ރ. ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު، ޕްރިންސިޕަލްގެ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަސަން ޒިޔާދު ޗުއްޓީއަށްދިޔަ ފަހުން އަނބުރާ ވަޒީފާއަށް ނުކުމެފައިނުވާތީ ރަސްމާދޫ ސްކޫލުގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަސަން ޒިޔާދު ވަޒީފާއަށް ނުނުކުންނަތާ ދެ މަސްދުވަސް ވެފައިވާ ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހަސަން ޒިޔާދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ވަކި އެއްޗެއް ނާންގައި ސްކޫލަށް ހާޒިރުވެފައިނުވާ ކަމަށެވެ. އެހެންވެ ސީއެސްސީގެ ގަވާއިދާ އެއްގޮތަށް އޭނާއަށް އަންގަންޖެހޭ އެންގުންތައް އަންގާފައިވާ ކަމަށެވެ.
"ސީއެސްސީ ގަވާއިދާ އެއްގޮތަށް އެފާރަށް އަންގަންޖެހޭ އެންގުންތައް އަންގާ ހާޒިރުނުވުމުން ވަޒީފާއިން ވަކި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން. އެފަރާތް ވަޒީފާއިން ވަކިކުރުމަށް މިހާރު ސީއެސްސީއަށް ވަނީ ހުށަހަޅާފައި،" އެޑިއުކޭޝަނުން ބުންޏެވެ.
އެ މައްސަލައިގައި ވަކިގޮތެއް ނިމަންދެން ރަސްމާދޫ ސްކޫލުގެ ހިންގުން ވަގުތީ ގޮތުން ވަނީ އެ ސްކޫލުގެ ލީޑިން ޓީޗަރާ ހަވާލުކޮށްފައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު