މި ސަރުކާރުން މުޅިން އަލަށް 39 ފުޓުބޯޅަ ދަނޑާއި 50 އަށްވުރެ ގިނަ އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ކުރިއަށް ދިއުމަށާއި މުނިފޫހިފިލުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެގޮތުން މުޅިން އަލަށް ގާއިމުކުރި 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމި، ރަނގަޅު ފެންވަރުގެ ވޮލީ، ބެޑްމިންޓަން އަދި ހޭންޑް ބޯލް ކޯޓުތަކާ ސިންތެޓިކް ޓްރެކާއި ޓީޓީ ސެންޓަރުތައް ނިމިފައިވާއިރު، 50 އަށްވުރެ ގިނަ އައުޓްޑޯ ޖިމް ގާއިމުކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި، މީގެ ކުރިން ކުޅިވަރު ކުޅުމުން މަހުރޫމުވެފައި ތިބި ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު ފުރުސަތު ހޯދައިދީފައިވާ ކަމަށާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވިދާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފެށިގެން މިހާތަނަށް، ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެ ވަނީ 33 ގޯލްޑް މެޑެއްޔާއި 18 ސިލްވާ މެޑެއްޔާއި 88 ބްރޮންޒް މެޑަލް ހޯދާފައި،"

މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ނުވަ ކުޅިވަރު މުބާރާތް ބާއްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ބާސްކެޓް، ބީޗް ވޮލީ، ބޮޑީ ބިލްޑިން އާއި ބޮޑީބޯޑިން އަދި ސާފިންގް ހިމެނޭ ކަމަށެވެ. އަދި ލިބުނު ނަތީޖާއަކީ ވޯޓާސްޕޯޓްސްގައި ނަން މަޝްހޫރު ދުނިޔޭގެ މަންޒިލަކަށް ރާއްޖެ ބަދަލުވަމުން ދިއުން ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަންނާނުންގެ ކުޅަދާނަކަމާއި ހުނަރު ތަރައްގީކުރުމަށް އެކަށޭނަ ފުރުސަތު ނެތުމަކީ އޮތް ހުސްކަމެއް ކަމަށެވެ. އަދި ގެނެވުނު ޒަމާނީ ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް ހުޅުވާފައިވާއިރު، އެއީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގައި ކުރިއަށްދާން ބޭނުން ޒުވާނުންނަށް ފަހި މާހައުލަކަށްވާނެ ކަމަށް ވިދާޅުވިއެވެ.

"މި މަސްތެރޭ ނެޝަނަލް އާޓް ގެލެރީ ހުޅުވާލެވޭނެ، ފަންނާނުންގެ ހުނަރު ރާއްޖޭން ބޭރުގައި ދެއްކުމުގެ ފުރުސަތު ފަންނުވެރިންނަށް މި އަންނަނީ ހޯދައިދެމުން، ރާއްޖޭގެ އެކިކަންކޮޅުގައި ގާއިމުކުރެވޭ ސައިޓް މިއުޒިއަމްތަކަކީ އާސާރީ ތަރިކަ ދިރުވާ ދަމަހައްޓާނެ މަރުކަޒު ތަކަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.