ޚަބަރު

ހަސަންފުޅު ހޯދަން މަތިވެރި ގެތައް ބަލައިފި، އަދިވެސް ނުފެނޭ!

މުހައްމަދު އިޝާން

އއ. މަތިވެރިން އިއްޔެ ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މަތިވެރިން ހޯދަމުން ދަނީ، އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅު) އެވެ. އޭނާއަކީ އުމުރުން 73 އަހަރުގެ މީހެކެވެ.

ފުލުހުން މިރޭކުރި ޓުވީޓެއްގައި ބުނީ، ހަސަންފުޅު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށެވެ. ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ހަސަންފުޅު ހޯދުމަށް ފުލުހުންނާއި އެރަށުގެ ރައްޔިތުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން ރަށުގެ ފަޅުތެރެ ބަލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރު 9994875 ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް އިއްޔެ "ވަން" އަށް ވިދާޅުވެފައިވަނީ، ހަސަންފުޅު އެންމެ ފަހުން ބަޔަކަށް ފެނިފައިވަނީ ރޭ މަގުރިބު ނަމާދުން ފައިބަނިކޮށް ކަމަށެވެ. ނަމަވެސް އަތިރިމަތިން ފެނުނު ކަމުގެ މައުލޫމާތެއްވެސް ލިބިފައިވާތީ، އެ ސަރަހައްދުތަކުގައި ހުރި ދެ ސީސީޓީވީ ކެމެރާތަކުގެ ރެކޯޑިން ބަލާފައިވާ ކަމަށެވެ.

މަތިވެރި ކައުންސިލްގެ މެމްބަރު ހުސެން ނިހާން ވިދާޅުވެފައިވަނީ، ހަސަންފުޅަކީ ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެއް ކަމަށެވެ. އެހެންވެ އޭނާ މަސް ހިފަން މޫދަށް ގޮސްފާނެ ކަމަށް ބަލައި، މޫދުތެރެ ބެލުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.