ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު އީސީން ބުނެފައި ވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރުޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލަން ނިންމައިފައިވާ ކަމަށެެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް އީސީން ބުންޏެވެ.

ޑީއާރުޕީ އުވާލަން ނިންމައި، އެ ޕާޓީއަށް ފުރަތަމަ ނޯޓިސް ދިނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ޕާޓީން މެންބަރުން ހަމަކުރުމުން، މެންބަރުން ހަމަވިކަމުގެ ރަސްމީ ލިޔުން އީސީން ވަނީ އެ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ޕާޓީއާ ހަވާލުކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް އެ ޕާޓީގެ މެމްބަޝިޕް 3،000 އަށްވުރެ މަދުވުމުން އީސީން އެ ޕާޓީއަށް ނޯޓިސް ފޮނުވީއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުން ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.

މެންބަރުންގެ އަދަދު ހަމަނުވެގެން ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ޖާބިރު ހުސްވި މަހު ހައިކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވައިފައެވެ.

ރަޖިސްޓްރާގެ ނިންމެވުމުގައި ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ހައިކޯޓުން ބެލުމުގެ އިހުތިސާސް ލިބިފައިވާ ސިޔާސީ ޕާޓީއާ ބެހޭ މައްސަލަތަކަކީ، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ރަޖިސްޓްރީ ކޮށްދީފައިވާ ޕާޓީއަކުން ގެންނަ ބަދަލެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނައި ދިނުމަށް ކޮމިޝަނުން އިންކާރު ކޮށްފިނަމަ ހުށަހަޅާ މައްސަލަތަކާއި ޕާޓީއެއް އުވާލުމަށް ހައިކޯޓުން އަމުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ސަބަބުތަކުން ކުރެ ސަބަބަކާހުރެ، ކޮމިޝަނުން ނުވަތަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ކަމަށެވެ.

އީސީއާ ދެކޮޅަށް ޑީއާރުޕީން ހުށަހަޅާފައިވާ މައްސަލައަކީ، "ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގެ ނުވަނަ މާއްދާގެ (ބ) ގައި ބުނާ ކަންތައްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނީ އުސޫލުތަކާއި ސުޕްރީމްކޯޓުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް މާޒީގައި ހިނގައިދިޔަ ވާގިއާއެއްގެ މައްޗަށް ނުވަތަ ކޮށް ނިންމާފައިވާ އަމަލެއް ނުވަތަ މުއާމަލާތެއްގެ މައްޗަށް އެ ގާނޫނު ރަޖުއީކޮށް ތަތްބީގް ކުރުން ލާޒިމުކުރާ މާއްދާއެއްކަމުން، އެ މާއްދާއަކީ ބާތިލް މާއްދާއެއްކަމަށް ކަނޑައަޅައި ދިނުނަށާއި އަދި މާއްދާ ތަންފީޒު ކުރުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކަކީ ބާތިލް ނިންމުންތަކެއްކަން ކަނޑައަޅައި ދިނުމަށާއި، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެެއް ވުޖޫދުގައި އޮތުމަށް ގާނޫނުލާޒިމްކުރާ 3000 މެންބަރުން ހަމަ ކުރުމަށް، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޑީއާރުޕީއަށް ތިންމަސްދުވަހުގެ މުއްދސަތެއް ދެވި އެ މުއްދަތު 25 އޮކްޓޫބަރު 2022 އަށް ހަމަވި އިރު 3000 މެންބަރުން ޕާޓީއަށް ހަމަވެފައި ނުވާކަމަށްބުނެ، ސިޔާސީޕާޓީތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެެ އެއްވަނަ ނަމްބަރުގައިވާގޮތުގެމަތިން، ޑީއާރުޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ 763 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް،" ކަމަށްވެސް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

އެހެންކަމުން ޑީއާރުޕީން ހުށަހަޅާފައިވާ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 36 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ އާއި ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ ޑީއާރުޕީން ހުށަހަޅާފައިވާ މައްސަލަ ހައިކޯޓަށް ބަލައި ގަނެވެން ނެތް ކަމަށް ވަނީ ނިންމަވައިފައެވެ.