ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަަށް 16315 ދަރިވަރުން ބައިވެރިވެ، 6500 ދަރިވަރުން ޕްރޮގްރާމް ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވައިދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެކަމަށާއި ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކައި އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށެވެ.
ރައީސް ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ކޮންމެ މަޔަކާ ބަފައެއްގެ އަދި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް މިސަރުކާރުން ދިން ތަސައްލީއެއް ކަމަށެވެ.
"ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތް. މިއަދާއި ހަމަޔަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ވެއްޖެ. 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯނު ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނަވަމުން އަންނަ ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެ ލޯނުތަކުގެ ތަކުލީފު ކުޑަކުރަން ލޯނުތައް ރީ-ސްޓްރަކްޗާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިން 5 ޕަސަންޓްގައި ހުރި އިދާރީ ފީ 1 ޕަސަންޓަށް ކުޑަކޮށްފިން. ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފިން. މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓުގައި ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފަ. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޒުވާނުންނަށް ތައުލީމު ދީ 6،000 ވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާއި މަސައްކަތުގެ މާހައުލަށް ފައްކާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު