ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މަހު ހުޅުވޭނެ ކަމަށާއި މަގޫދޫއާއި މުލީ އެއާޕޯޓް މި އަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ހޯރަފުށީ އެއާޕޯޓް ނިންމާފައިވާއިރު، އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.
"މާފަރު ބައިނަލްއަގުވާމީ އެއާޕޯޓްގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ. ފ. މަގޫދޫ އަދި މ. މުލީ އެއާޕޯޓް ލަސްވެގެން މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭނެ. އަލިފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު މެދުތެރޭ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ އިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާއިރު އެއާޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތަކެވެ.
ފ. މަގޫދޫ އެއާޕޯޓާއި މުލީ އެއާޕޯޓުގެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ޖުމުލަ 206.87 މިލިއަން ރުފިޔާ އަށެވެ. މުލީގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމާއި އެއާ އިންވެގެން ބިމެއް ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ 28 ފެބްރުއަރީ 2021 ގައެވެ. އެއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓާއި ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓްތަކާއެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލައި ނިމޭނެ ކަމަށެވެ. އަދި އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ މި އަހަރުގެ ފަހު ކުއާޓަރުގައި ނިންމުން ކަމަށާއި އައްޑޫ އިންޓަނޭޝަލް އެއަޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މި ފެބްރުއަރީ މަހު ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު