މަތިއުތުރު ޕްރޮވިންސްގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާގެ ބަންދަށް އެއް މަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ވެސް ވަނީ 73 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކ. އއ. އދ. އަދި ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.