ދުނިޔެ

ބަރުމާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ސީދާގޮތެއްގައި ވަނުމަށް އިންޑިޔާއަށް މަޖުބޫރުވަނީ

އިމާދު ލަތީފު

މިޔަންމާ ނުވަތަ ބަރުމާ އޮންނަނީ އެއްގަމުން އިންޑިޔާއާ ގުޅިފައެވެ. ދެ ގައުމު ހިއްސާކުރާ އެއްގަމުގެ ބޯޑަރު 1600 ކިލޯމީޓަރަށް ދެމިގެން ގޮސްފައިވެއެވެ. އިންޑިޔާގެ ޖުމްލަ އަށާވީސް ސްޓޭޓްގެ ތެރެއިން ހަތަރު ސްޓޭޓެއް ވަނީ ބަރުމާއާ ގުޅިފައެވެ. އެއީ އަރުނާޗަލް ޕްރަދޭޝް، ނާގާލޭންޑް، މަނިޕޫރު އަދި މިޒޯރާމެވެ. އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ހިމެނޭ އެންޑަމަން އައިލެންޑްސް އާއި ބަރުމާއާ ދެމެދު ކަނޑުގެ ބޯޑަރެއްވެސް އޮވެއެވެ. އެއީ ބަންގާޅު ކަނޑުގައެވެ. އެހެންވީމާ އިންޑިޔާ އާއި ބަރުމާއަކީ އެއްގަމާއި ކަނޑުންވެސް ގުޅިފައިވާ ދެ އަވަށްޓެރިންނެވެ. އެއްބަޔަކު އަނެއްބައެއްގެ މަސްލަހަތަށް ރިއާޔަތް ކުރުމުގެ ސިޔާސަތެއް ގެންގުޅެން މަޖްބޫރު ދެ އަވަށްޓެރިންނެވެ. ބަރުމާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުމާމެދު އިންޑިޔާ ފަރުވާތެރިވާން ޖެހެނީ މިސަބަބާހުރެއެވެ.

ބަރުމާގެ ޑިމޮކްރަޓިކް ސަރުކާރު ވައްޓާލައި އެގައުމުގެ ސިފައިން ވެރިކަން ފޭރިގަތީ 2021 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. އެހިސާބުން ގައުމުގެ ދާޚިލީ ހަމަޖެހުން ގެއްލި ސިފައިންނާ ދެކޮޅަށް އެތަކެއް ޖަމާއަތުން ވަނީ ހަތިޔާރު ނަގައިފައެވެ. މިފަދަ ޖަމާއަތްތަކުގެ ތެރޭގައި އިންޑިޔާގެ ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ ގަބީލާތަކަށް ނިސްބަތްވާ ޖަމާއަތްތައް ހިމެނެއެވެ. ނަސްލީގޮތުންނާއި ސަގާފީގޮތުން އަދި ދީނީގޮތުން އެމީހުން ވަނީ އިންޑިޔާގެ އިރުމަތީ ބިތުގެ ސްޓޭޓްތަކާ ގުޅިފައެވެ. އެ ސްޓޭޓްތަކުގެ ސަރަހައްދީ ސަރުކާރާއި އާއްމުންގެ ތާއީދުވެސް އެ ޖަމާއަތްތަކަށް ލިބިފައިވެއެވެ. ހަމައެކަނި ތާއީދު ކުރަނީއެއް ނޫނެވެ. ކާބޯތަކެއްޗާއި ފައިސާޔާއި ހަތިޔާރުވެސް ފޯރުކޮށްދެނީ އެ ސްޓޭޓްތަކުންނެވެ. ބަރުމާ ސިފައިންނަށް ފިލަން ވަންނަނީވެސް މި ސްޓޭޓްތަކަށެވެ.

ބަރުމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރުއެޅި އެއް ޖަމާއަތަކީ ޗިން ނެޝަނަލް ފްރަންޓޭ ކިޔުނު ޖަމާއަތެކެވެ. އެމީހުންގެ މަގުސަދުތަކުގެ ތެރޭގައި ބަރުމާގެ ޗިން ސްޓޭޓަށް ދާޚިލީ މިނިވަންކަން ހޯދައިދިނުން ހިމެނެއެވެ. ޗިން ސްޓޭޓުގައި ގިނައީ ޗިން މީހުންނެވެ. އެއީ އިންޑިޔާގެ މިޒޯ ނަސްލުގެ މީހުންނާ ގުޅިފައިވާ ބައެކެވެ. އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ މިޒޯރާމްގައި ދިރިއުޅެނީ މިޒޯ މީހުންނެވެ. މިޒޯރާމް އޮންނަނީ ޗިން ސްޓޭޓާ އިންވެގެންނެވެ. އެހެންވީމާ ހިމާޔަތާއި ރައްކާތެރިކަން ލިބިގަތުމަށް ޗިން ނެޝަނަލް ފްރަންޓްގެ ހަނގުރާމަވެރިން ވަންނަނީ މިޒޯރާމަށެވެ. ކޭމްޕް ހަދައިގެން ގާއިމްވެ ތިބެނީވެސް މައިގަނޑު ގޮތެއްގައި އިންޑިޔާގެ ބޯޑަރު މަތީގައެވެ. ގިނަފަހަރަށް ޗިން މީހެއް، މިޒޯ މީހެއް ވަކިކުރާކަށްވެސް ނޭނގެއެވެ. ބަސް އެއްގޮތް ކަމުންނެވެ.

ބަރުމާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިޔާގެ މަރުކަޒީ ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ބަރުމާއާ އިންވެގެންވާ އިންޑިޔާގެ ސްޓޭޓްތަކުގެ ސަރަހައްދީ ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތު ވަރަށް ތަފާތެވެ. މަރުކަޒީ ސަރުކާރުން އެންމެ އިހަށް އުޅުނީ ނުފެންނަ ކަމަށް، ނުދެނަހުރި ކަމަށް ހެދިގެން ވަކިއަތަކަށް ނުޖެހި ތިބުމުގެ ސިޔާސަތެކެވެ. ބަރުމާގެ ރެފިއުޖީންތައް އައިސް އިންޑިޔާ ފުރާލާނެޔޭ ބުނެފައި ބޯޑަރުވެސް ބަންދުކޮށްލަން އުޅުނެވެ. މިކަން ނުވީ ޚާއްސަ ގޮތެއްގައި މިޒޯރާމްގެ ސަރަހައްދީ ސަރުކާރުގެ ސަބަބުންނެވެ. ސަރަހައްދީ ސަރުކާރާއި މިޒޯރާމްގެ އާއްމުން ދަނީ ބަރުމާގެ ޗިން ސްޓޭޓްގެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ. މަރުކަޒީ ސަރުކާރުގެ މާލީ އެހީތެރިކަމެއް ނުލިބުނެއް ކަމަކު މިޒޯރާމްގެ ސަރަހައްދީ ސަރުކާރުން ބަރުމާގެ ލައްކައެއްހާ ރެފިއުޖީން އެ ސްޓޭޓްގައި ބަލަހައްޓަމުން އެބަގެންދެއެވެ.

މިޒޯރާމް ސްޓޭޓްގައި ޗިން މީހުންނަށް އެހީވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްދެއެވެ. މިކަން ހިނގަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ލަންކާގެ ތަމަޅައިންނަށް އެހީވުމަށް އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓްގެ ރައްޔިތުންވެސް ކަންކުރި އުސޫލުންނެވެ. މިޒޯރާމާއި ޗިން ސްޓޭޓް ވަކިކުރާ ބޯޑަރަކީ ހަނިހަނި ކޯރެކެވެ. އެކޯރު ހުރަސްކޮށް ދެފަރާތުގެ މީހުން އެއްވެސް ދައްޗެއް، ހުރަހެއްނެތި ދަތުރުކޮށް އުޅެއެވެ. މިކަމަކީ ބަރުމާގެ އަސްކަރީ ވެރިން ނުހަނު ބޮޑަށް ދެކޮޅު ކަމެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ޗިން ހަނގުރާމަވެރިން ބަލިނުކުރެވިގެން އުޅެނީ މިޒޯ މީހުންގެ ސަބަބުންނެވެ. އެހެންވެ ފަހަކަށް އައިސް މިޒޯ މީހުން ބިރުގެންނެވުމުގެ ކަންކަން ބަރުމާގެ ސިފައިން ވަނީ ފަށައިފައެވެ.

ފަހަކަށް އައިސް ބަރުމާ ސިފައިންގެ ޖެޓްތަކުން މިޒޯރާމްގެ ބޯޑަރު އޭރިޔާއަށް ބޮން އެޅުން ވަނީ ގިނަކޮށްފައެވެ. ބަރުމާ ސިފައިންގެ ހަމަލާތަކުގައި މިޒޯރާމްގެ މީހުންނަށްވެސް ގެއްލުންތައް ދަނީ ލިބެމުންނެވެ. މިޒޯ މީހުންގެ ދަނޑުބިންތަކާއި ގެދޮރަށްވެސް ގެއްލުންތައް އެބަލިބެއެވެ. މިޒޯރާމްގެ އެހީގައި ޗިން ސްޓޭޓްގައި ގާއިމްކޮށްފައިވާ މެޑިކަލް ކޭމްޕުތަކާއި ސްކޫލްތަކަށްވެސް ބަރުމާގެ ޖެޓްތަކުން ދަނީ ހަމަލާދެމުންނެވެ. މި ހަނގުރާމައިގައި ސީދާ އިންޑިޔާގެ ސަރަހައްދުގެ ހުރުމަތް ބަރުމާ ސިފައިން ވަނީ ކަނޑާލައިފައެވެ. ދެފަރާތުގެ ދަތުރުފަތުރަށް ނޭދެވޭ އަސަރު ވަނީ ފޯރައިފައެވެ. މިކަން ހުއްޓުވުމަށް އަސްކަރީ ފިޔަވަޅުތަކެއް އަޅައިދިނުމަށް މިޒޯރާމްގެ ސަރަހައްދީ ސަރުކާރުން ވަނީ ނިއުދިއްލީއަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އަސްކަރީ ބޮޑުބާރެއްގެ ގޮތުގައި އިންޑިޔާ އޮވެފައިމެ، އިންޑިޔާގެ ސަރަހައްދުގެ ހުރުމަތް މިބީދައިން ބަރުމާގެ ސިފައިން ނަގައިލާއިރު އެއްވެސް ކަމެއް ނުކޮށް ބަލަން ތިބެނީ ކީއްވެތޯ މިޒޯރާމްގެ ސަރަހައްދީ ސަރުކާރުން ވަނީ ސުވާލުވެސް ކޮށްފައެވެ. އިންޑިޔާގެ ސްޓޭޓެއްގެ ސަލާމަތަށްވުރެ ބަރުމާގެ އެކުވެރިކަން މުހިންމުވަނީތޯވެސް ވަނީ އަހައިފައެވެ. މިކަމާ ގުޅިގެން މިޒޯރާމްގެ ބޯޑަރު ހިމާޔަތްކޮށް، ޗިން މީހުންނާއި މިޒޯ މީހުންގެ ހިމާޔަތުގައި ލަޝްކަރެއް ރުކުރުވައިލަން ނިއުދިއްލީއަށް މިހާރު ދަނީ މަޖުބޫރުވަމުންނެވެ. އެކަން އެގޮތަށް ކޮށްފިނަމަ ޗިން ހަނގުރާމަވެރިން ބަލިކޮށްލަން ބަރުމާއިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާލަން މަޖުބޫރުވާނެއެވެ. އިންޑިޔާގެ ބޯޑަރާ ދުރަށް ސިފައިންނާއި ހަތިޔާރު ގެންދަން ބަރުމާއަށް މަޖުބޫރުވާނެއެވެ.