ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒު، ހައި ޖަމްޕްގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.
ޝައިމް އިއްޔެ ގައުމީ ހައި ޖަމްޕްގެ ރެކޯޑު ހެދީ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށްގެންނެވެ. ޝައިމް ރެކޯޑު މުގުރާލި އިވެންޓުގައި އޭނާ ވަނީ 1.50 މީޓަރު މަތިން ފުންމައިފައެވެ. ޝައިމް އިއްޔެ މުގުރާލީ 27 އަހަރު ކުރިން ހަދާފައިވާ ގައުމީ ރެކޯޑެކެވެ. މީގެ ކުރިން ރަނާ އަހުމަދު ސޯދިގު އަތުގައި އެންމެފަހުން އޮތް ރެކޯޑަކީ އޭނާ 1996 ވަނަ އަހަރު ހަދާފައިވާ ރެކޯޑެކެވެ. ރަނާ ރެކޯޑު ހެދީ މާލޭގައި ބޭއްވުނު ހަތަރުވަނަ އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތުގައެވެ.
ފުވައްމުލަކުގައި ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި އިއްޔެ ޝައިމް ވަނީ ހައި ޖަމްޕްގެ ގައުމީ ރެކޯޑު ހަދައި، އެ އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ބައިގެ ޖެވްލިން އުކުމުންވެސް ރަން މެޑަލް ހޯދައިފައެވެ.
މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި މިހާތަނަށް ނިމުނު އިވެންޓުތަކަށް ބަލާއިރު ގައުމީ ސްޕްރިންޓް ޓީމުގެ އިބްރާހިމް ނާހިލް ވަނީ ދެ ރަން މެޑަލް ހޯދައިފައެވެ. ޒުވާން އުމުރުގައި ބައިނަލްއަގުވާމީ ލެވަލްގައި ވެސް ވާދަކޮށް ކުރިއެރުން ހޯދަމުން އަންނަ، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ވަނީ 100 މީޓަރު ދުވުމުންނާއި ލޯންގް ޖަމްޕްގެ ވެސް އެއްވަނަ ހޯދައިފައެވެ.
މި ދެ އިވެންޓުގެވެސް ޖޫނިއާ ރެކޯޑު އޮންނަ ނާހިލް 100 މީޓަރު ދުވުން ކާމިޔާބުކުރީ 11.69 އިން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔައީ އައްޑޫ ހައި ސްކޫލުގެ އަބްދުﷲ ގާލީއެވެ. ތިންވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލުގެ އަލީ މައުލޫފް އިބްރާހީމެވެ.
ލޯންގް ޖަމްޕްގެ އެއްވަނަ ނާހިލް ހޯދީ 6.06 މީޓަރަށް ފުންމައިގެންނެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ ހައްވާ މުޒްނާ ފާއިޒެވެ. 12.88 ސިކުންތުން ދުވެގެން އޭނާ ރޭސް ނިންމި އިރު، ދެވަނަ ހޯދީ ދާންދޫ ސްކޫލުގެ އައިމިނަތު ލަޔާނާއެވެ. އޭނާ ރޭސް ނިންމީ 13.26 ސިކުންތުންނެވެ. ތިންވަނައަށް ދިޔަ ވިލާ ކޮލެޖުގެ އާމިނަތު ނުހާއަށް ރޭސް ނިންމުނީ 14.55 ސިކުންތުންނެވެ.
އިންޓަ ސްކޫލު އެތުލެޓިކްސް މީޓުގެ އިވެންޓުތައް އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.