މާލޭގެ ސަހަރާއެއްގައި މަހާނައެއް ކޮނެގެން ނަގާފައިވަނީ މިނިކަށިތަކެއް ނޫން ކަމަށާއި އެތަނުން ނަގާފައިވަނީ ސިހުރު ހަދާފައި ހުރި ފިލާކޮޅުތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މަހާނައެއް ކޮނެގެން މިނިކަށިތަކެއް ނަގާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް ދައުރުވެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ސަހަރާއަށް ވަދެ މަހާނަ ކޮނުނީ މީހަކަށް ހަދާފައި ހުރި ސިހުރެއް ބާތިލު ކުރުމަށެވެ. އަދި އެއީ ސިހުރު ޖެހިފައިވާ މީހާގެ ބަލިހާލު ބޮޑުވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމުން ސިހުރު ބާތިލުކުރުމަށް ކުރި ކަމެއްކަންވެސް ވަނީ އެނގިފައެވެ.

މި ވީޑިއޯގައި ސަހަރާތެރޭގައި ތިން މީހަކު ހަރަކާތްތެރިވާތަން ފެންނައިރު، މީގެ ތެރެއިން އެކަކު ހުންނަނީ މާލެ ސިޓީ ކައުންސިލްގެ ޔުނީފޯމުގައެވެ. އަދި އެ މީހާ އަކީ ސަހަރާގައި މަސައްކަތްކުރާ އެ ކައުންސިލްގެ މުވައްޒަފެއްކަން ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ ސަހަރާއިން ނަގާފައިވަނީ މިނިކަށިތަކެއް ނޫން ކަމަށާއި އެތަނުން ނަގާފައިވަނީ ސިހުރު ހަދާފައި ހުރި ފިލާކޮޅުތަކެއް ކަމަށެވެ. އަދި އެކަން ބެލުމަށްފަހު އެކަމުގައި އުޅުނު އެ ކައުންސިލްގެ މުވައްޒަފަށް ފިޔަވަޅު އަޅަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.