މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާދަމާ އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެހެން ދުވަސްތަކެކޭ އެއް ފަދައިން ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމައްޓަކައި މާދަމާ ބާއްވާ ޖަލްސާވެސް ފެށޭނީ ހެނދުނު 9:00 ގައި ކަމަށެވެ.

ރައްިޔތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންޖެހެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ބާއްވާ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާ ފެއްޓެވުން ކަމަށެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިޔާގެ އަރިހުގައި ދަންނަވާނެއެވެ.

ރައީސުލްޖުމްހޫރިްޔާ ރިޔާސީ ބަޔާން އިއްވަވައި ނިމުމުން ދެން އޮންނާނީ މަޖިލިސް ރައީސް، ދުވަހުގެ ޖަލްސާ ނިންމަވާލެއްވުމެވެ.

ކޮންމެ އާ އަހަރަކަށް މަޖިލިސް ހުޅުވުމަށް ހާއްސަ ޖަލްސާއެއް ބޭއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން ފިޔަވައި އެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި އިތުރު މަސައްކަތެއް ކުރިއަކަށް ނުގެންދާނެއެވެ. އަދި މަޖިލިސް ތަޅުމާއި ކޮމިޓީތަކުގެ މަސައްކަތްތައް ފެށޭނީ ޖެހިގެން އަންނަ ހަފުތާއިން ފެށިގެންނެވެ.

މާދަމާއަކީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށްވާތީ، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.