ޒަމާނީ އާ ހިދުމަތްތަކާ އެކު ކުޅުދުއްފުށީ ހޮޕިސްޓަލަށް 144 މުވައްޒަފުން އިތުރުވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތް މަރުކަޒު ވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ ކަމަށެވެ. އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫއަކީ ސަރަހައްދީ ޓާޝަރީ ހޮސްޕިޓާތައް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް، އަމަލީ މަސައްކަތުގައި މަޝްރޫއު މިހާރު ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން ހަމައެކަނި ކުޅުދުއްދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްގީގެ ލިސްޓު ދިގު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހޮސްޕިޓަލުގައި މުޅިން އަލަށް ދޭންފެށިފައިވަނީ ޒަމާނީ ސިއްހީ ހިދުމަތް. އެމްއާރުއައި، ކަކުލު ހުޅު ބަދަލު ކުރާ އޮޕަރޭޝަން، ލެޕްރޮސްކޯޕިކް ސާޖަރީ، މެމޯގްރާމް، އަދި މިނޫންވެސް އެކި ހިދުމަތްތައް ފެށިއްޖެ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އިތުރު ކުރެވިއްޖެ. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ގޮތުގައި 144 މުވައްޒަފުން އެ ހޮސްޕިޓަލަށް އިތުރު ކޮށްފިން. ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުން ދާނީ އިތުރުވަމުން. މީގެކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރކުރި ބަލިމީހުންގެ 24 އިންސައްތަ މިހާރުވެސް ދަށް ކުރެވިއްޖެ. މި ބަދަލު ހަމަ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށްވެސް އަންނާނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއީ އަދި ނިމުމެއް ނޫން ކަމަށާއި ހިދުމަތް ފުޅާވެ، ކުރިއަރައި ދިޔަ ވަރަކަށް މިކުރިއެރުމަށް ބޭނުންވާ ބަދަލު ސަރުކާރުން ގެންނާނެ ކަމަށެވެ. މިއީ ހަމައެކަނި ކުޅުދުއްފުއްޓާއި އައްޑޫއާ ހަމައިން ނިންމައިލާ ކަމެއްވެސް ނޫން ކަމަށާއި ގދ.ތިނަދޫ އާއި، ލ.ގަން، ރ. އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލަށް ވެސް ހަގީގީ މާނައިގެ ޓާޝަރީ ބަދަލު ސަރުކާރުން ގެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.