މުޅި ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށި އއ. މަތިވެރިން މީހަކު ގެއްލިގެން އުޅޭ ހަބަރެވެ. އުމުރުން ދުވަސްވީ އެމީހާގެ ފޮޓޯ އާއި ވަނަވަރު މުޅި ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައީ ވަރަށް ހަލުވި މިނުގައެވެ. އެއާއެކު މަތިވެރީ އަތިރިމައްޗާއި ރަށުގެ އެތަން މިތަނުގައި މީހުން ހަރަކާތްތެރިވާ ތަން ފެންނަ ފޮޓޯއާއި ވީޑިއޯވެސް އާންމުވެގެންދިޔައެވެ.

އިއްޔެ ހެނދުނުއްސުރެ ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 65 އަހަރުން މަތިވެފައިވާ، މަތިވެރި، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އެވެ. ރަށުގެ ކުދިބޮޑު އެންމެން ދަންނަ ހަސަންފުޅުބެއަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.

ހަސަންފުޅުބެއާ ގުޅޭގޮތުން މަތިވެރީ ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވިގޮތުގައި، ހަސަންފުޅުބެއަކީ މުޅި ރަށުގެ ރޫހެވެ. ހަސަންފުޅުބެ ގެއްލުނުކަން އާއިލާއިން ކައުންސިލަށް އެންގީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެންމެ ފަހުން ކެމެރާއަކަށް އަރާފައި އިނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު. އެއީ މިރަށު ފިހާރައެއްގެ ހުރި ކެމެރާއަކަށް. އޭގެ ފަހުން 31 ވަނަ ދުވަހު ބައެއް މީހުންނަށް ރަށުގެ އެކި ދިމަ ދިމާލުންވެސް ފެނިފައި އެބަހުރި. ބަނދަރުމަތިންވެސް ފެނިފައި އެބަހުރި. އެކަމަކު އެކި މީހުން ބުނާ ގަޑިތައް ދިމާނުވޭ." އޭނާ ވިދާޅުވިއެވެ.

ހަސަންފުޅުބެއަކީ އެރަށުގެ ކުދިބޮޑު އެންމެންނާ ގުޅޭ ސަކަމިޒާޖެއްގެ މީހެކެވެ. ގެއްލުމުގެ ކުރިން ހަސަންފުޅުބެގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން އެރަށު ބައެއް މީހުންނަށް ފާހަގަވެފައި ހުރި ނަމަވެސް، އެކި މީހުން އެ ވާހަކަދައްކަނީ އެކި ގޮތްގޮތަށެވެ. އެގޮތުން އެއްބަޔަކަށް ހަސަންފުޅުބެގެ ބަސް މަދުވެފައިވާކަން ފާހަގަވެފައިވާ އިރު، އަނެއް ބަޔަކަށް ވަކި ބަދަލެއް އައިކަން ފާހަގައެއް ނުކުރެވެއެވެ. އަދި އާއިލާއަށް ވެސް މާބޮޑުކަމެއް ފާހަގައެއް ނުކުރެއެވެ.

އަސްލަމް ވިދާޅުވިގޮތުގައި ރަށުން ފުރި އެއްވެސް އުޅަނދެއްގައި ހަސަންފުޅުބެ ގޮސްފައެއް ނުވެއެވެ. އަދި ރަށުގައި ބޭނުންކުރާ ކުދި ޑިންގީގެ ތެރެއިން އެއް ޑިންގީ ފިޔަވައި ހުރިހާ ޑިންގީއެއްވެސް ރަށު ފަޅުގައި އަޅާފައި އޮތް ކަމަށާއި ރަށުގައި ނެތް ޑިންގީ އދ. މަހިބަދުއަށް ދިޔައިރު އޭގެން ހަސަންފުޅުބެ ނުދާ ކަމަށް އެ ޑިންގީން ދަތުރުކުރި މީހުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ހަސަންފުޅުބެ އެކަނި އުޅަނދަކަށް އަރައިގެން ނުދާނެކަން. ދެން މޫދަށް ގޮސްދާނެ ކަމަށް ބަލާފައި މި ބަލަނީ މޫދު. އެއީ ފޯނާއި ވޮލެޓުވެސް ގޭގަ އޮތީމަ. އެކަމަކު ރަށުގެ އެތަން މިތަންވެސް އެބަ ހޯދަން. އިއްޔެވެސް މޫދުންނާއި ފަޅުތެރެއިން ވަރަށް ބޮޑުބައެއް ފީނައިގެންވެސް ބަލައިފި. އަނެއްކާ މިއަދުވެސް އެ މަސައްކަތުގައި އަޅުގަނޑުމެން މިތިބީ. މިރަށު ފަޅު ވަރަށް ބޮޑުވާނެ. އެހެންވެ ފަޅުތެރެއަށް ފީނައިގެންވެސް ފެނޭތޯ މިބަލަނީ،" އޭނާ ވިދާޅުވިއެވެ.

ހަސަންފުޅުބެ ގެއްލުނުކަން އާއިލާއަށް އެނގުނީ އިއްޔެ ހެނދުނު 8:00 ޖެހި އިރުވެސް ހަސަންފުޅުބެ ގެއަށް ނައިސް އަދި ހަބަރެއް ނުވުމުންނެވެ.

"ހަސަންފުޅުބެ ދާނެ މިހެން ހުރެލާފައި ކައިރި ރަށްތަކަށް. ގޮސްލާފައި އެ ރަށްތަކުގައި ރޭކޮށްފަވެސް އަންނާނެ. އެކަމަކު ބުނާނެ ދަރިން ކައިރީގައި. އެކަމަކު އިއްޔެ ރެއިން ފެށިގެން އެއްވެސް ހަބަރެއް ނުވޭ. ގެއަށް ނިދަންވެސް ނާދޭ. ކާންވެސް ނާދޭ. އެހެންވެ ބެލީ ޖެހިގެން އައި ދުވަހު ހަބަރެއް ވާނެ ކަމަށް. އެކަމަކު 8 ޖަހާ ބޮޑުވިއިރުވެސް ހަބަރެއް ނުވީމަ ކަމެއް ގޯސްވެގެން އުޅޭކަން މި އެނގުނީ،" ހަސަންފުޅުބެ އާއިލާގެ ގާތް މީހަކު ބުންޏެވެ.

ހަސަންފުޅުބެ ދިރިއުޅެމުންދަނީ ރަށުގައި ދަރިންނާއެކުއެވެ.

ރަށުން ވާހަކަދެއްކި މީހަކު ހަސަންފުޅުބެ ސިފަކުރީ މުޅި ރަށުގެ "ހީރޯ"ގެ ގޮތުގައެވެ. ސަބަބެއް ނެތި ނޫން ކަމަށް ބުނެ އޭނާ ކިޔައދިނީ ދިގު ލިސްޓެކެވެ. އެގޮތުން ހަސަންފުޅުބެއަކީ ކުޑަކުދިންނަށް ހަދިޔާ ގަނެގެން ބަހާ މީހެއް ކަމަށާއި އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން ބަނދަރުމައްޗާއި ރަށުގެ އެތަން މިތަން ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ކުރާ މީހާގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް ރޭގައި ރަނގަޅަށް ނުނިދޭ. ވަރަށް ދެރަވޭ ހަސަންފުޅުބެއަށް ވީނުވީއެއް ނޭނގުނީމަ. މިރަށުގެ އީދެއްވެސް ނުދާނެ ހަސަންފުޅުބެ ނެތި. ބޮޑު ބެރާއި ސަގާފީ އެތައް ހަރަކާތްތައް ހިންގަން އިސްކޮށް އުޅޭނެ. ކުރިން އެއީ ވަރަށް ވަރުގަދަ ކެޔޮޅެއް. ފަހުން ދޯނިން ފައިބައިގެންވެސް ރަށުގެ ހުރިހާ ކަމެއްގައި އުޅޭ ނަމޫނާ މީހެއް އެއީ. މުޅި ރަށް ނުނިދާ މި ހުންނަނީ. އެއްވެސް ކަހަލަ ޖޯޝެއް، ފޯރިއެއް ނެތް. ހަސަންފުޅުބެ ހެޔޮ ހާލުގައި ފެނުން އެއީ އަޅުގަނޑުމެންގެ ދުއާ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ މަތިވެރިން މީހަކު ގެއްލިގެން އުޅޭ ކަމަށް އިއްޔެ ހެނދުނު 9:37 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެމީހާ ފެނިފައިނުވާ ކަމަށްވެސް ބުންޏެވެ.