިވެފައި އޮތީ ހަލަބޮލިކަމެވެ. އެއްވެސް މީހެއްގެ ހިތުގައި އަނެކަކާމެދު ހިތްބުރަކަމެއް ނެތެވެ. އީދާ ގުޅޭ ލަވަތަކާއި މިޔުޒިކު ތަކުން ރަށުތެރެ ވަނީ ގުގުމާލާފައެވެ. ކުޑަކުދިން އީދު ހެދުން ލައިގެން މަގުތަކަށް ނުކުމެ އުޅުނެވެ. ފަހު ރޯދައިގެ ރޯދަވީލުމާ ހަމައިން އީދުގެ ހަރަކާތްތައް ރަށުތެރޭގައި ފަށައިފިއެވެ.

"ފެންކުޅުން އިރުކޮޅަކުން ފެށޭނެ އިނގޭ" ޖޯލީގައި ތިބި ކުދިންނަށް ސާދާ ބުންޏެވެ. ގޯތިތެރޭގައި މެންދުރުގެ ކެއްކުމަށް އެވަގުތު ތައްޔާރުކުރަމުން ދިޔައެވެ. އެއްކުއްޖަކު އަނެއް ކުއްޖަކުގެ މޫނަށް ބަލައިލީ ފެންކުޅި ކުޅޭނަންހޭ އަހާލާ ކަހަލަ ގޮތަކަށެވެ.

"ބަލާނެކަމެއްނެތޭ. މިރަށުގަ އީދެއް އައިއްޔާ ނޯންނާނެ ބީރައްޓެއްސެއް ޑީ ރައްޓެއްސެއް. ގޭގަ އޮތަސް ތެންމާލާނެ. އަންހެނެއް ފިރިހެނެއް ނޯންނާނެ" ފުނޑާ ދައި ކައިރީގައި ހަވާދު ފުނޑަން ހުރި ދިލްޝާދު ބުންޏެވެ. އޭނާ އާ އެއްބައިވުމުގެ ގޮތުން ވަކިން ކުކުޅު ނޮޅަން ތިބި މިހާދާއި އަހްތަރުވެސް ހިނިގަނޑެއް ޖަހާލާފައި އާއެނކޭ ބުންޏެވެ.

"މި އަންނަނީ ޓޮއިލެޓަށް ވަދެފަ" ތިއާ ކައިރީގައި ނާޔާ ބުންޏެވެ.

އެގެއިން ނުކުތްގޮތަށް ނާޔާ ހިނގައިގަތީ އެމީހުން ތިބޭ ގެއާ ދިމާލަށެވެ. ޒަރޫކް އޭނާގެ ފޯނަށް ފޮނުވާފައި އޮތް މެސެޖް ކިޔާލިއެވެ. އެރަށަށް އައިފަހުން އަދި ޒަރޫކާ ހަމަޖެހިގެން ވާހަކަދައްކާލެވިފައިވެސް ނެތެވެ. އެހާވަރުން ޒަރޫކް މިސްވި ވާހަކަ ބުނެފައި ބައްދަލުކޮށްލަން އެދުމުން އޭނާއަށް ނުގޮސް ކެތްނުވީއެވެ.

ގޭތެރެއަށް ވަދެފައި ނާޔާ ދެފަރާތް ބަލައިލިއެވެ. އެހެން މީހަކު ގެއަށް ވަދެދާނެ ކަމަށް އޭނާ ހުރީ ހިތްބިރުވެސްގެންފައެވެ. ޒަރޫކްގެ ހަބަރެއް ނުވުމުން ނާޔާ ޒަރޫކްގެ ފޯނަށް ގުޅިއެވެ. ހަމަ އެހިނދު ފަހަތުން އޭނާގެ ގައިގައި މީހަކު ބައްދައިލިއެވެ. އެއީ ޒަރޫކް ކަން އޭނާ އެނގުނީ އަބަދުވެސް ޒަރޫކްގެ ގައިން ދުވާ ސެންޓް ވަހުންނެވެ. އެވަހަށް މިހާރު އޭނާ ހޭނިއްޖެއެވެ. ނާޔާ ފަހަތަށް އެނބުރި ބަލައިލިއެވެ.

"ކީއްވެ އެއްޗެހި ބަދަލުކުރީ" ނާޔާ ބުންޏެވެ. ޒަރޫކް ހުރީ އީދުނަމާދަށް ދާންވެގެންލި ހެދުމުގައެއް ނޫނެވެ.

"ކަމެއްނުވޭ. އާދެބަލަ. މިރަށަށް އައިފަހުން ނާޔާ ގައިގަ ބައްދާވެސްނުލެވޭ" ޒަރޫކް ބުންޏެވެ. ނާޔާ ހީލިއެވެ. ދެން ޒަރޫކްގެ ދެއަތުގެ ތެރެއަށް ވަނެވެ.

"މީހަކު އައިސްދާނެ" ދުރުވެލަމުން ނާޔާ ބުންޏެވެ.

"މިރޭ މިރަށުގަ ކުޅިވަރުތައް ފަށާނެއްނު. ގެ ހުސްވާނެއްނު. ޕްލީޒް އަންނައްޗޭ. އަހަރެންނަށް މިހާރު ނާޔާ އާ ދުރުގަ ހުންނަން ވަރަށް އުނދަގު" ޒަރޫކް ބުންޏެވެ.

ނާޔާ ބޯޖަހާލިއެވެ. އޭނާ ޒަރޫކްދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުންޏެވެ. މާގިނައިރު އޭނާއަށް އެތަނުގައި ނުހުރެވޭނެ ވާހަކަ ބުނެފައި ގެއިން ބޭރަށް ނުކުންނަން ދުއްވައިގތެވެ. ނަޔާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އޭނާގެ ތުންފަތް މައްޗަށް ވެރިކޮށްލައިގެން ހުރި ހިނިތުންވުން ފިލުވާލައިފިއެވެ. އިސާހިތަކު އޭނާގެ ލޯ ކުރިމަތީގައި ތިއާ ގެ ތަސްވީރު ކުރެހިއްޖެއެވެ. ހިތަށް ލިބުނު އުފާވެރިކަމާއެކު އިންތިހާއަށް ދެރަވެސްވިއެވެ. ރުޅިވެސް އައެވެ. ތިއާގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާ އަކީ އެހިތުން ދުވަހަކުވެސް ފިލައިގެންދާނެ ހަދިޔާއެއް ނޫނެވެ.

"ސޮރީ ނާޔާ... އަހަރެން ތިކުޑަ ކުއްޖާދެކެ ލޯތްބެއް ނުވޭ. އަމިއްލައަށް ފެނިގެން ދުރަށްދޭ. އޭރުން އަހަރެންގެ އަތްދަށުން ސަލާމަތްވެދާނެ. އަހަރެންގެ ބަދަލުހިފުން ފުރިހަމަނުވަނީސް އަހަރެން ދުރަކަށް ނުދާނަން" ޒަރޫކް އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.

*******

ޒަވީއަކީ ކައިގެން މޭޒު ކައިރިން ދެވަނައަށް ތެދުވި މީހާއެވެ. އޭނާ ކާގެއިން ބޭރަށް ނުކުމެ ބަލައިލި އިރު ގަސްދަށު ޖޯލީގައި ނަޒާން އޮތްތަން ފެނުނެވެ. ނަޒާން ކެއީ ވަރަށް ކުޑަކޮށެވެ. މޭޒަށް ބަލައިލި އިރު ބާކީ ތިބި މީހުން ފޯރީގައި ކަނީއެވެ. ނަޒާނާ ވާހަކަދައްކާލަން ރަނގަޅު ވަގުތެކޭ ހިތާ އެދިމާލަށް ޒަވީ ހިނގައިގަތެވެ. ފޯނު ހަބަރުތައް ކިޔަން އޮތް ނަޒާން ބަލައިލީ ކައިރީގައި މީހަކު އިށީންކަން އެނގުމުންނެވެ. ޒަވީ ހިނިތުންވުމެއް ނަޒާނަށް ދިނެވެ. ދެ ޒުވާނުންގެ މެދުގައި މާބޮޑު އެކުވެރިކަމެއް ނެތެވެ. އެހެންނަމަވެސް ޒަވީއަކީ މަންޝާގެ ބޭބެއަށް ވީތީ ނަޒާންވެސް ދެކެނީ އެފަދައިންނެވެ.

"ހޫނު ގަދަ ދުވަހަކަސް ވަރަށް ފިނިވައިޖެހޭ ދޯ" ޒަވީ ބުންޏެވެ.

އެހިސާބުން ސާދާގެ އަންހެންދަރިއަކު ދުފާ ތަބަށް ގެނެސް ޒަވީ އަތަށް ދިއްކޮށްލާފައި ދިޔައެވެ.

"އާނ. މިތަނަށް ވަރަށް ވައި އެބަޖެހޭ. ކިހިނެއް ކަންތައްތައް؟" ނަޒާން ބުންޏެވެ.

ޒަވީ ރަނގަޅޭ ބުންޏެވެ. ދެ ޒުވާނުންގެ މެދުގައި އެކުވެރިކަމެއް ނެތުމުން ވާހަކަދައްކަން އުނދަގޫވިއެވެ. ދައްކާނެ ވާހަކައެއްވެސް ނޭނގުނެވެ.

"ރޭގަ... މަންކޮ ގެއަށް އައީ އެކުގަ ދޯ" ޒަވީ ބުންޏެވެ.

ނަޒާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒަވީ އެ ސުވާލު ކުރި ސަބަބެއްވެސް ނަޒާނަށް ނޭނގުނެވެ. އެއްވެސް މީހެއް ކައިރީގައި އޭނާގެ ވާހަކަ އަދި މަންޝާ ދައްކާފައެއް ނެތެވެ. އެހެންކަމުން އެވާހަކަ އޭނާ އެހެން މީހެއް ކައިރީގައި ބުނަންވީ ކީއްވެގެން ހެއްޔެވެ؟ ދޮގު ހެދުމަކީވެސް އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

"ގެއަށް އަންނަނިކޮށް މަގުމަތިން ފެނިގެން ދެ މީހުން އެކުގަ އައީ" ނަޒާން ބުންޏެވެ.

"މަންޝާ އެހެން ބުނީތަ؟"

"ނޫނޭ. އަހަރެންނަށް ހީވީ އެހެން" ޒަވީ ބުންޏެވެ.

*********

ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީ މަންޝާ މުސައްލަ މަތީގައި އިންދައެވެ. އޭނާ އައިސް ދޮރުހުޅުވީ ނަމާދު ބުރުގާ ބަދަލުކޮށްގެންނެވެ. މަންޝާ ދޮރުހުޅުވާލުމާއެކު ބޭރުގައި ހުރި ނަޒާން އެތެރެއަށް ދެމިގަނެއްޖެއެވެ.

"އަވަހަށް ލައްޕަބަލަ. މީހަކު އައިސްދާނެ" އެތެރެއަށް ވަދެ އެނދުގައި އިށީންނަމުން ނަޒާން ބުންޏެވެ. މަންޝާ ހުރީ ހައިރާންވެފައެވެ. އެންމެން އެއް ގެއެއްގައި އުޅެނިކޮށް ނަޒާން އެފަދަ ކަމެއް ކުރުމުން އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ހީކުރީ އެރަށުގައި ނަޒާނަށް އެކަހަލަ ކަމެއް ކުރަން ނުކެރެނޭ ކަމަށެވެ.

"އަދިވެސް ހުރީތަ؟ ތިއުޅެނީ މީހަކަށް އަހަރެމެން އެއްކޮޓަރީގަ ތިބިތަން މިގޭ އުޅޭ މީހުންނަށް ދައްކަންވެގެންތަ؟ އެގޮތް ބޭނުމިއްޔާ ގޮވާބަލަ. ޔަލާ އެބަހުރި އިސްތިރި ކުރަން. ތިއާ އެބައުޅޭ ނަވާއަށް ކޮފީ ހަދާ" ނަޒާން ބުންޏެވެ.

މަންޝާ ހީވީ ބިރެއް ފެނުނުހެންނެވެ. ނިކަން ބާރަށް ދޮރުލައްޕައި ތަޅުލައިފިއެވެ. ދެއަތުގެ އިނގިލިތައް ގުޅުވާލިގޮތަށް ފުންނޭވާތަކެއްލާން ފެށިއެވެ. ނަޒާން އެތަނަށް ވަނީ އެ ހުރިހާ މީހުން ބޭރުގައި ތިއްބާ ހެއްޔެވެ؟ އެއިން މީހަކަށް ނުފެންނަ ކަމެއްވެސް ނޭނގެއެވެ.

"ހާދަ ބިރުގަތީ. އެއްވެސް މީހަކަށް ނުފެންނާނެ އަހަރެންނެއް" މަންޝާ ސިހުނީ ނަޒާންގެ އަތްތިލަ އޭނާގެ މޫނުގައި ބީއްސާލުމުންނެވެ. ވަގުތުން މަންޝާ ދުރަށް ޖެހުނެވެ. ނަޒާންގެ މޫނަށް ބަލައިލިގޮތަށް އޭނާގެ ހިތަށް އެރިއެވެ. ނަޒާންގެ ސިކުނޑި ހަމަ ހެއްޔެވެ؟ އެވަރުގެ ކަމެއް ކުރިއިރު ކުޑަވެސް ޖެހިލުމެއް ނެތް ހެއްޔެވެ؟

"ކީއްކުރަން ތިއައީ؟" މަންޝާ ބުންޏެވެ.

"މިއަދު އަދި ވާހަކަދައްކާވެސް ނުލެވޭ. އެހެންވެ" ނަޒާން ބުންޏެވެ.

"އަހަރެން ކީކޭ ބުނާނީ. ނޭނގޭތަ މިކޮޓަރީގަ އަހަރެން އެކަންޏެއް ނޫނޭ އުޅެނީ. ނާޔާވެސް އުޅޭ. ނާޔާއަކީ ކޮއްކޮއެއް ނޫންތަ؟ އެކުއްޖާ މިތަނަށް ވަންނަން ބޭނުންވެދާނެ ކޮންމެ ގަޑިއެއްގަވެސް" މަންޝާ ބުންޏެވެ.

"ނާއްކޮ ނާންނާނެ މިގަޑީގަ. އެބައޮތް މަންމަ ކޮޓަރީގަ ނިދާފަ" ނަޒާން ބުންޏެވެ.

މަންޝާ ދެކޮޅަށް ހިނގަން ފެށިއެވެ. ނަޒާން އެތަނުން ނެރޭނެ ގޮތެއް އޭނާ ވިސްނަން ފެށިއެވެ.

"ވިސްނިޔަސް ވިސްނަންވާނީ އެމީހަކަށް ކެތްވާ މިންވަރަކަށް. އާދެބަލަ އިށީންނަން. މީހަކާ ވާހަދައްކާލަން އިނަސް އެއީ އެހާވަރުގެ ކަމެއް ނޫނެއްނު"

މަންޝާ އަތުން ނަޒާން ދޫނުކުރިއެވެ. އެންމެފަހުން މަންޝާއަށް ޖެހުނީ ނަޒާން ކައިރީގައި އެނދުގައި އިށީންނާށެވެ. ބަހެއް ނުކިޔައި މަންޝާ އިނުމުން ނަޒާނަށް ހެވުނެވެ.

"އަހަރެން މެރީކޮށްގެން ދިޔައިމަވެސް ތިހެން ތަ އުޅޭނީ. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާނަންދޯ" މަންޝާ ބުންޏެވެ.

މަންޝާގެ އެ ޖުމްލައާއެކު ނަޒާންގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. މަންޝާ މީހަކާ ކައިވެނި ކުރަން އުޅޭކަން އޭނާއަށް އެނގެއެވެ. މަންޝާ އޭނާދެކެ ލޯބިނުވާކަންވެސް އޭނާއަށް އެނގެއެވެ. އޭނާ ބޭނުން ނުވިޔަސް މަންޝާ އެހެން ފިރިހެނެއްގެ ހިތްއުފާކޮށްދޭނެކަން އޭނާއަށް އެނގެއެވެ. އެހުރިހާ ކަމެއް މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ހިތް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. މަންޝާ އާ ބައްދަލުކުރާ ކޮންމެ ފަހަރަކު އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުއްޓަސް އޭނާގެ މޭތެރޭގައި އޮތް ހިތް ރުއިން ނުހުއްޓައެވެ. އޭނާގެ ލޯތްބަށް މަންޝާ އިންކާރު ކުރި ދުވަހުން ފެށިގެން އޭނާގެ ހިތް މަރުވެއްޖެއެވެ.

"އެހެންވާކަށް އަހަރެން ބޭނުމެއް ނޫން" ނަޒާން ބުންޏެވެ.

"ތިބުނީ އަހަރެން މެރީކުރަން ބޭނުންނުވާ ވާހަކަތަ؟ ނޫނީ އެހެން ކަމެއްގެ ވާހަކަތަ؟"

"ތެދެއް ބުނަންތަ؟" އަހަރެން ތި ކައިވެނިވިޔަކަ ނުދޭނަން" ނަޒާން ބުންޏެވެ.

އެވަގުތު މަންޝާގެ ނަޒަރު ނަޒާނާ ބައްދަލުވެގެން ދިޔައެވެ. ނަޒާންގެ ދެލޮލުން އޭނާއަށް ފެނުނީ ޔަގީންކަމެވެ. އެކަމަކު އެހެން ކަންތައްތައްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ ކައިވެނިވިޔަ ނުދޭން ނަޒާން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ނޫނީ އެއީ ހަމަ މަޖަލަކަށް ބުނި އެއްޗެއް ހެއްޔެވެ؟

ކުއްލިއަކަށް ދެ ޒުވާނުން ސިއްސައިގެން ދިޔައީ ދޮރުގައި ޓަކިޖަހަން ފެށުމުންނެވެ. މަންޝާ ނަޒާނަށް ބަލައިލީ ކަންބޮޑުވެފައެވެ. ދެން ހަދާނީ ކިހިނެއްހެއްޔޭ އަހާ ކަހަލައެވެ. ކާކުކަމެއްވެސް ނޭނގެއެވެ.

"ނާޔާ ކަންނޭނގެ" މަންޝާ ބުންޏެވެ.

"އުނހު. ނާއްކޮ ނިދާފަ އޮތީ" ނަޒާން ބުންޏެވެ.

މަންޝާ ހާސްވިއެވެ. ނަޒާން އެތެރޭގައި ހުއްޓައި ދޮރުހުޅުވަން އޭނާއަށް ލާހިކެއް ނޫނެވެ. ގޭ މީހުން ދެކެނީ ކޮން ނަޒަރަކުން ހެއްޔެވެ؟ ކޮންމެ ނިޔަތެއްގައި ނަމަވެސް އޭނާ އެހެރީ ބަންދު ކޮޓަރިއެއްގެ ތެރޭގައި ފިރިހެނަކާއެކު އެކަހެރިވެގެނެވެ.

"މަންކޯ... ހުޅުވަބަލަ. ނިދާފަތަ އަނެއްކާ" އިވުނީ ޒަވީގެ އަޑެވެ.

މަންޝާ ބަހެއް ނުކިއިއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ނިޔަފަތީ ކޮޅުގައި ދަތްއެޅުނީ ހާސްވީވަރުންނެވެ.

"ދެންވެސް މަން ތަނަކަށް ވަދެބަލަ. ދޮރުހުޅުވަންވާނެއްނު" ނަޒާން ބުންޏެވެ. މަންޝާ ނަޒާންގެ މޫނަށް ބަލައިލިގޮތަށް ދަތްކުނޑި ވިކާލިއެވެ.

"އަދިވެސް މަތަ ތަނަކަށް ވަދެ ފިލަންވީ" މަންޝާ ބުންޏެވެ.

ނަޒާން ބޯކަހާލިއެވެ. ހަގީގަތުގައި އޭނާވެސް ހާސްވިއެވެ. އޭނާއަށް ވުރެ ބޮޑަށް އެފަދަ ވަގުތެއްގައި މަންޝާ ބޯގޮވާނެކަން އޭނާއަށް ވިސްނުނެވެ. މަންޝާ އެއީ އަންހެންކުއްޖާއެވެ. ފިރިހެނަކަށް ވުރެ ބޮޑަށް ބަދުނާމުވާނީ އަންހެނެކެވެ.

"މިތަނުން ނުނިކުންނާތި. އަހަރެން ބުނީމަ ނުކުންނާނީ"

ނަޒާންގެ އަތުގައި ހިފައިގެން އައިސް ބޮޑުއަލަމާރީގެ ތެރެއަށް ކޮށްޕާލަމުން މަންޝާ ބުންޏެވެ. ނަޒާން ކައިރިއަށް ހިނިވެސްއައެވެ. އޭނާ ވެއްދީ އަންހެން ހެދުންތަކެއްގެ ތެރެއަށެވެ. ދުވާ ކަރުބޮލަކު ވަހުން މޭބޮޑުވާގޮތްވެ އަނގަ ހަދާލެވުނެވެ.

"ކަރުބޮލަކު ވަސް. ހޮޑުލެވޭނީ" ނަޒާން ބުންޏެވެ.

"ތިތަނަށް ހޮޑުވެސް ދެން ހުރި އެއްޗެހިވެސް ލާންޖެހޭނީ. ކުރަފިވެސް އުޅޭނެ. ތިއީ އަދަބު" މަންޝާ ބުންޏެވެ.

ނަޒާނަށް އެއްޗެއް ނުބުނެވެނީސް އަލަމާރީގެ ދޮރުފަތް މަންޝާ ލައްޕައިފިއެވެ. އެނދު ކައިރީގައި ހުރެ މީހާ ހަމަޖެހިލާފައި އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ.

***********

ފާއިތުވި ދެތިން ދުވަހު ޝައިހާންގެ ފަރާތުން އެހެންޏާ ނުފެންނަ ކަހަލަ ކަންތައްތަކެއް ސަމާހާއަށް ފާހަގަވެއްޖެއެވެ. ގޭތެރޭގައި ގިނަވަގުތު ޝައިހާން އުޅެއެވެ. ދަންވަރު ބޭރުގައި ނޫޅެއެވެ. ވަޒީފާއަށް ނުދާ ދުވަހެއް ވިއްޔާ ޝައިހާންގެ ކަމަކީ އަބަދު ނިދުމެވެ. އެހެންނަމަވެސް ފަހު ރޯދަ ދުވަހުން ފެށިގެން ކޮޓަރީގައި ޝައިހާން ނަމާދަށް ހުއްޓާވެސް އެތައްފަހަރަކު ސަމާހާއަށް ފެނިއްޖެއެވެ. ކުއްލިއަކަށް ޝައިހާނަށް އެ އައި ބަދަލެއް ސަމާހާއަށް ނޭނގެއެވެ. އޭނާއަށް އެނގެނީ ޝައިހާނު އިސްލާހު ނުވާނެ ކަމެވެ. މީގެކުރިންވެސް ކުއްލި ކުއްލިއަށް އެކަހަލަ ބަދަލު ޝައިހާނަށް އަތުވެއްޖެއެވެ. ވާރޭކޮޅެއް ވެހި ދުނިޔެމަތި ސާފުވެގެންދާ ފަދައިން ހިނދުކޮޅެއްގެ ތެރޭގައި އެކަން ހިނދިގެން ހިނގައިދާނެއެވެ.

"އަން. މި ކާލަބަލަ" ޝައިހާން ދިއްކޮށްލި ބޯކިބާކޮޅުގައި ސަމާހާ ނުހިފިއެވެ.

"އަހަރެން ކިހިނެއް އުޅުނީމަތަ މަންމަ އަހަރެންނަށް އިތުބާރު ކުރާނީ" ޝައިހާން ބުންޏެވެ. "މިއީ އަހަރެން ތަނެއް ފަޅާލައިގެން ހޯދި އެއްޗެއް ނޫން"

"އަހަރެން މަރުވިޔަސް ކަލެއަށް އިތުބާރެއް ނުކުރާނަން. ތިއީ މަގޭ ދަރިއެކޭ. އަހަރެން ހަނދާން އެބަހުއްޓޭ މީގެ ހަތަރު އަހަރު ކުރިން ލިބުނު ފަންސާސް ހާސް ރުފިޔާ އިން އަހަރެން ގޮވައިގެން އުމުރާއަކަށް ދާނަމޭ ކިޔާފަ ފުރަން ދެތިން ދުވަހަށް ވީތަނާ ކަލޭ ނުފެނިގެން އަހަރެން ފުލުހުންނަށް މައްސަލަ ހުށަހެޅި އިރު ކަލޭ ގޮޅީގަ އޮތް ދުވަސް. އެވެސް ފަންޑު ފޮއްޓެއް ފަޅާލައިގެން ކަލޭ ހޯދި ލާރި. ޝައިހާނަށް ބަދަލެއް އަންނާނެ ކަމަށް ކިހިނެއް އަހަރެން ގަބޫލު ކުރާނީ؟"

"ތިހެންވެގެންނޭ މަންމަދެކެ ރުޅިއާދެވެނީ. ބުނީމެއްނު މީހަކާ އިންނަންވާއިރަށް ރަނގަޅު ވަނީއޭ މި. މަން އައިމަ މެރީކުރަން މިއުޅެނީ. ތިވާހަކަ ނުދައްކާ ހިނގާބަލަ މަންޝާގެ ވާހަކަދައްކަން. މަންމަ ބުނީމެއްނު ވަރަށް އަވަހަށް މާމަ ދަރިއަކު ބޭނުންވާ ވާހަކަ. އަހަރެން މީހަކާ އިނީމައެއްނު މަންމަގެ ތިއެދުން ފުރިހަމަވާނީ"

ސަމާހާ ދެފަރާތަށް ބޯހޫރާލައެވެ. މަންޝާގެ ނަން ހިތަށް އެރިޔަސް އޭނާގެ ހިތް ރޯންފަށައެވެ. އެކުއްޖާއަށް ހަމަ އެކައްޗެއްވެސް ނޭނގެއެވެ. ޝައިހާން އެ އުޅެނީ މީހެއްގެ މައުސޫމް އަންހެން ދަރިއެއްގެ ދިރިއުޅުން ވެއްޔާ މޮޑެލާށެވެ. އެ ކައިވެންޏެއް ކުރުމުގެ ކުރިން އޭނާ މަންޝާ އާ ބައްދަލުކުރަން އެބަޖެހެއެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

"ހާސްނުވެބަލަ. މަން ކަހަލަ ރަނގަޅު ކުއްޖެއް އަހަރެންގެ ހަޔާތަށް އައިމަ އަހަރެންވެސް ރަނގަޅުވާނީ"

**********

ކޮޓަރި ދޮރުމަތީގައި ތިބި މީހުން ފެނިފައި މަންޝާ ހައިރާންވިއެވެ. ގޮވީ ޒަވީއެވެ. ދިލްޝާދުގެ ދެމަފިރިންނާއި ނާޔާ ނޫން އެންމެން ދޮރުމަތީގައި ތިއްބެވެ. ޒަވީގެ އަތުގައި ތަޅުދަނޑި ފައްޗެއް އޮތެވެ. މަންޝާގެ ހަބަރެއް ނުވުމުން ޒަވީ މަސައްކަތް ކުރީ ޑަބަލް ތަޅުދަނޑިން ދޮރުހުޅުވަންކަން މަންޝާ އަންދާޒާކޮށްލިއެވެ. މަންޝާ ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ. ދޮރުހުޅުވި ބޭޒާރުވުމުގެ ކުރިން އަމިއްލައަށް ދޮރުހުޅުވުނުކަން ނަސީބެކެވެ.

"ކިހާ އިރެއް ގޮވާތާ. ކީއްތިކުރަނީ" ޒަވީ ބުންޏެވެ.

"ފާހަނައިގަ އުޅުނީ" މަންޝާ ބުންޏެވެ.

"ކިރިޔާ ބިރުން ހަލާކުނުވީ" ޔަލާ ބުންޏެވެ.

"ދޮންބެ ކަމަކުތަ؟" މަންޝާ އެހިއެވެ.

"މަންމަ ނުގުޅާތަ؟ ބުނި ތައްޔާރުވެގެން އެގެއަށް އަންނާށޭ. ސައިހަދާފައޭ ހުރީ" ޒަވީ ބުންޏެވެ.

"މިދަނީ. ދޮންބެމެން ދޭ" މަންޝާ ބުންޏެވެ.

ބާކީ ތިބި މީހުން ހިނގައިގަތަސް ޔަލާ އާއި ތިއާ ނުދިޔައެވެ. ދެކުދިން ކޮޓަރިއަށް ވަނުމުން މަންޝާ ހާސްވިއެވެ. އެއްޗެއް ބުނަން އުޅެގެން ދޫފުރޮޅުނީވެސް ނޭނގިއެވެ.

"ކޯޗެކޭ ތިކިޔަނީ؟" ތިއާ އެހިއެވެ.

"ނުކިޔަން..... ދޮންބެދައްތަ ކީއްތިކުރަނީ؟" އަލަމާރި ހުޅުވަން އުޅުނު ޔަލާގެ އަތުގައި މަންޝާ ހިފެހެއްޓިއެވެ.

"އަދިވެސް އެއްޗެހި އަލަމާރިއަށް ނާޅާ ހުރީމަ. އެހެރީ ފޮށީގަ ހުރިހާ އެއްޗެހި. ފަސޭހަކޮށްދޭނަމޭ ހިތާ އުޅުނީ" ޔަލާ ބުންޏެވެ.

"އަހަރެން ތިކަން ކުރާނަން. އިހަށް އެންމެންދޭ. ފެންވަރަން މިއުޅެނީ" މަންޝާ ބުންޏެވެ.

އެވީ ހުރިހާ އިރެއްގައި ހިފަހައްޓާލާއިގެން ހުރި ނޭވާ މަންޝާއަށް ދޫކޮށްލެވުނީ ޔަލާ އާއި ތިއާ ކޮޓަރިން ނުކުތުމުންނެވެ. އޭނާ ދުވެފައިކަހަލަ ގޮތަކަށް ގޮސް އަލަމާރި ދެ ދޮރުފަތް ހުޅުވާލިއެވެ. ނަޒާން ހީވީ ތައްޔާރަށް އިންހެންނެވެ. އަލަމާރިން ފުންމާލީ މަންޝާގެ ކުރިމައްޗަށެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމިސް އޮތީ ދަލުން ތަތްތެޅިފައެވެ. ނިތްމަތިން ދާތިކިތައް ވިދަމުން ދިޔައެވެ.

"ނުކުންނަންވީތަ؟" ނަޒާން އެހިއެވެ.

"ހުރޭ މިތާ. އެންމެން ދާތަނަކަށް ގޮސް އަންނަދެން މިތާ ހުރޭ" މަންޝާ ބުންޏެވެ. އޭނާ ހުރީ ނަޒާން ނުވިސްނާ އެގޮތަށް ކަންތައް ކުރުމުން ހިތްހަމަނުޖެހިފައެވެ. ހިތްހަމަނުޖެހިފައި އަނެއްފަރާތަށް މަންޝާ އެނބުރުނުގޮތުން ނަޒާނަށް ހެވުނެވެ. އަދިވެސް އެކޮޓަރިން ނުކުންނަހިތެއް އޭނާ ނެތެވެ. ބޭނުންވަނީ އަބަދުވެސް މަންޝާ ފެންނަ ހިސާބުގައި ހުންނާށެވެ. އެހެންނަމަވެސް އެވަގުތަށް އޭނާ ނުކުންނަން ޖެހޭނެކަން އެނގެއެވެ.

"ސޮރީ" ކަންފަތް ކައިރިން ނަޒާންގެ އަޑު އިވުމުން ސިހިފައި މަންޝާ ދުރަށް ޖެހުނެވެ. މަންޝާ ޖަވާބެއްނުދީ ބަލަހައްޓައިގެން ހުރިގޮތުން އެއްފިޔަވަޅު މަންޝާ އާ ގާތަށް ނަޒާން ޖެހިލިއެވެ. މަޑުމަޑުން ދެއަތް އުފުލާލިގޮތަށް ބޭއްވީ މަންޝާގެ ދެކޮނޑުމަތީގައެވެ.

"އަދިވެސް އަހަރެންނަށް ޔަގީންކަމެއް ނުދެވޭނެ މިގޮތަށް ކަންތައް ނުކުރެވޭނެކަމުގެ. ޕްލީޒް... ޕްލީޒް އަހަރެން ހުއްޓުވާ. އަހަރެންނަށް ދުރުގައި ހުންނަން ހަމަ ދަތިވަނީ. އަހަރެންނާ އިންނަންވީނުން. އޭރުން ހުރިހާ ކަމެއް ހައްލުވީ. ވިސްނަބަލަ މަށާ ދޭތެރޭ. އަހަރެން އަތުންފައިން ގޯހެއް ހަދުވަންތަ ބޭނުމީ. އާދޭސްވެސް ކޮށްފާނަން. ތިދެފައި މައްޗަށްވެސް ވެއްޓިދާނަން. އަހަރެން މިކުރަނީ ސަމާސާއެއް ނޫނޭ"

މަންޝާގެ އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ނަޒާންގެ ދެލޮލަށެވެ. ނަޒާންގެ ދެލޮލުން ރިހުމެއްގެ އަސަރު ފެނުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. ނަޒާންގެ ފުންކަނޑެއްފަދަ ދެލޮލުގެ ތެރެއަށް މަންޝާގެ ރޫހު ފީނައިގަތް ކަމެއްވެސް އޭނާއަށް ނޭނގުނެވެ. އޭނާ ތެޅިގަނެފައި ދުރަށް ޖެހުނެވެ. އެވީގޮތެއް މަންޝާއަށް ނޭނގުނެވެ. ޔަގީނުންވެސް ދެތިން މިނެޓު ފަހަތަށް ސިކުނޑި ޖެހިލައިފިއެވެ. އަމިއްލަ ތުންފަތުގައި މަންޝާއަށް އަތްއެޅުނު ގޮތަށް ނަޒާނަށް ފުރަގަސްދިނެވެ. އޭނާއަށް ގަބޫލުނުކުރެވުނެވެ. އެއީ ހަމަ އަސްލެއް ހެއްޔެވެ؟ އޭނާ އެ ފުރުސަތު ނަޒާނަށް ދިނީ ހެއްޔެވެ؟ ބަސްމޮށުންތެރިކަމެއް ނެތް ބަހުރުވައަކުން ނަޒާންގެ ހިތަށް އުންމީދެއް ދެވިއްޖެއެވެ. އަމިއްލަ ނަފުސުދެކެ މަންޝާ ހިތްހަމަނުޖެހުނެވެ.

"މަން... އެއީ އެވަރުކަމެއް ނޫން"

"ދޭ މިތަނުން..... "މަންޝާ ބުނީ މަޑުމަޑުންނެވެ.

"މަ ން ޝާ..."

"މިބުނީނު ދާށޭ... އަޑެއްނީވޭތަ؟" މަންޝާ ހަޅޭއްލަވައިގަތެވެ. ނަޒާނަށް މަޖުބޫރުވީ އެތަނުން ނުކުންނާށެވެ.

ކޮޓަރި ލޮކްކުރިގޮތަށް މަންޝާ އެނދުގައި އިށީނެވެ. ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. އިރުކޮޅަކުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ތުންފަތް ކައިރިން ރަތްކުލައިގެ ލިޕްސްޓިކް ފޭދިފައި ހުރިތަން ފެނުމުން މަންޝާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟