ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް އެ އެއާޕޯޓަށް ކުރާ ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލުމަށް މޯލްޑިވިއަނުން ނިންމައިފިއެވެ.

ހަނިމާދޫ އެއާޕޯޓަށް ދަތުރުތައް ކުރަމުން އަންނަ މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެއާޕޯޓުގެ ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދުގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ އެއާޕޯޓުގެ ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދުގެ ދަތުރުތައް ވެސް އަންނަ މަހުން ފެށިގެން މެދުކަނޑާލުމަށް ވަނީ ނިންމައިފައެވެ.

މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ މީހުން ކޯލްސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށާއި އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 18 ގައެވެ. އެ މަޝްރޫއު ފައްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އަދި ޖޭއެމްސީ ކުންފުނީގެ ނައިބު ރައީސް ކޭއެމް އެސް ރެޑީއެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފުލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

ސަރުކާރުން ބުނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފުލައިޓުތައް އެ ސަރަހައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި އެ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑުވުމުން ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސޯދީ މައި ހަބެއް ގާއިމްކޮށް އެ ސަރަހައްދުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.