މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިންޓާޝިޕް ފުރިހަމަ ކުރި 10 ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފައެވެ. އެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު ވިދާޅުވީ، އިންޓާންޝިޕް މެދުވެރިކޮށް ދަރިވަރުންނަށް ތަފާތު މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ތަޖުރިބާގެ ސަބަބުން އެ ދަރިވަރުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވެގެންދާނެ ކަމަށެވެ.

ޑރ. އައިޝަތު ވިދާޅުވީ ދަރިވަރުންނަށް ހަމައެކަނި ފޮތުން ކިޔަވައި ދިނުމުގެ ބަދަލުގައި އަމަލީ މަސައްކަތްތަކަށް ނެރެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިހެން އޮފީސްތަކުގައި މަސައްކަތްކުރާ އިރު ފާހަގަވާ އެއް ކަމަކީ މަދަރުސާ ނިންމައި ވަޒީފާއާ މިގުޅޭ ދަރިވަރުން މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިނުވާކަން ހަގީގަތުގަ. އެކަމަށް އަސްލު ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ މިކަހަލަ އިންޓާންޝިޕް ޕްރޮގްރާމްތަކުން،" ޑރ. އައިޝަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ ސަބަބުން ވަޒީފާގެ ހަގީގީ މާހައުލަށް ދަރިވަރުން ތައްޔާރުވެގެންދާ ކަމަށެވެ.

އެމްޕީއެލުން، އެ ކުންފުނީގެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އަހަރީ ޗުއްޓީގައެވެ. އެމްޕީއެލް އިންޓާންޝިޕް ކުރިއަށް ގެންގޮސްފައިވަނީ، ސިވިލް އިންޖީނިއަރިން، އައިޓީ، ޕްރޮޖެކްޓް މެނޭޖުމެންޓް، މެޝިން އެންޑް ފެބްރިކޭޝަން، ފްޓޯގްރަފީ އަދި ވީޑިއޯގްރަޕީގެ ދާއިރާއިންނެވެ.