ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ތަކެތި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށް އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް މާދަމާ ފަށަން ނިންމައިފިއެވެ.

ގާނޫނުގައިވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްްޔާ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ޓަކައި، އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ވަނީ ބާއްވައިފައެވެ.

މި ޖަލްސާގައި ހަމައެކަނި އޮންނަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެހެން އެއްވެސް މަސައްކަތެއް މަޖިލިސް ތަޅުމުގައި ކުރިއަކަށް ނުގެންދާނެއެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ފެށުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ހަތަރުކަމެއް އެޖެންޑާ ކޮށްފައެވެ.

މާދަމާ ހެނދުނު 9:00ގައި ފަށާ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކުގެ ދާއިރާއާއި މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.

އެއަށްފަހު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު ހުށަހަޅުއްވާފައިވާ، ނަފުސާނީ ސިއްހަތާ ގުޅޭ ހިދުމަތްތަކާބެހޭ ވަށައިޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އެ ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ.

އޭގެ ފަހުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންދަންވެސް ވަނީ އެޖެންޑާ ކޮށްފައެވެ.