އެންމެފަހު ރޯދައާ ދިމާވީ ހުކުރު ދުވަހަކާއެވެ. މެންދުރުކުރީގެ ވަގުތެވެ. ފުރަން ހަމަޖެހިފައިވަނީ މެންދުރުފަހުއެވެ. ގޭގައި ހުރިހާ މީހުން ހަމައަށް ތިއްބެވެ. މޮޕް އަޅަން ދިލްޝާދު ހުރިއިރު މަންޝާ އުޅުނީ ބަދިގޭގައެވެ. މިހާދާއި ޒަރޫކް ބޮޑު ކޮޓަރިން ފެންނަން ނެތެވެ. ބެލް އަޅާލި އަޑު އިވުމާއެކު ބަދިގޭގައި ހުރި މަންޝާގެ ހިތްތެޅިލައިފިއެވެ. އޭނާއަށް ހީވަނީ އަބަދު ނަޒާން އައިސްދާނެހެންނެވެ. އެ އިންސާނާއަކީ އެނގިފައި އަންނަ މީހެއް ނޫންވިއްޔާއެވެ. މަންޝާ ހިތްހަމަޖައްސާލީ އެވަގުތު ނަޒާން އޮންނާނީ ނިދާފައޭ ހިތާއެވެ.
"މަންޝާ..." މާގިނައިރެއް ނުވެ ދިލްޝާދު ގޮވާލި އަޑު އިވިއްޖެއެވެ. ޒިންކު ކައިރީގައި ދެއަތް ދޮންނަން ހުރި މަންޝާ ބަލައިލިއެވެ. ޔަގީނެވެ. އެއީ ނަޒާނެވެ. އެހެން ނޫނީ މަންމަ ގޮވައިނުލާނެއެވެ. ރޭގައިވެސް އޭނާ އަތުގައި ހިފައިގެން ހުއްޓައި މަންމައަށް ފެނިއްޖެއެވެ. މަންމަ ހުންނާނީ ހިތުގައި ސުވާލު އުފެދިފައެވެ. އަނެއްކާ އެ އައީއެވެ. މީހަކު މޮޔަނުވިއްޔާ ރަނގަޅެވެ. ނަޒާން ހުއްޓާލާނީ އޭނާ މޮޔަކޮށްފައެވެ.
"ދަރިފުޅާ... މަންޝާ ހޯދަން އައިސް އެބައިން" ބަދިގެއަށް ވަން ދިލްޝާދު ބުންޏެވެ. ކާކުތޯ އަހަން އުޅެފައިވެސް މަންޝާ އެ ހިޔާލު ދޫކޮށްލިއެވެ. އޭނާ ދެއަތް ފޮހެލަމުން ބޮޑު ކޮޓަރިއަށް ނުކުމެ ބަލައިލިއެވެ.
"ވަޓް....؟" ސޯފާގައި އިން ޝައިހާން ފެނުމާއެކު މަންޝާ ބުންޏެވެ. އޭނާ ހޯދަން ޝައިހާން އަތުވެދާނެ ކަމަކަށް ހީކޮށްފައެއްވެސް ނެތެވެ. އެގޮތަށް އޭނާ ހޯދަން ގެއަށް އައުމުން މަންޝާ ހިތްހަމަނުޖެހުނެވެ. ނުރުހުމުގެ ނަޒަރަކުން މަންޝާއަށް ޝައިހާނަށް ބަލައިލެވުނީ އެހެންވެއެވެ.
"ޝައިހާން" ކައިރިވެލާފައި މަންޝާ ގޮވާލިއެވެ. ޝައިހާން ބަލައިލިއެވެ. ފަހަތުގައި ހުރި މަންޝާ ފެނުމާއެކު ޝައިހާން ތެދުވެގެން އައިސް މަންޝާ ކުރިމަތީގައި ހުއްޓިއްޖެއެވެ.
"ކީއްކުރަން؟ އަހަރެން ބުނިންތަ ގެއަށް އަންނަން؟" މަންޝާ ބުންޏެވެ. ޝައިހާން ހުރީ ބަލަހައްޓައިގެންނެވެ. ޝައިހާންގެ ދެލޮލުން އޭނާއަށް ފެނުނީ ހިތްދަތިކަމެވެ.
"ކުރެވުނު ހުރިހާ ކަމަކަށް ސޮރީ. މަން ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ؟ އަހަރެންނަށް އެގޮތަށް ކަންތައް ކުރެވުނީ އެވަގުތު ރުޅިއައިސްފަ ހުރީމަ. އައި ޕްރޮމިސް ދެން އެހެން ނަހަދާނަން" ޝައިހާން ބުންޏެވެ. މަންޝާ ފުންނޭވައެއް ދޫކޮށްލިއެވެ. ބަދިގެއިން ނުކުމެގެން އައި ދިލްޝާދަށް ދެ ޒުވާނުންގެ ނަޒަރު ހުއްޓުނެވެ. މަންޝާއަށް ހިނިތުންވުމެއް ދީފައި ދިލްޝާދު ސިޑިން އަރައިގެން ދަންދެން އެކަކުވެސް އަނގައިން ނުބުނެ ހުއްޓެވެ.
"އިޓްސް އޯކޭ. ދެން ދޭ. އަހަރެންނަށް ޝައިހާނާ ދެން ބައްދަލުވާނީ ވީކެއް ފަހުން" މަންޝާ ބުންޏެވެ.
ޝައިހާން ހީލިއެވެ. މަންޝާއަށް ޝުކުރު އަދާކުރިއެވެ. ހިތްހަމަޖެހުނު ވަރުން މަންޝާގެ އަތުގައި ހިފާލެވުނެވެ. އެހިނދު މަންޝާ އޭނާގެ އަތް ދުރަށްލިއެވެ.
"އަހަރެން ގުޅާނަން. ޕްލީޒް ރުޅި އައިސްފަ ވާހަކަ ނުދައްކައްޗޭ. އަހަރެން ވަރަށް ދެރަވާނެ. އެގޮތަށް ހަދައިފިއްޔާ މަން ހުރި ހިސާބަކަށްވެސް އަހަރެންނަށް ދެވިދާނެ" ޝައިހާން ބުންޏެވެ.
"އަހަރެން މިބުނީނު އޯކޭ އޭ. އަހަރެންވެސް ގުޅާނަން. މިކޮޅަށް އައިސް މަންމަމެންނާ ވާހަކަދައްކާނަން. ދެން ދޭ" މަންޝާ ބުންޏެވެ. އެއްޗެއް ނުބުނެ މަންޝާއަށް ބަލަހައްޓައިގެން ޝައިހާން ހުއްޓެވެ. ދެން މަންޝާއަށް ސަލާމަށް އަތްދިއްކޮށްލިއެވެ. މަންޝާ ސަލާންކޮށްލިއެވެ. ދެން ޝައިހާން އޭނާގެ އަތްތިލައަށް ބާރުކޮށްލިއެވެ. އެގޮތުގައި އިރުކޮޅަކު ހުންނަން ބޭނުންވިޔަސް އެ ފުރުސަތު މަންޝާ ނުދިނެވެ.
*********
ބޯޑިންއަށް ގޮވަންދެން ހުރިހާ ކުދިން ތިބީ އެއްތަނެއްގައެވެ. ގޮނޑިތަކުގައި ހުރިހާ ކުދިން ތިބިއިރު އަތުގައި އޮތް ފޯނުން ރައްޓެހިންނަށް ސްނެޕްކުރަން ތަންކޮޅެއް ދުރުގައި ހުރީ ނާޔާއެވެ. އޭނާ އިރުކޮޅަކާ ޒަރޫކަށް ބަލައިލިއެވެ. ޒަރޫކްގެ މާބޮޑު އެކުވެރިއެއް ނެތުމުން އޭނާ އިނީ ވަކިންނެވެ. ދޭތެރެއަކުން ނަޒާނަށް އެއްޗެއް ބުނެލައެވެ. އެންމެ ފަހަރަކުވެސް އޭނާ ނާޔާއަށް ބަލައިނުލައެވެ. އެހެންނަމަވެސް އިރުކޮޅަކާ އޭނާގެ ނަޒަރު އެތަނުން އޭނާ ހިތްއެދޭ ދިމާލަކަށް ދަތުރުކޮށްލައެވެ. ބައެއްފަހަރު ހިތަށް ތަދުވެލައެވެ. އަނެއް ބައިފަހަރު ނަފްރަތުން އޭނާގެ އެތެރެހަށީގެ ލޭ ކެކިގަނެއެވެ. ބައެއްފަހަރު ދެލޮލުން ކަރުނަ އާދެއެވެ. ވަގުތު ބަދަލުވާނެ ނަމައޭ ހިތަށް އަރައެވެ. އެހެންނަމަވެސް ގެއްލިއްޖެ ވަގުތެއް އެނބުރި ނާންނާނެކަން އޭނާއަށް އެނގެއެވެ. އޮތީ ގެއްލުމުގެ ބަދަލު ހޯދުމެވެ. އޭނާއަށް އެނގެނީ އެކަން އޭނާ ކުރާނޭކަމެވެ.
މަންޝާ ބަލައިލާ ކޮންމެފަހަރަކު ނަޒާން އިންނަނީ ބަލަހައްޓައިގެންނެވެ. އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. ބޯއަރިކޮށްގެންވެސް ބަލަނީ ވިއްޔާއެވެ. އެންމެފަހުން މަންޝާ ތެދުވިއެވެ. ހީކުރީ ނަޒާން ތެދުވާނެ ކަމަށެވެ. މަންޝާ ތެދުވުމާއެކު ދުރުގައި އިން ދިލްޝާދުގެ ނަޒަރު މަންޝާއަށް ހުއްޓިއްޖެއެވެ. އެކަން އެނގުމުން މަންޝާ ހިނގައިގަތީ ދިލްޝާދާއި މިހާދު އިން ދިމާލަށެވެ. ނަޒާން ކުރިމަތިން ހުރަސްކުރި ވަގުތު އޭނާއަށް ނަޒާނަށް ބަލައިލެވުނެވެ. އެހިނދު ނަޒާން އެއްލޯ މަރާލިއެވެ. އެ ވަގުތު މަންޝާ ލޯއަޅާލުމުން ނަޒާނަށް ހެވުނެވެ. މަންޝާގެ އެފަދަ ހަރަކާތެއް ފެންނަ ކޮންމެ ފަހަރަކު ނަޒާން ކައިރިއަށް އަންނަނީ ހިންޏެވެ.
މަންޝާ ކައިރިވުމާއެކު މިހާދު ތެދުވެ އޭނާ އިން ގޮނޑި ދަރިފުޅަށް ދިނެވެ. މަންޝާ އިށީނީ ދެމަފިރިންގެ މެދުގައެވެ.
"ހާދަ އިރެކޭ. އެތާ އިނދެ އިނދެ ނިދިއަތުވެއްޖެ" މަންޝާ ބުންޏެވެ.
"މާގިނަ އިރެއްނެތޭ" މިހާދު ބުންޏެވެ.
ތެދުވެގެން ހިނގައިގަތް ނަޒާން ފާހާނައަށް ވަންނަންދެން މަންޝާ ބަލަހައްޓައިގެން އިނެވެ. އެކަން ދިލްޝާދަށް ފާހަގަވުމުން ތަފާތު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.
"އަހަރެން ކީއްކުރަންތަ މީނަ ދާހާ ތަނެއް މިބަލަނީ. ބަލާނެއްނު. އައިސް އަހަރެންގެ އުނގުގައިވެސް އިށީނދެދާނެ ވިއްޔާ" އަމިއްލަ ހިތް ކުރި ސުވާލަށް ޖަވާބުދިނީވެސް ހުދު މަންޝާއެވެ.
"މިއަދު ގެއަށް އެ އައީ ކޮން ކުއްޖެއް؟ މީގެކުރިން ދަރިފުޅު ހޯދަން ހަމްރާ ނޫނީ ކުއްޖަކު ގެއަކަށް ނާދޭ" ދިލްޝާދު ބުންޏެވެ.
"އެއީ ޝައި... ޝައިހާން... އޮފީސް ކަމެއްގަ އައީ" މަންޝާ ބުންޏެވެ.
އެ ހިސާބުން ބޯޑިންއަށް ގޮވާލައިފިއެވެ. ހުރިހާ ކުދިން އެދިމާލަށް ހިނގައިގަތެވެ. އައިޑީ ކާޑުތައް ނަގައިގެން ތިބުމަށް ކުދިންނަށް މިހާދު ހަނދާންކޮށްދިނެވެ. އެމީހަކު އިށީންނާނެ ޝީޓެއް ހުރިހާ ކުދިންގެ މެދުގައި ބަހާލައިގެން ތިއްބަސް ފްލައިޓަށް އެރި ހިސާބުން އެގޮތަށް ނުވިއެވެ. ކަން ދިމާކުރި ގޮތުން މިހާދު އިށީނީ ޒަރޫކް ކައިރީގައެވެ. ދިލްޝާދަށް އިށީނދެވުނީ ނާޔާ އާ އެއް ޝީޓެއްގައެވެ. އޭނާ ހިތްހަމަވެސްޖެހުނެވެ. އެންމެފަހު ކަމަކަށްވެސް މާޝިތާ އޭނާ ކައިރީގައި އެދުނީ ނާޔާއަށް ރަނގަޅަށް ބަލައިދިނުމަށެވެ. ނަޒާނަށް އިށީނދެވުނީ ތިއާ އާ އެއް ޝީޓެއްގައެވެ. އެހެންނަމަވެސް އޭނާ ޝީޓު ބަދަލުކުރިއެވެ. އެއީ ނަވާލްވެސް ބޭނުންވި ގޮތެވެ. އެންމެފަހުން މަންޝާ އިންނަން ޖެހުނީ ނަޒާން ކައިރީގައެވެ.
"އަހަރެން ހާދަ ލަކީ އޭ...." ކައިރީގައި މަންޝާ އިށީނުމުން ނަޒާން ބުންޏެވެ. "ވިންޑޯ ޝީޓް ބޭނުންތަ؟"
މަންޝާ ބޯޖަހާލުމުން ނަޒާން ތެދުވިއެވެ. ދެ ޒުވާނުން ޝީޓު ބަދަލުކުރިއެވެ. ހުއްޓާނުލައި ނަޒާން ވާހަކަދައްކާވަރުން މަޑުން ވާހަކަދެއްކުމަށް މަންޝާ ބުންޏެވެ. ކުރިމަތީ ޝީޓުގައި ތިބި މިހާދާއި ޒަރޫކަށް އިވިދާނެކަމަށެވެ.
"އަހަރެން ކިހިނެއް މަޑުން އިންނާނީ މަން ތިހާ ކައިރީގަ އިންއިރު" މަންޝާގެ ކަންފަތާ ގާތްވެލާފައި ސިއްރެއް ބުނާހެން ނަޒާން ބުނެލިއެވެ.
"އޯ ގޯޑް... ކިހާ އިރެއް ވަންދެންބާ މި މަޖުނޫނު ކައިރީގައި އަހަރެން އިންނަންޖެހޭނީ" މަންޝާގެ ހިތަށް އެރިއެވެ.
ޕަސިންޖަރުންނަށް ދޭންޖެހޭ އިރުޝާދުތައް ދިނުމަށްފަހު ފްލައިޓް ނައްޓާލަން ތައްޔާރުވިއެވެ. ދަތުރުގެ ދިގުމިނަކީ 45 މިނެޓުކަން އެނގުމުން ނަޒާންގެ މޫނުމަތިން މާޔޫސީ ކުލަވަރު ފެނިލިއެވެ. 45 މިނެޓަކީ އޭނާއަށް ހާދަ ކުޑަ ވަގުތުކޮޅެކެވެ. އެހާ އަވަހަށް އެ ވަގުތުކޮޅަށް ނިމުން އަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަޒާން މަންޝާއަށް ބަލައިލިއެވެ. އޭނާއަށް ފެނުނީ މަންޝާއަށް ޝީޓްބެލްޓް ނޭޅުވިގެން އުޅުނު ތަނެވެ. ނަޒާން މަންޝާއަށް އެހީވެދިނެވެ. ކައިރިން މަންޝާގެ މޫނު ފެނުނު ވަގުތު އެ މޫނުގައި ބޮސްދޭން އޭނާގެ ހިތް އެދުނެވެ.
"ބިރުގަނޭތަ؟" ފްލައިޓް މައްޗަށް ނެގުމާއެކު ނަޒާން އެހިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ހަގީގަތަކީ ކުޑައިރުން ފެށިގެން މަތިން ދަތުރުކުރުމަކީ މަންޝާ ބިރުގަންނަ ކަމެކެވެ. ސްކޫލު ނިމުނުތަނާ ސަރުކާރުގެ ފަރާތުން އިތުރަށް ކިޔެވުމަށް އޭނާއަށް ލިބުނު ސްކޮލާޝިޕް ދޫކޮށްލީވެސް އޭނާ މަތިން ދަތުރުކުރަން ޖެހޭތީއެވެ. އެހެންނަމަވެސް އެވާހަކަ ނަޒާން ކައިރީގައި ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމުގެ ފައިދާ ނަޒާން ނަގައިފާނެ ކަމަށެވެ.
"ބިރުގަންނަންޏާ ދެލޯ މަރާލައިގެން އިނދެ އަހަރެންމަތިން ހަނދާންކޮށްލާ" ނަޒާން ބުންޏެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ޝީޓުގެ ލެގޭ ބައިގައި ބޯ ލައްކޮށްލައިގެން އޭނާ އިނީ ވަގުތު ގުނާށެވެ. ވިންޑޯ ޝީޓެއްގައި އިނަސް ބޭރު ބަލައިލާކަށްވެސް ނުކެރުނެވެ. އެގޮތުގައި ފަނަރަވަރަކަށް މިނެޓް ފާއިތުވެގެން ދިޔައެވެ. ނަޒާންގެ ހިލަމެއް ނުވެ ގިނައިރުވުމުން މަންޝާ ލަސްލަހުން ނަޒާނަށް ބަލައިލިއެވެ. މަންޝާއަށް ހިނިއައެވެ. ނަޒާންވެސް އޮތީ މަންޝާހެން ބޯ ލައްކޮށްލައިގެން ދެލޯމަރައިގެންނެވެ. ކުއްލިއަކަށް ފްލައިޓް ތެޅިލިއެވެ. މަންޝާއަށް ހީވީ މޭގަނޑު އަނގައަށް އައިހެންނެވެ. ނުވެއްޓުނިއްޔާ ރަނގަޅެވެ. ދާދި ފަހުންވެސް ފްލައިޓެއް ކްރޭޝްވެގެން އެތައް ބަޔަކު މަރުވެއްޖެއެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ހީވީ ފްލައިޓް ވެއްޓެން އުޅެނީ ހެންނެވެ.
*********
ނަޒާނަށް ގަބޫލުކުރަން ދަތިވިއެވެ. އޭނާގެ އަތްތިލައިގެ ތެރޭގައި އޮތީ މަންޝާގެ އަތެވެ. އޭނާގެ ކޮނޑުގައި މަންޝާގެ ބޮލެވެ. އޭނާ މަންޝާގެ މޫނަށް ބަލައިލިއެވެ. މަންޝާގެ ދެލޯ މެރިފައެވެ. މަންޝާގެ އަތްތިލައިގައި ނަޒާން ބާރަށް ހިފަހައްޓާލިއެވެ. އިނގިލިތަކާ ކުޅެލިއެވެ. ސިކުންތަކު ދެފަހަރު މަންޝާގެ މޫނަށް ބަލައިލައެވެ. މަންޝާއަށް ހިލަމެއްވެސް ނުވާނޭހެން އޭނާ މަންޝާގެ ބޮލުގައި ބޮސްދިނެވެ. އެހިނދުކޮޅުގައި މުޅި ދުނިޔެ ފުރޭހާ ހިތްހަމަޖެހުން އޭނާއަށް ލިބުނެވެ. ހިތަށް ލިބިގެންދިޔަ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމުގައި އޭނާ މަންޝާގެ ބޮލުގައި ބޯލައްކޮށްލައިގެން އިނެވެ. ދަތުރުމަތީގެ ބާކީ އޮތް 30 މިނެޓުގައި އެއްވެސް މީހެއްގެ އުނދަގުލެއްނެތި އޭނާ ބޭނުންވީ އެހެން އިންނާށެވެ. އޭނާ ކާއެއްޗެއް ބޯއެއްޗެއްވެސް ބޭނުމެއް ނުވިއެވެ. އެގޮތުގައި އިންދައި އެ ފްލައިޓް ކިތަންމެ ދުރު މަންޒިލަކަށް ދަތުރުކުރި ނަމަވެސް އޭނާގެ މައްސަލައެއް ނެތެވެ.
މަންޝާއަށް ހޭލެވުނީ ބަނޑަށް ގޮތެއްވާހެން ހީވެގެންނެވެ. އޭނާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. މަންޒިލަށް އާދެވުމާއެކު ފްލައިޓް އެދަނީ ތިރިކުރަމުންނެވެ. އިނދެވުނުގޮތާ މެދު ވިސްނާލެވުނީ ދެނެވެ. އޭނާގެ އަތްތިލަ އޮތީ ނަޒާންގެ އަތްތިލައިގެ ތެރޭގައެވެ. ނަޒާން އިނީ ސީދާ އޭނާގެ މޫނަށް ބަލަން ނޫނަސް އެ ތުންފަތުގައިވި ހނިތުންވުން މަންޝާއަށް ސިއްރެއް ނުވިއެވެ. މަންޝާ ލަސްލަހުން އޭނާގެ އަތް ނައްޓުވަން އުޅުނެވެ. އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. ނަޒާން އޭނާގެ އަތުން ދުލެއް ނުކުރިއެވެ. އެންމެފަހުން މަންޝާ ހުއްޓާލިއެވެ. ނަޒާންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި ޝީޓްގައި ހަމަޖެހިލިއެވެ.
"މިހާރު އެނގިއްޖެ ދޯ އަހަރެންގެ ހިތާ މިހާ ކައިރިއަށް އައުމަށްފަހު ދާން ފަސޭހައެއް ނޫންކަން" ނަޒާން ބުންޏެވެ.
"އަހަރެންނަށް ނިދުނު ގަޑީގައި ކީއްކުރަން އަތުގައި ހިފީ" މަންޝާ ބުންޏެވެ.
"އަހަރެންގެ ކުށެއް މިފަހަރު ނެތް. އަހަރެންނަށް މި އަތްދިނީ މަން އަމިއްލައަށް" ނަޒާން ބުންޏެވެ.
މަންޝާއަށް ވިސްނުނެވެ. އެއީ އޭނާ ހިތްބިރުގަނެފައި އިންވަރުން ކުރެވުނު ކަމެކެވެ. އެވަގުތު އެތަނުގައި ނަޒާން ނޫން އެހެން މީހަކު އިންނަމަވެސް އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީހެވެ.
"ދެން ދޫކޮށްލާ... އެންމެން ފައިބަން ފަށާނެ އިރުކޮޅަކުން" މަންޝާ ބުންޏެވެ.
ނަޒާން ދެން ކުރީ މަންޝާ ލަދުން ހަލާކުވާވަރުގެ ކަމެކެވެ. ފަހަތުގައި ކޮޅަށް ތިބި ދެމީހުންނަށް ރަނގަޅަށް އެ މަންޒަރު ފެންނާނެއެވެ. މަންޝާގެ އަތްތިލަ އުފުލާލިގޮތަށް އިނގިލިތަކުގެ ބަނޑުފުށުގައި ވިދިވިދިގެން ތިންފަހަރު ބޮސްދިނެވެ. މަންޝާ އަތްދަމައިގަތެވެ. އޭނާ ލަދުން އިސްޖެހިއެވެ. ދެން އަމިއްލަ ހިތާ ސުވާލުކުރިއެވެ. ނަޒާން އޭނާގެ ހަޔާތަށް އައުމަކީ އޭނާ ރުހޭކަމެއް ނޫނެވެ. ނަޒާނަކީ އޭނާގެ ހަޔާތަށް ގެންނަން ބޭނުންވާ ބައިވެރިޔާއެއް ނޫނެވެ. އޭނާ ބޭނުންވަނީ އޭނާގެ ހިޔާލުތައް ނަޒާންގެ ސިކުނޑިން އެއްކޮށް ފޮހެވޭށެވެ. އެ ހުރިހާކަމަކަށް އޭނާއަށް ނުރުހެވޭ އިރު، ނަޒާންގެ އަމަލުތަކަށް އޭނާއަށް ރުޅި އިސްނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ނަޒާނަށް ބަވައިނުލެވެނީ ކީއްވެގެން ހެއްޔެވެ؟ މަންޝާގެ ސިކުނޑިއަށް ހުރިހާ ސުވާލުތަކެއް އެއްފަހަރާ ވެރިވެގަތެވެ.
*********
މިހާދުގެ އާއިލާ ބަލާ ކުޅުދުއްފުށީ އެއާޕޯޓުގައި އޭނާގެ އެކުވެރި އަހުތަރު ހުއްޓެވެ. އަހްތަރަކީ އެ އަތޮޅުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ މީހެކެވެ. މިހާދުގެ އާއިލާއަށް އަހްތަރު މަރުހަބާކިއެވެ. ވަކިވަކި ކުދިންގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ. ހުރިހާ މީހުން އަރަންޖެހުނީ އަނެއްކާވެސް ދަތުރަކަށެވެ. އެމީހުންގެ އަސްލު މަންޒިލަކީ ހއ.މޮޅަދުއެވެ.
"ދޮންބެ އަންނަނީ ކޮންއިރަކުން؟" ލޯންޗަށް އެންމެން އަރަމުންދިޔަ ވަގުތު މަންޝާ އެހިއެވެ.
"ދޮންބެ އާ ފަހަރި ރޭގަ އެރަށަށް ހިނގައްޖެ. ނުބުނޭތަ؟" ދިލްޝާދު ބުންޏެވެ. މަންޝާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
ހުރިހާމީހުން ލޯންޗަށް އަރަމުންދިޔަ ވަގުތެވެ. ލޯންޗަށް އަރަން އައި ތިއާއަށް ޒަރޫކް އަތްދިއްކޮށްލިއެވެ. ތިއާ ދެލޯ އަޅާލި މަންޒަރު ފެނުމުން ޒަރޫކް ދުރަށްޖެހުނެވެ. އޭނާ ހިފީ ޒަރޫކްގެ ފަހަތުގައި ހުރި ނަވާލްގެ އަތުގައެވެ. ޒަރޫކް ދެން މަސައްކަތްކުރީ ތިއާގެ ފަހަތުން އައި ނާޔާގެ އަތުގައި ހިފުމަށެވެ. ތިއާއަށް އޭނާ އަތްދިއްކޮށްލިތަން ނާޔާއަށް ފެނުނުކަން ޒަރޫކަށް އެނގެއެވެ. ނާޔާ އެއްޗެއް ހީކޮށްފާނެކަމަށް އޭނާ ނާޔާއަށްވެސް އަތްދިއްކޮށްލިއެވެ.
"ނާއްކޮ..." ލޯންޗަށް އަރަން އުޅުނު ނާޔާ، ނަވާލަށް ތިއާ ދައްކާލިއެވެ. އެހިސާބުން ނާޔާއަށް ޖެހުނީ ނަވާލްގެ އެހީތެރިކަން ހޯދާށެވެ. ޒަރޫކް އެނބުރުނުގޮތުން ތިއާ ދެކެ ނާޔާ ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. އެތެރެއަށް ވަނުމުގެ ކުރިން ތިއާ، ނާޔާގެ އަތުގައި ހިފައިފިއެވެ. އޭނާ ބޭނުންވީ ނާޔާ އޭނާ ކައިރީގައި ބައިންދާށެވެ. އެ އާއިލާއަށް ހާއްސަކޮށްފައި އޮތް ލޯންޗެއް ނަމަވެސް ހުރިހާ އަންހެނުން އިށީނީ ލޯންޗުގެ ފަހަތު ޝީޓުގައެވެ. އިށީންނާނެ ޖާގަ ހުރި ނަމަވެސް ޒަރޫކް އިށީނީ އަންހެންކުދިން ތިބި ޝީޓު ކުރިމައްޗަށް ހުރި ސިންގަލް ޝީޓެއްގައެވެ. އޭނާ ނޭނގޭކަމަށް ހަދާފައި ދެލޮލަށް އަވި އައިނު ހެޔޮވަރުކޮށްލިއެވެ. ދެން އޭނާ ބަލައިލީ އަންހެންކުދިންގެ މެދުގައި އިން ތިއާ އަށެވެ. ތިއާ އޭނާއަށް ދެލޯ އަޅާލި މަންޒަރު ފެނުމުން އޭނާ ކައިރިއަށް ހިނިއައެވެ. އެތެރޭގައި ޖާގަ ހުއްޓައި ޒަރޫކް އެތަނުގައި އިށީނީތީ ތިއާ ކައިރީގައި އިން ނާޔާ ނެގީ މުޅިން އެހެން މާނައެކެވެ. އޭނާ ހިތުން ޒަރޫކް އެތަނުގައި އިށީނީ އޭނާ ފެންނަ ހިސާބުގައި އިންނަން ބޭނުންވުމުންނެވެ.
"އަނެއްކާ މިއީ ހޮޑުލާ ކުދިންތަ؟" ޒަރޫކް އެހިއެވެ.
"ހޮޑުލާންޖެހޭތަ ކޮންމެހެން. ކުޑައިރުކޮޅެއް ވާނީ. ނުލާހިކު މޫސުން ރީތި ދުވަހެއް" ދިލްޝާދު ބުންޏެވެ.
އެއްވެސް ކުއްޖެއް ހީކުރިހާ ދަތުރު ދިގުނުވިއެވެ. ހީވީ ހަމަ ނައްޓާލިގޮތަށް ރަށަށް ވަން ހެންނެވެ. އިރުއޮއްސެން އަދި ވަގުތު އޮތެވެ. ލޯންޗުން ފައިބައިގެން ދިޔަ މަންޝާ އެންމެ ފުރަތަމަވެސް ވަނީ ޖެޓީމަތީގައި މަޑުކޮށްލައިގެން ހުރި ޒަވީގެ އަތުތެރެއަށެވެ. ދުވަސްތަކަކަށްފަހު ދޮންބެ ފެނުމުން މަންޝާ ހުރީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. ދިލްޝާދު ފައިބައިގެން އައުމާއެކު ޒަވީ ދިލްޝާދުގެ ގައިގައި ބައްދާލިއެވެ. ދިލްޝާދުގެ މޫނުގައި ބޮސްދިނެވެ. މަންޒަރު ބަލަން ތިބި އެހެން މީހުނަށް ވީ މުޅިން އާ ކަމަކަށެވެ. ދިލްޝާދުގެ ދަރިންނަކީ މައިމީހާއާ ކިހާ ގާތް ކުދިބައެއްކަން އެމީހުންނަށް އެނގުނެވެ.
"މިރަށުގަ ވަރަށް ކުޅިވަރު އެބައޮތޭ. އީދު ހެދުން ގެނައިންތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި ހުރިހާ ކުދިންނަށް އަހްތަރު ބުންޏެވެ.
"މަންމަ ހެދުން ފެހި ފަހަރިއަށްވެސް" ޒަވީ ކައިރީގައި ހުރި ޔަލާގެ އަތުގައި ހިފައިލަމުން މަންޝާ ބުންޏެވެ. ދުރުދުރުގައި ހުރެ މަންޝާގެ ހުރިހާ ހަރަކާތްތަކަށް ބަލަން ނަޒާން ހުއްޓެވެ. އެހެން އުޅުމުގެ ތެރޭގައި މަންޝާގެ ނަޒަރު ނަޒާނަށް ހުއްޓުނެވެ. އެވަގުތުތަކުގައި ނަޒާން ހިނިތުންވެލައެވެ. ނޭނގޭކަމަށް ހަދާފައި މަންޝާ މޫނު އަނބުރާލާ ކޮންމެފަހަރަކު ނަޒާން ހީލައެވެ.
"ކޮބާ ހިނގާ އަވަހަށް ގޭދޮށަށް ދަމާ. ރޯދަ ވީއްލުން ތައްޔާރަށް އޮތީ" އަހްތަރު ބުންޏެވެ.
ރޯދަވީއްލުން ހަމަޖެހިފައިވާ ގެ ހުރީ މާދުރަކު ނޫނެވެ. އެދިމާލަށް ހުރިހާ މީހުން ދިޔައީ ހިނގާލައިފައެވެ. އެއީ އެންމެންވެސް ބޭނުންވިގޮތެވެ. މީހެއްގެ އުނަގަނޑާ ހަމައަށް އަރާވަރުގެ ވަށާފާރެއްލާފައިވާ ގޭ ދޮރުން އެތެރެއަށް ވަނުމާއެކު އެންމެންނަށް އެރުނީ ރޯދަވީއްލުން ތައްޔާރުކޮށްފައިވާ ތަނުގެ ކުރިމައްޗަށެވެ. އަހްތަރުގެ އަނބިމީހާ ސާދާ އަވަދިނެތި އުޅުނެވެ. ހިތްހެޔޮ އިސްކޮޅުން ކުރު އަންހެނެކެވެ. އޭނާ ހުރިހާ ކުދީން ކައިރީގައި އިށީންނަން ބުންޏެވެ.
މޭޒުމައްޗަށް ބަލައިލާފައި އެންމެން ތިބީ ހައިރާންވެފައެވެ. ނެތް ބާވަތެއްގެ ކާއެއްޗެއް ނެތެވެ. އަހްތަރުގެ އެކުވެރިޔާގެ އާއިލާއަށް ހުރިހާކަމެއް އެންމެ ފުރިހަމައަށް ސާދާ އޮތީ ކޮށްދީފައެވެ.
"ވާއޮ.... ވަރަށް ހިތްގައިމު... މިހާރުވެސް ރަށުތެރެ ބަލައިލަން ނިކުމެލާހިއްވެއްޖެ" ނާޔާ ބުންޏެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ގެއާ ވަކިން ހުރި ބަދިގޭގެ ފުރާޅުމަތީގައި އިން މާކަނަލަކަށެވެ. ބޯވަޅު އެޅި ދިގު ހެދުމެއްލާފައި ހުރި އަންހެނަކު މާކަނަލަށް މަސް އުކަން ހުރި މަންޒަރުވީ އޭނާއަށް މުޅިން އާ މަންޒަރަކަށެވެ. އޭނާ އެ މަންޒަރުތައް ފޯނުގައި ރައްކާކުރިއެވެ.
***********
އޭނާގެ ތުންފަތަށްވެރިވީ ވިހަ ހިނިތުންވުމެކެވެ. ލޯގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ފަހުރުވެރިކަމާއެކު ބަލައިލިއެވެ. ލައިގެން ހުރި ޓީޝާޓް ފަހަތަށް ދަމައިލުމަށްފަހު އަތުގައި އޮތް ވޮލެޓް ހުޅުވާލިއެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެ އަންހެން ކުއްޖެއް ދެކެ އޭނާ ހިތާއި ފުރާނައިން ލޯބިވާ އަންހެންކުއްޖާއެވެ. މިއަދު އޭނާ އެ ނުކުންނަނީ ލިބުނު ކެހީގެ ބަދަލު ހިފުމަށެވެ. އޭނާ އެ އަންހެންކުއްޖާ ނޯށުން ރޮއްވާލާނެއެވެ. ކަރުބުޑުގައި ހިތިރަހަ ލައްވާލާނެއެވެ. އެ ދަތުރު ނިންމާފައި ދިއުމުގެ ކުރިން އެކަމަށް އަޅާ ފުރަތަމަ ފިޔަވަޅު އޭނާ އަޅާނެއެވެ.
(ނުނިމޭ)