ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހުންނަށް ދޭ ޑޮކްޓަރީ ބޭހެއްގެ ބެޗެއް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މިއަދު މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ، ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ބޭސް ތަހުލީލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރާ ކަމަށެވެ.
އެގޮތުން ކުރި ތަހުލީލުތަކުގެ ނަތީޖާ އިން، 'އިމީޕްރާމީން ހައިޑްރޯކްލޮރައިޑް' ކިޔާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށް ކަމަށް ދައްކާފައިވާ ކަމަށް ބުންޏެވެ.
ފަންސަވީސް މިލިގުރާމުގެ މި ބޭހަކީ އިންޑިއާގެ ޓޮރެންޓް ފާމަސޫޓިކަލްސް ލިމިޓެޑުން އުފައްދާ ބޭހެކެވެ.
އެމްއެފްޑީއޭ އިން ބުނީ، އެ ބޭހުގެ ބެޗު ނަންބަރު ‘2141H003’ގައި އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށް ކަމަށް ތަހުލީލުތަކުން ދައްކާފައިވާތީ، އެ ބެޗުގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މާކެޓުގައި ހުރި އެ ބެޗުގެ ބޭސް އޮތޯރިޓީއަށް ނަގަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.
އަދި މިހާރު ވެސް މި ބޭސް ބޭނުންކުރަމުންދާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތޯރިޓީން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު