ވޮލެޓް ޖީބަށްލާފައި އޭނާ އައިސް ނެގީ އެނދުމަތީގައި އޮތް ފޯނެވެ. ދެން ހީލަމުން ކޮޓަރިން ނުކުތެވެ.
*******
ރޭގަނޑުގެ ކެއުމަށްފަހު ބޮޑެތި މީހުން ގަސްދޮށުގައި ހުރި ޖޯލިފަތީގައި ތިއްބެވެ. އެތަނުގައި މަންޝާ އިނެވެ. އޭނާ އިނީ ޓެލްގްރާމް އިން ހަމްރާ އާ ވާހަކަދައްކާށެވެ. ނަޒާންގެ ވާހަކަ ހަމްރާ އަހާވަރުން އޭނާ އިނީ ކުޑަކޮށް ހެވިފައެވެ.
"މި މަންޖެ ނޫޅޭތަ މީހަކާ އިންނަން" އަހްތަރު އެހިއެވެ.
"އެމަންޖެވެސް އެކަން ކުރަން ބޭނުންވީމަ ދެން ކުރާނެއްނު. އަހަރެމެން މަޖުބޫރެއް ނުކުރާނަން" މިހާދު ބުންޏެވެ.
"ތިބޭ ގެ ހިތްހަމަޖެހޭދޯ... އެއީ އަންހެނުންގެ އެއްބަނޑު އެއްބަފާ މީހަކު ހަދާފައި ހުރި ފަސްކޮޓަރީގެ ގެއެއް. އެމީހުން އުޅުނީ އެތަން ކުއްޔަށްދޭން. އަބަދު މާލޭގަ ތިބޭ ބައެއް ވިއްޔާ. އެތަން ބަލަހައްޓަނީ އަހަރެމެންގެ ދެމަފިރިން. ކައްކައިކެވޭ ގޮތް އަދި ނަހަދާ އެހުރީ. އެކަމަކު ކަލޭމެން ބޭނުމިއްޔާ ކަރަންޓް އުނދުނަކާ އެއްޗެހި ވެއްދިދާނެ" އަހްތަރު ވާހަކަދެއްކިއެވެ.
"ހަމަ ވަރަށް ރަނގަޅު ތަނެއް އެއީ. އެކަމަކު އަހަރެމެންގެ ދެމަފިރިން މިރޭ މިވިސްނަނީ ސާދާ ބުނިހެން މިގޭގަ ނިދަން. އޭރުންތާ ސާދާ ހޭލާ ގަޑީގަ ހޭލައިގެން އަހަރެންނަށްވެސް އީދު ބޯކިބަ އަޅަން އެހީތެރިވެވޭނީ" ދިލްޝާދު ބުންޏެވެ.
ބޮޑެތި މީހުން ވާހަކަދައްކަން ތިބި ތަނުން މަންޝާ ދުރަށް ޖެހިލިއެވެ. އަލިކަމަށް ވުރެ ބޮޑަށް ރޭގަނޑު އެރަށުގެ މަގުތަކަށް ވެރިވެފައިވަނީ އަނދިރިކަމެވެ. މަންޝާ ހިނގައިގަތީ ހަމަ އެމަގުގައި ހުރި އެމީހުން ތިބޭ ގެއާ ދިމާލަށެވެ. ވަކި ހިސާބަކަށް ދިޔަތަނާ މަންޝާގެ އަތުގައި މީހަކު ހިފައިފިއެވެ. ސިހުނުވަރުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެހިނދު ނަޒާން މަންޝާގެ އަނގަމަތިގައި އަތްއަޅާފައި ގާތަށް ދަމާލިއެވެ.
******
ސިޓިން ރޫމަށް ޒަރޫކް ނުކުތްއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. އޭނާ ވަކިވަކިން ހުރިހާ ކޮޓަރިތަކާ ދިމާލަށް ބަލައިލިއެވެ. ކޮޓަރިއަކުންވެސް އަޑެއް ބަޑެއް ނީވޭތީ އޭނާ ލަފާކުރީ އެވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށެވެ. ނާޔާ ކޮބައި ހެއްޔެވެ؟ އޭނާ ނާޔާގެ ނަންބަރަށް މެސެޖެއްކޮށްލިއެވެ. ހަބަރެއް ނުވިއެވެ. ޒަވީގެ މެސެޖް ލިބުނީ ފޯނަށް ބަލަހައްޓައިގެން ހުއްޓައެވެ.
"ކަލޭ ގޭގަތަ؟ އެބަދަން ބަލާ. އިބްރާހިމްބެ ކަޑައަށް ކޮފީއެއް ބޯލަން ދާން"
އެ މެސެޖް ކިޔާލާފައި ޒަރޫކް ހިނގައިގަތީ ބޭރަށް ނުކުންނާށެވެ. ބަދިގެ އާ ދިމާލުން އަޑެއް އިވުމުން ޒަރޫކް އެދިމާލަށް ބަލައިލިއެވެ. އޭނާއަށް ފެނުނީ ކަޅު ކުލައިގެ ހެދުމެއްގެ ތަންކޮޅެވެ. އޭނާގެ ތުންފަތަށްވެރިވީ ވިހަ ހިނިތުންވުމެކެވެ. އެއީ ތިއާ ކަން އޭނާއަށް ޔަގީނާ ގާތަށް އެނގުނެވެ. އެހެންކަމުން ބޭރަށް ނުކުތުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ އެދިމާލަށެވެ.
"އާއެނކޭ މަންމާ. ކަރަންޓް ނާދެއޭ. ގުޅައިފިން ނަވާލަށްވެސް. މިވަގުތު ގޭގަ ނެތް އެކަކުވެސް"
މެޝިނަށް ކަރަންޓް ނައިސްގެން ތިއާ އުޅުނީ އެކަމާއެވެ. ޒަރޫކް ގޮސް ހުއްޓުނީ ތިއާ އާ ވަރަށް ގާތުގައެވެ. މީހަކު ފަހަތުގައި ހުރި ހިލަންވެގެން ތިއާ ހިމޭންވިއެވެ. އެހާ ގާތުގައި ހުންނާނީ ނަވާލޭ އޭނާއަށް ހީވިއެވެ. އެހެންކަމުން އޭނާ ހީލާފައި އަޅާނުލައި ހުއްޓެވެ. ނަވާލަކީ އަބަދުވެސް އެކަހަލަ ސަމާސާކުރާ މީހެކެވެ.
"ސައިކަލެއް ލިބުނުތަ؟ " ތިއާ އެހިއެވެ. އެއްތަނުން އަނެއް ތަނަށް ދާން ފަސޭހައަކަށް ސައިކަލެއް ހޯދަން އަހްތަރުގެ ގެއަށް ދާ ވާހަކަ ކުރިން ނަވާލް އޮތީ ބުނެފައެވެ.
"އުޅެބަލަ މިއަށް ކަރަންޓް ގެނެވޭތޯ" ތިއާ ބުންޏެވެ.
ފަހަތުގައި ހުރި ޒަރޫކް ތިއާގެ އަތާއެކު ވާގަނޑުގައި ހިފެހެއްޓިއެވެ. ވަގުތުން އެއީ ނަވާލް ނޫންކަން އޭނާއަށް އެނގުނެވެ. ދުރަށްޖެހެން އުޅެނިކޮށް އަނެއް އަތުން ފާރުގައި ޒަރޫކް އަތް ވިއްދިއެވެ. އެހިސާބުން ތިއާ ތާށިވިއެވެ. ޒަރޫކްގެ އަތުގައި އަތްނުލައި އޭނާއަށް ރެކެވޭނެ ގޮތެއް ނެތެވެ.
"ކިހިނެއްވީ؟ އަހަރެން ކައިރިވީމަ މިހާރު ކަމަކުނުދޭތަ؟" ޒަރޫކް ބުންޏެވެ.
ތިއާ ހިތްބިރުގަތެވެ. ހަނދާނަށް އައީ ބަންދު ކޮޓަރިއެއްގެ އެނދެއްގެ މަތީގައި އޭނާ ޒަރޫކްގެ ދެއަތުގެ ތެރޭގައި ހައްޔަރުވެފައި އޮތް މަންޒަރުތަކެވެ. އެއް ދަތް އަނެއް ދަތާ ޖެހި މުގުރައިގެންދާ ވަރަށް އޭނާ ހުރީ ރުޅިއައިސްފައެވެ. އެހެންނަމަވެސް އޭނާ ރުޅިވެރިކަން އިސްނުކޮށް ބުއްދީގެ ބޭނުން ކުރިއެވެ. ޒަރޫކް އެއީ ކިހާވަރެއްގެ މީހެއްކަން އޭނާއަށް އޮޅިފައެއް ނެތެވެ. އޭނާ ބާރުދައްކައިފިނަމަ ހޭލާނީ އެ އިންސާނާގެ އެތެރޭގައި އޮތް ޖަނަވާރެވެ. ގޭގައި މީހަކު ނެތް ވަގުތެއްގައި ޒަރޫކް އަތްދަށުގައި އޭނާ ވެގެން ހިނގައިދާނެއެވެ. އޭރުން ބޭރުން އަންނަ މީހަކަށް ފެންނަ މަންޒަރުވެސް ހަޑިވާނެއެވެ.
"ވަރަށް ބައިވަރު ސުވާލުތައް އެބަހުރި. ވަގުތުކޮޅެއް ދޭންވީނުން. އެހެން ނޫނީ...." ޒަރޫކް ބުންޏެވެ. ތިއާ އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީ ޖެހިލުންވެފައި ހުރި ވަރުންނާއި އެތެރެހަށީގައި ކެކެމުންދިޔަ ރުޅިވެރިކަމެއްގެ ސަބަބުންނެވެ.
"އަދިވެސް... އަދިވެސް ހަމަ އެ އިހުސާސްކުރެވޭ. އެކުގަ އުޅެން ބޭނުން. ފެނޭތަ؟ މިއީ އެލަކުނު...." ޒަރޫކް ބުންޏެވެ.
ލައިގެން ހުރި އަތްދިގު ޓީޝާޓުގެ އެއް އަތްކުރި މައްޗަށް ހިއްލާލިއެވެ. އަތުގެ ކުޑަހުޅާއި އުނޅަބޮއްޓާ ދެމެދުގައި ލަކުނަށްވެފައި އިން އިނގިރޭސި އަކުރު ތިއާ އަށް ފެނުނެވެ. ގިނަ ދުވަސްވެފައިވުމުން ލަކުނު ކަޅުވެފައި ފަނޑުކަމަށް ދައްކައެވެ. އެހެންނަމަވެސް ރަނގަޅަށް ބަލައިލި މީހަކަށް އަތުން 'ޓީ' ފެންނާނެއެވެ. އެ ޒަހަމް ފެންނަ ކޮންމެ ހިނދެއްގައި ތިއާގެ ހިތުގައި ލޯބިއުތުރި އަރައިގަތް އިރެއްވެސް ހިނގައްޖެއެވެ. އެ ޒަހަމުގައި ތިއާ ބޮސްދިން ދުވަސްތައް މާޒީވެއްޖެއެވެ. އޭނާގެ ދެއަތުން ބޭސްއަޅައިދިނެވެ. އެހެންނަމަވެސް މިއަދު އޭނާގެ ހިތަށް އެއްވެސް އިހުސާސެއް ނުކުރުވިއެވެ. ޒަރޫކް ކިތަންމެ ޖަޒުބާތީ ވާހަކައެއް ދެއްކިޔަސް އޭނާގެ ހިތް ބަދަލެއް ނުވާނެއެވެ. ޒަރޫކްދެކެ އޭނާ ވީ ލޯބީގެ ބަދަލުގައި އޭނާއަށް ލިބުނީ ބިރާއި ސިހުމެވެ.
"އެއްޗެއް ހިތަށް ނާރާތަ؟" ޒަރޫކް ބުންޏެވެ.
ދަނޑިވަޅު ބަލާފައި ލިބުނު ކުޑަކުޑަ ޖާގައިގެ ތެރެއިން ތިއާ ދެމިގަތެވެ. އޭނާ ޒަރޫކާ ދުރަށް ޖެހުނެވެ.
"އަހަރެން ހިތަށް ނާރާ އެއްވެސް އެއްޗެއް. ކަލޭ ތިއީ ކާކު؟ ނުދަންނަން... މީގެފަހުން މަށާ ކައިރިނުވާތި. އަހަރެން ކަލެއަށް ނަފްރަތުކުރަން"
*******
ނަޒާން ގެންދާ ހިސާބަކަށް ދާން މަންޝާއަށް ހުރީ މަޖުބޫރުވެފައެވެ. ވަށައިގެން އޮތީ އެކި ވަރުވަރުގެ ރުއް ގަސްތަކެވެ. މަންޝާގެ އަތުގައި ހިފައިގެން ހުރެ ނަޒާން ހިނގާފައި ދިޔައީ ގަސްތަކުގެ ތެރެއިން ހެދިފައި އޮތް މަގަކުންނެވެ. ހިނގަމުންދާއިރު ބައެއްފަހަރު ނަޒާންގެ މޫނަށް މަންޝާ ބަލައިލައެވެ. އަނދިރިކަމުން ނަޒާންގެ މޫނަށް ވެރިވެފައި ވަނީ ކޮންކަހަލަ އަސަރެއް ކަމެއް މަންޝާއަށް ނޭނގެއެވެ. އެނގޭ އެއްޗަކީ އޭނާ ނަޒާނާއެކު އެދަނީ އެއްވެސް މަޖުބޫރުކަމެއްނެތި ކަމެވެ. ހިނގަމުން މިދަނީ ގެއާ ކިހާ ދުރަކަށް ކަމެއް ނުވަތަ ކައިރިއަކަށް ކަމެއް އޭނާއަށް ނޭނގެއެވެ. ދިރޭ ސޫއްޕެއްގެ އަޑުއިވިލާ ކޮންމެފަހަރަކު ނަޒާންގެ އަތަށް މަންޝާއަށް ބާރުކޮށްލެވެއެވެ. ގަސްބޯ ޖަންގައްޔެއް ކަހަލަ ބޮޑު ހިސާބެއް ހުރަސްކޮށް ގުދުރަތީ މަންޒަރުތައް ފެންނަ ހިސާބަކަށް ނުކުމެވުމާއެކު ނަޒާން މަންޝާ އަތުން ދޫކޮށްލިއެވެ. ވަށައިގެން ހުރިހާ ދިމާލަކަށް މަންޝާ ބަލައިލިއެވެ. ދިމާލަށް އޮތީ މޫދެވެ. ފައިދަށުގައި ވަނީ މަޑު ފަސްގަނޑެކެވެ. ބޯމަތީގައި އޮތީ ގުދުރަތުގެ އަޖައިބެއްފަދަ އުޑެވެ. ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުންދާ ތަރިތަކަށް މަންޝާ ބަލައިލިއެވެ. ހީވީ އެހެން ދުނިޔެއަކަށް އާދެވުނު ހެންނެވެ. އެއްރާގަކަށް ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ އަޑުން ހިތަށް ހަމަޖެހުން ގެނުވައެވެ. ހިތްގައިމު ވަރަކަށް ޖެހިލާ ވައިރޯޅިން ހަށިގަނޑަށް އަރާމު ގެނުވައެވެ. ދެލޯ މަރާލާ ދެއަތުން ހަށިގަނޑުގައި އޭނާ ބައްދާލިއެވެ. ސިހުނީ ދާދި ކައިރިން ނަޒާންގެ އަޑު އިވިފައެވެ.
"އިށީނދެބަލަ" ނަޒާން ބުންޏެވެ. މަންޝާ އެއްބަހެއް ނުވިއެވެ.
"އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟" މަންޝާ ބުންޏެވެ.
"ހިތްހަމަޖައްސާލަން. މާލެކަހަލަ އެއްގަމު އުޅަނދާއި ބޮޑެތި އިމާރާތްތަކުގެ ހާލިތަކުގައި އުޅޭ މީހުންނަށް މިކަހަލަ ތަންތަނަށް އައިސް ވަގުތުކޮޅެއް ހޭދަކޮށްލީމަ ކުރެވޭ އިހުސާސް ތަފާތުވާނެ. ނޫންތަ؟"
"އަހަރެން ގެނައި ތަނަކަށް ގެންދޭ. މަންމަ މިހާރު އަހަރެން ހޯދާނެ" މަންޝާ ބުންޏެވެ.
މަންޝާގެ ބުނި އެއްޗަކަށް ނަޒާން މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާ ކައިރީގައި ހުރިއްޔާ މަންޝާގެ ވާހަކަތައް ހުންނަނީ އަބަދުވެސް އެހެންކަން ނަޒާނަށް އެނގެއެވެ. ފަސްގަނޑުމަތީގައި އިށީނދެފައި ނަޒާން މަންޝާގެ އަތުގައި ހިފާ ތިރިއަށް ދަމާލިއެވެ. ނުވިސްނާ ހުރި މަންޝާ ނަޒާން އުނގުތެރެއަށް ވެއްޓުނެވެ.
"ބަލައިގެން އުޅެބަލަ. އަހަރެން ބުނީ އިށީންނާށޭ. އުނގުގަ އިށީންނާށެކޭ ނުބުނަން" ނަޒާން ބުންޏެވެ. ފަސްގަނޑުމަތީގައި ކުރުކަކޫ މައްޗަށް އިން މަންޝާ ދެއަތުން ވެލިފޮޅަން އިނދެ ނަޒާނަށް ބަލައިލިއެވެ. އެއްޗެއް ނުބުނެ އޭނާ ރީތިކޮށް އިށީނެވެ.
"ކޮންއިރަކުން މެރީކުރަނީ؟" ނަޒާން އެހިއެވެ.
މަންޝާ ނަޒާންގެ މޫނަށް ބަލައިލިއެވެ.
"މިއަހަރު ނިމުމުގެ ކުރިން" މަންޝާ ބުންޏެވެ.
"އަހަރެން ހިތަށް އަރަނީ އަހަރެންނަށް މަން ކުރިން ފެނުނުނަމައޭ. އޭރުން އަހަރެންދެކެ ލޯބިވާނަންތަ؟ ރައްޓެހިވެސްވާނަން ދޯ" ނަޒާން ބުންޏެވެ. ދެއަތް ފަހަތުން ވެލިގަނޑުގައި ވިއްދައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ކުރިމަތީގައި އިން މަންޝާގެ މޫނަށެވެ.
"ނުވާނަން" އެހެން ދިމާލަކަށް ބަލައިލަމުން މަންޝާ ބުންޏެވެ.
"ކީއްވެ؟ އަހަރެންދެކެ އެހާ ރުޅިއާދޭތަ؟ އަހަރެން އަބަދު ފަހަތުން އުޅޭތީތަ؟ ލޯބިވާ މީހެއްގެ ފަހަތުން ދުވުމަކީ މައްސަލައެއްތަ؟" ނަޒާން ބުންޏެވެ.
"އަހަރެން އެއްވެސް މީހެއްދެކެ ރުޅިއެއް ނާދޭ. އަހަރެން އެހެން މިބުނީ... ކުރިންވެސް އަހަރެން އުޅުނީ ކުއްޖަކާ ރައްޓެހިވެގެން" މަންޝާ ބުންޏެވެ.
"ކާކު؟ މިބުނީ ކީއްވެ ރުޅިވީ. ކީއްވެ އެކުއްޖާ އާ މެރީނުކުރީ" ނަޒާން ބުންޏެވެ.
ނަވާލް މަތިން ހިތަށް އެރުމާއެކު މަންޝާގެ ހިތުގެ ކަނެއްގައި ރިހެލިއެވެ. ނަވާލާއެކު ހޭދަވި ކުރު ދުވަސްތައް އޭނާގެ ހަނދާނާ ކުޅެލިއެވެ. ދުލުން ބޭރުކޮށްލި އެޖުމްލައެއްގެ ސަބަބުން އޭނާގެ ހިތް އެތިކޮޅުތަކަކަށް ބުރައިގެންދިޔަ ވަގުތުކޮޅު ހަނދާންވެފައި ދެލޮލުން ކަރުނަ ނީރާލިއެވެ.
"އޭނަ އަހަރެންނަށް އެހެން ހެދި ސަބަބެއް އަހަރެންނަކަށް ނޭނގެ. އޭނަ އަހަރެންދެކެ ލޯތްބެއް ނުވޭ. އަހަރެން ލޯބިވީ. އެއްވެސް ރަހުމެއްނެތި އޭނާ އަހަރެންގެ ހިތަށް އަނިޔާދިނީ. އެއީ ބޭވަފާތެރިއެއް. އެކަމަކު ކަންތައްތައްވެފައި އޮތްގޮތުން އަހަރެންނަށް އޭނައަށް ނަފްރަތުކުރެވެންވެސް ނެތް" މަންޝާ ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ރޮނގަކަށް ކަރުނަ ތިއްކެއް ފައިބައިގެން ދިޔަކަމެއް އޭނާއަށް ނޭނގެއެވެ. ބަލައިލީ ނަޒާންގެ އިނގިލި އޭނާގެ ކޯތާފަތްމަތިން އިހުސާސްވުމުންނެވެ.
"އެކަހަލަ މީހަކަށްޓަކައިތަ ތިދެލޮލުން މިހާ އަގުބޮޑެތި އެއްޗެހި ތި ވައްޓަނީ" ކަނާއަތުގެ ޝަހާދަތް އިނގިލީގެ ކުރީގައި ހުރި ފެންފޮދު އިނގިލިތަކުގެ ކުރީގައި އުނގުޅާލަމުން ނަޒާން ބުންޏެވެ.
"އެކަހަލަ މީހަކަށްޓަކައި ރުއިމަކީ ބޭކާރު ކަމެއް. އެއީ އެއްވެސް ނަސީބެއްނެތް މީހެއް. ތިކަހަލަ ލޯބި ކުއްޖެއް ދޫކޮށްލާފައި ގޮސް ވަކި އޭނައަށް އުފަލުގަ ނޫޅެވޭނެ. ހިތުން އެހާ މޮޅުކަމެއް ކުރީ ކާކުތަ؟ ބުނޭ... ބިޑިއަޅުވައިގެން ގެނެސް ގޮޅިއަށް ކޮށްޕާލާނަން" ފަހު ޖުމްލަ ނަޒާން ބުނީ މަންޝާގެ ތުންފަތްމަތިން ހިނިތުންވުމެއް ގެނައުމަށެވެ.
"ބުނަންވީތަ އެއީ ކާކުކަން" ނަޒާނަށް ބަލައިލަމުން މަންޝާ ބުންޏެވެ.
*******
އެތައް ދުވަހަކަށްފަހު ދެ އެކުވެރިން އެއްތަންވުމުން ދައްކާނެ ވާހަކަތައް ހުސްނުވިއެވެ. ކަޑައިގެ ތެރެއިން ރަށުގެ ޒުވާނުން ހުސްވަމުން ގޮސް ދެޒުވާނުން އެކަނިވި އިރުވެސް ވާހަކަ ހުހެއްނުވިއެވެ.
"ތިހެން ހުންނަނީތަ؟ ކުރާނެ ރަނގަޅުކަމެއް އަދިވެސް ނުފެނޭތަ؟" ޒަވީ ބުންޏެވެ.
"ފެނިއްޖެ. އަހަރެން ގެއްލިގެން ހޯދަން އުޅުނު އެތި ފެނިއްޖެ" ޒަރޫކް ބުންޏެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި ޒަވީ ސުވާލުކުރިއެވެ.
"ތިބުނީ އޭރު ފިލި މަންޖެގެ ވާހަކަ ދޯ. ކީއްވެޔޯ އޭނަ ފިލީ؟"
"އަދި ނޭނގެ. ސަބަބު އެހާވަރުން ހޯދާކަށްވެސް ނޫޅެން. އަހަރެން ބޭނުމީ ރިވެންޖް" ޒަރޫކް ބުންޏެވެ.
"ރަނގަޅު ވިސްނުމެއް ނޫން ކަންނޭނގެ. އުޅެބަލަ މިކޮޅަށް އަނބުރާލެވޭތޯ. ވެދާނެއްނު ވަރަށް ބޮޑުކަމެއް ވެގެން ކަމަށްވެސް އެގޮތަށް ކަންތައްކުރީ" ޒަރުކް ބުންޏެވެ.
"ހެހެހެ... ދެން އެވާހަކަ ބާއްވަމާ... ކަލޭ ބުނެބަލަ ޔަލާ ފަކީރަށް ވަރަށް ވަރުކޮށްލައިފިންދޯ" ޒަރޫކް ބުންޏެވެ.
"އާނ... ދެން އެއްތަނެއްގަ ނިދާ ކައިބޮއި ހަދާއިރު މަޑުންނުތިބެވޭނެއްނު. އެހެންނޫނަސް ޔަލާއަކީ ނަންބަރ ވަން.... އަހަރެން ހާދަ ލޯބިވެޔޭ ޔަލާދެކެ"
******
އެތެރެއަށް ވަދެގެން އައި ނާޔާ އާއި ޔަލާ ފެނުމުން ދިލްޝާދު ހީލިއެވެ. ގެއިން ބޭރަށްދިޔަ އެއްވެސް ކުއްޖެއްގެ ފޯނަށް ނުގުޅޭތީ އޭނާ އިނީ ކަންބޮޑުވެފައެވެ. ނަވާލާއި ތިއާ ނޫނީ އެއްވެސް ކުއްޖެއް ގޭގައި ނެތެވެ.
"ކޮންތާކަށް ދެކުދިން ދިޔައީ؟" ދިލްޝާދު އެހިއެވެ.
"ޒަވީގެ ފްރެންޑެއްގެ ގެއަށް. ނާއްކޮގެ ފޯނަށް އެއްޗެއް އަޅަން. ކުޑަކޮށް ހިނގާލާފަ އައިމަ ލަސްވީ" ޔަލާ ބުންޏެވެ.
ހުރިހާ ދަރީން ހަމަވަންދެން ދިލްޝާދު އިނެވެ. އޭނާ އިނީ ފިކުރުބޮޑުވެފައެވެ. ނެތީ މަންޝާއެވެ. ޒަރޫކާއި ނަޒާންވެސް ގޭތެރޭގައި ނެތެވެ. ކަންބޮޑުވަނީ މަންޝާއަކީ އަންހެންކުއްޖަކަށްވެފައި ބީރައްޓެހި ރަށެއްގައި މަންޝާ ވީތަނެއް ނޭނގުމުންނެވެ.
"މިއޮށް އައީނު" ތިއާ ބުންޏެވެ.
ކުރީގައި މަންޝާ ހުރިއިރު ނަޒާނާއި ޒަރޫކް އަދި ޒަވީ ވަނީ ފަހަތުންނެވެ. މަންޝާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ހުރިހާ މީހުން އޭނާގެ އިންތިޒާރުގައި އިނުމުން ލަދުގަންނަގޮތްވެސް ވިއެވެ. ބަހެއްނުކިޔާ ސުވާލުގެ ނަޒަރަކުން ދިލްޝާދު ބަލަހައްޓައިގެން އިނުމުން މަންޝާއަށް ހީވީ ދިލްޝާދު ހިތްހަމަނުޖެހިފައި އިންހެންނެވެ.
"ހިނގަން ނޭނގޭއިރު ކީއްކުރަން ތަންތަނަށް ދަނީ" މަންޝާގެ ބޮލުގައި ޖަހާލާފައި ޒަވީ ބުންޏެވެ.
"ދަރިފުޅު ރަށުތެރެއަށް ގެއްލުނީތަ؟" މިހާދު އެހިއެވެ.
ޒަވީ އެހެދީ ދޮގެއްކަން އެނގޭއިރު މިހާދު ކުރި ސުވާލަށް ދޮގަކުން ޖަވާބުދޭން މަންޝާއަށް ނުކެރުނެވެ.
"އަޅުގަނޑު... އަޅުގަނޑު ދިޔައީ..."
"އަޅުގަނޑުމެންގެ ތިން މީހުންނަށް ނުފެނުނަމަ މިރޭ ހުރީހެއްނު ކަންތައް. މިރަށަކީ ފުލުހުން ތިބޭ ރަށެއްވެސް ނޫން" ޒަވީ ބުންޏެވެ.
"ސޮރީ މަންމާ. ނުގުޅުނީ ފޯނު ޗާޖުނެތީމަ"
ހުރިހާ ކުދީން ހަމަވުމާއެކު ދިލްޝާދު ނަސޭހަތްދިނެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވެ އެހީތެރިވެގެން އުޅުމަށް ބުންޏެވެ. ފޯނު ހިފައިގެން ބޭރަށް ނުކުތުމަށް ބުންޏެވެ. އަދި އެއްވެސް ކުއްޖަކު އެކަނި ތަނަކަށް ނުދިޔުމަށްވެސް ބުންޏެވެ.
"ނާއްކޮ އާއި މަންކޮ އެއްކޮޓަރީގެ އިނގޭ ނިދާނީ. ޒަރޫކާއި ނަޒާން ވަކިވަކި ދެ ކޮޓަރީގައި ތިއްބަސް މައްސަލައެއް ނެތް. ހަނދާންކޮށް ފަތިސް ނަމާދަށް ހުރިހާ ކުދީން ހޭލަންވާނެ. މިހާރުވެސް މާލަސްވެއްޖެ. އެއްވެސް ކަމެއްގަ އެއްވެސް ކުއްޖަކު ބޭރަށް ނުކުންނަ އިރު އަންގާނުލާ ނުދާތި" ދިލްޝާދު ވާހަކަދެއްކިއެވެ.
*******
ގަޑިން އެގާރަ ޖަހައިފިއެވެ. ފެންވަރައިގެން މަންޝާ ނުކުތްއިރު ނާޔާ ނިދައިފިއެވެ. ތުވާލިން އިސްތަށިގަނޑު ހިއްކަމުން ގޮސް މަންޝާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ބަލައިލިއެވެ. އަރާފައި އޮތީ ޝައިހާންގެ ނަންބަރެވެ. މުޅި ދުވަހު އެއްކޮށް ޝައިހާނަށް ހަބަރެއްނުވެ ހުރެވުނުކަން އޭނާ ހަނދާންވިއެވެ. އެހެންވެ ފޯނު ނަގައިގެން ގޮސް އޭނާ އިށީނީ އެނދުގައެވެ. އޭނާ ކުޑައިރުކޮޅަކު ޝައިހާނާ ވާހަކަދައްކަން އިނެވެ.
މަންޝާ ބޭރަށް ނުކުތީ ނުނިދިގެންނެވެ. ނަޒާނާއި ނަވާލް އީދު ނަމާދަށް ދާން ހަމަޖެހިފައި އޮތް ހެދުން އިސްތިރިކޮށް ނިމިގެން ހިނގައިގަންނަން އުޅުނު ތިއާއަށް ކޮޓަރިން ނުކުތް މަންޝާ ފެނުމުން ހީލިއެވެ.
"ނިދި ނައީތަ؟" ކޮޓަރިއަށް ވަންނަމުން ތިއާ އެހިއެވެ. މަންޝާ ބޯޖަހާލިއެވެ. އަހްތަރު ހުރީ ހުރިހާ ކުދީންނަށް ގޭތެރޭގައި ތިބެގެން ކޮފީބޮވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
"ތިއާ..." ކޮޓަރިއަށް ވަދެވަދެ ހުރި ތިއާ ބަލައިލިއެވެ.
"މަބުނީ... ތި ނުކުންނަނީ ދޯ އަދި" މަންޝާ ބުންޏެވެ. "އެންމެން ނިދީތަ؟"
"ކިހިނެއްވީ؟ މީހަކަށް އިންތިޒާރުކުރަނީތަ؟"
މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ތިއާ ކޮޓަރިއަށް ވަނުމުން އޭނާ އައިސް އިށީނީ ސޯފާގައެވެ. އެންމެން ނިދާފަތޯ އޭނާ އެހީ ނަޒާން ކޮޓަރިން ނުނިކުންނާނެކަން ޔަގީން ކުރާށެވެ. ނަޒާނާ އެއް ގެއެއްގައި އުޅޭއިރު އޭނާ ވިސްނަން ޖެހޭނެއެވެ. އެންމެންގެ ތެރެއިން ޒަވީ ދޮގެއް ހަދައިގެން އޭނާ ސަލާމަތްކުރީ ކީއްވެގެން ކަމެއް ބުނާކަށް ނޭނގެއެވެ. ނަޒާނާ އެކު ތަނަކުން ފެނުނު ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. މީހަކު ފަހަތުން ގޮވާލީ އޭނާ ފިކުރެއްގައި އިންދައެވެ.
"ދޮންބެތަ؟ ނުނިދަންތަ؟ ކޮބާ ފަހަރި؟" ކައިރީގައި އައިސް އިށިން ޒަވީ އަށް މަންޝާ ބުންޏެވެ.
"ޔަލާ ފާހަނައިގަ. ދޮންބެ ވާހަކައެއް އަހަންތަ؟ ތެދަށް ވާހަކަދައްކައްޗޭ" ޒަވީ ބުންޏެވެ. މަންޝާ އިނީ ކަޅިޖަހައިވެސްނުލައި ޒަވީއަށް ބަލަހައްޓައިގެންނެވެ. ނަޒާނާއި އޭނާ ކަންތައް ޒަވީއަށް އެނގުނީކަން އޭނާއަށް ޔަގީންކުރެވުނެވެ.
"މަންކޮ އާއި ޒަރޫކް އުޅެނީ ރިލޭޝަންޝިޕެއްގަތަ؟ ޒައްރަ އަކީ ދޮންބެގެ ބެސްޓްފްރެންޑް ވިޔަސް މަންކޮގެ ކަމެއް ވިއްޔާ ނުބުނެ ހުރެދާނެ"
މަންޝާ ކައިރިއަށް އައީ ހިންޏެވެ. ނަޒާންގެ ވާހަކަ ޒަވީ ނުބުނުމުން ހިތަށް ހިތްހަމަޖެހުމެއްވެސް ލިބުނެވެ.
"ކިހިނެއްވީ؟" މަންޝާ ހޭންފެށުމުން ޒަވީ އެހިއެވެ.
"ދެން ތިކަހަލަ އެއްޗެއް ނުބުނައްޗޭ ދޮންބޭ. ހުވާ ލަދުވެސްގަނެއްޖެ. ޒައްރަބެ އެއީ ހަމަ ބޭބެއެއް ފަދަ" މަންޝާ ބުންޏެވެ.
"ދެން؟ ކޮންތާކަށް ދިޔައީ؟" ޒަވީ އެހިއެވެ.
"ދޮންބެ ކޮފީ ބޯނަންތަ؟ " މަންޝާ ތެދުވެގެން ހިނގައިގަތެވެ. މަންޝާ އެވާހަކަ މެދުކަނޑާލީކަން ޒަވީއަށް އެނގުނެވެ. އޭގެފަހަތުގައި މަންޝާ ބުނަން ބޭނުންނުވާ ވާހަކައެއް އޮތްކަންވެސް ޒަވީއަށް ވިސްނުނެވެ. އަނެއްކާ ނަޒާން ހެއްޔެވެ؟ މަންޝާ އާއި ނަޒާން ގުޅުމެއް އޮތީއެވެ. މަންޝާ ދިޔަތަނަކަށް ދިޔައީ ނަޒާނާ އެކުގައެވެ. ޔަގީނެވެ.
(ނުނިމޭ)