ހައިކާ ހިތުގައި ނުޖެހޭނެހެން އޭނާއަށް ހައިކާއަށް ޖަވާބެއްދެވެން ނެތްކަމަށް ބުންޏެވެ. އަދި އޭނާއަށް ހައިކާ ދެކެ ލޯބިނުވެވޭއިރު ހައިކާގެ ހިތް ހަލާކުކޮށްލަން މަޖާކުރަން ވަގުތު ހޭދަކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެދުވަހުގެ ފަހުން ހައިކާއާ އޭނާއާ ދެމެދުގައި އޮތީ އެކުވެރިކަމެކެވެ.
"ރީތި ތަ؟" ފޯނުން ހައިކާއަށް ފޮޓޮއެއް ދައްކައިލަމުން ނަޒާން ބުންޏެވެ. އެ ފޮޓޯއަށް ލަޔާންވެސް ބަލައިލިއެވެ.
"ކަލޭ ރަނގަޅު. އެކުއްޖާ ފަކީރުގެ ހިތް މުޅިން ހަލާކުކޮށްލީނު ތި" ލަޔާން ބުންޏެވެ.
"އެ ދޮގެއް. މިކުއްޖާ ވަރަށް ލޯބި. ޒާންއާ ވަރަށް ގުޅޭ" ހައިކާ ބުންޏެވެ. ހީލާފައި ފޯނު ޖީބަށްލަމުން ނަޒާން ޝުކުރު އަދާކުރިއެވެ. ދިރިއުޅުމުގެ ހުރިހާކަމެއް އޭނާއަށް ލަޔާނަށް ވުރެ ބޮޑަށް ހިއްސާކުރެވިފައިވަނީ ހައިކާއާއެވެ.
********
ހަތަރު ފާރުން އެތެރޭގައި ބަންދުވުމާއެކު ނާޔާގެ ނޭވާ ހާސްވާން ފެށިއެވެ. އެންމެ ބޮޑު ހާސްކަމެއް އޭނާއަށް ލިބުނީ ސްކޫލު ޔުނީފޯމުގައި ހުރެވުމުންނެވެ. ޒަރޫކަށްޓަކައި މިއަދު އޭނާ އެހުރީ ހަޔާތުގައި ދުވަހަކުވެސް ކުރަން ބޭނުންނުވާ ކަމެއް ކޮށްގެންނެވެ. ޒަރޫކް އޭނާއަށް ވިސްނައިދިނީ ގެސްޓްހައުސްގެ ކޮޓަރިއަކަށް ވުރެ އެ ދެމީހުން ބައްދަލުކުރަން ރައްކާތެރި ތަނެއް ނެތްކަމެވެ. އެއް ކްލާސް މެދުކަނޑާލާފައި ޓެކްސީއެއްގައި އޭނާ އައީ ހަމައެކަނި ޒަރޫކަށްޓަކައެވެ.
"އަހަރެން ބުނީމެއްނު ބިރުނުގަންނާށޭ... އާދެބަލަ ކައިރިއަށް" ނާޔާ ދުރުގައި ހުރުމުން ޒަރޫކް ބުންޏެވެ. އޭނާ ނާޔާގެ ގަނޑުފެންކޮޅެއް ފަދަ ފިނި ދެ އަތްތިލައިގައި ހިފާލިއެވެ. ނާޔާގެ ކޮނޑުގައި އޮތް ދަބަސް ނެގީ ޒަރޫކެވެ. ނާޔާގެ މޫނަށް ޒަރޫކް ބަލައިލިއެވެ. ނާޔާގެ ބޮޑު ދެލޮލުން ސިހުމާއި ބިރުވެރިކަން ޒަރޫކަށް ފެނުނެވެ. އޭނާ ނާޔާއަށް ހަމްދަރުދީވިއެވެ.
"އަހަރެން... އަހަރެން ވަރަށް ބިރު އެބަގަނޭ" ނާޔާ ބުންޏެވެ.
"ކޮން ކަމަކާ. ބިރުގަންނަން ޖެހޭވަރުގެ ކަމެއް އަދި އަހަރެމެން ނުކުރަމެއްނު. ހަމައެކަނި ކިސްއެއްނު ކޮށްލީ. އެއީ އެހާ ކަމެއް ނޫނޭ. އެކަމަކު މިއަދު އަހަރެން ބޭނުމީ އެއަށް ވުރެ ބޮޑުކޮށް. އެނގޭތަ އަހަރެމެން ދެމީހުންނަކީ އެކަކު އަނެކަކަށްޓަކައި މިދުނިޔެއަށް އުފަންވެފަ ތިބި ދެމީހުން. ނާޔާ އަހަރެންނަށް ކަމުދޭ. އަހަރެން ދެކެ ނާޔާ ލޯބިވޭ. ވީއިރު އަހަރެމެން ދެމީހުން ދެމެދުގައި މިރޭ މި ކޮޓަރީގައި މި އެނދުގައި ހިނގާނެ ކަންކަމަކީ އަހަރެމެން ދެމީހުންގެ ލޯބީގެ ހަނދާނަކަށް ވެގެންދާނެ. އަހަރެން ބޭނުމީ މިރޭ ނާޔާ ކާލަން" ޒަރޫކް ބުންޏެވެ. ދެން އޭނާ ނާޔާ ގެނެސް ބޭންދީ އޭނާގެ އުނގުގައެވެ. އޭސީގެ ފިނިން މުޅި ކޮޓަރި ތެރެ ފިނި ހިފާލާފައިވާއިރު ނާޔާގެ ނިތްކުރިމަތިން ދާތިކިތައް ވިދަމުން ދިޔައެވެ. ހިނދަކަށްފަހު ހިނދެއް ނާޔާގެ ހިތް ހާސްކުރުވަމުން ދިޔައެވެ. އެއްކޮޅުން ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. ހަނދާނަށް އަންނަނީ މައިންބަފައިންނާ ދެ ބޭބެއިން ދީފައިވާ ހެޔޮ ނަސޭހަތްތަކެވެ. އަނެއްކޮޅުން އޭނާ ހިތާ ފުރާނައިން ލޯބިވާ ލޯބިވެރިޔާއެވެ. ޒަރޫކާ ނުލައި އެންމެ ސިކުންތެއްވެސް އޭނާ ބޭނުމެއް ނުވެއެވެ. ޒަރޫކްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކަށް އޭނާ އިތުބާރު ކުރެވެއެވެ.
"ކީއް ތިކުރަނީ؟" ނާޔާ ލައިގެން އިން ޔުނީފޯމުގެ މަތިން ދެގޮށް ޒަރޫކް ނެއްޓުމާއެކު އޭނާ ހިފެހެއްޓީ ޒަރޫކްގެ އިނގިލިތަކުގައެވެ.
"ނާޔާގެ މުޅި ހަށިގަނޑަކީ އަހަރެންގެއެއް ނޫންތަ؟" ޒަރޫކް ބުންޏެވެ. އޭނާ ނާޔާގެ މޫނާ ކަނދުރާގައި ބޮސްދެމުން ވާހަކަދެއްކިއެވެ. ޒަރޫކް ހިފަހައްޓަން ނާޔާއަށް އުނދަގޫވިއެވެ. އަތުކުރީގައި އޮތް ގަޑި އޭނާއަށް ބަލައިލެވުނީ ކުއްލިއަކަށެވެ.
"ފަހުން. ގަޑި ނިމެނީ. މިހާރު ނޭނގެ ބައްޕަ ސްކޫލު ކައިރިއަށް ނުދާކަމެއްވެސް" ޒަރޫކްގެ އަތުތެރެއިން ދެމިގަންނަމުން ނާޔާ ބުންޏެވެ. ޒަރޫކް ހިތްހަމަނުޖެހުނެވެ. އެހިސާބަށް އައި ފަހުން ނާޔާ އެގޮތަށް ފުރަގަސްދިނުމުން ޒަރޫކްގެ ހަމަޖެހުން ގެއްލުނެވެ. އޭނާގެ އިހުސާސްތައް ކޮންޓްރޯލުކުރަން ދަތިވިއެވެ.
"ދެން ކޮން އިރަކުން އަންނާނީ؟" ޒަރޫކް ބުންޏެވެ. ޔުނީފޯމުގެ ގޮށްތައް އަޅުވައި ނިންމާލާފައި ނާޔާ ޒަރޫކަށް ބަލައިލިއެވެ. ޒަރޫކް ދެރަވެފައި ހުރިތަން ފެނުމުން ނާޔާ ދެރަވެއްޖެއެވެ. އޭނާ ޒަރޫކާ ގާތަށް ޖެހިލާފައި ހިފެހެއްޓީ ޒަރޫކްގެ ދެ އަތްތިލައިގައެވެ.
"އަހަރެންގެ ހަށިގަނޑަކީ ޒަރޫކްގެ މިލްކެއް. އަހަރެން ބޭނުމެއް ނުވޭ ޒަރޫކް ހިފަހައްޓަން. އެކަމަކު ދެމީހުން އެކަހަލަ ގުޅުމަކަށް ދާން އަދި އަވަސްހެން ހީވަނީ. ކުޑަދުވަސްކޮޅަކަށް މަޑުކޮށްނުލެވޭނެތަ؟ އައި މީން.... އިހަށް އަހަރެން ޒަރޫކް ދަސްކުރަން ބޭނުން. އެކަމަކު... ޒަރޫކް ބޭނުންނަމަ އެކަން ނޫން ކޮންމެ ކަމަކަށް އަހަރެން ތައްޔާރު..." ނާޔާ ބުންޏެވެ. ޒަރޫކް ހީލިއެވެ. ނާޔާ އުރާލިގޮތަށް މޫނުގައި ބޮސްދިނެވެ. އޭނާއަށް ނާޔާގެ ދުލުން ބޭރުވާ ކޮންމެ ލަފްޒެއް ވަނީ ޖޯކަކަށެވެ. އޭނާ ބޭނުންގޮތަކަށް ނާޔާގެ ޅަ ހިތާ ކުޅެލެވިދާނެއެވެ. އޭނާގެ މަގުސަދު ހާސިލުނުވަނީސް ނާޔާއާ ދުރަށްދާން އެނާ ބޭނުމެއް ނުވެއެވެ.
"ތިބުނީ އެއްނު އެކަން ނޫން ކޮންމެ ކަމެކޭ... އެހެންވީމަ ދިޔުމުގެ ކުރިން އަހަރެންނަށް ކަމެއްކޮށްދީ. އައި ޕްރޮމިސް.... ނާޔާ ސޭފްކޮށް ހުންނާނީ... އަހަރެން ކައިރިވާނީ ނާޔާ ހުއްދަދިން ދުވަހަކުން. އެކަމަކު އަހަރެންގެ ހުއްދަ އެބައޮތް" ޒަރޫކް ބުންޏެވެ. ނާޔާ ބޯޖަހާލިއެވެ. ދެން އޭނާ ނާޔާގެ އަތްތިލައިގެ ތެރެއަށް އަތް ލައްވާލިއެވެ. ނާޔާ ގޮވައިގެން އެނދު ކައިރިއަށް ގޮސް ނާޔާ އެނދުގައި ބޭންދިއެވެ.
"ކްލާސް ނިމެންވާއިރަށް ނާޔާ ސްކޫލަށް ވައްދައިދޭނަން. އެކަކަށް އެއްކަމެއްވެސް ނޭނގޭނެ" ނާޔާގެ ކޮލުގައި ފިރުމައިލަމުން ޒަރޫކް ބުންޏެވެ.
********
ސައި ކޮޓަރިއަށް މަންޝާ ދިޔައީ ކޮފީއެއް ބޯލުމަށެވެ. އެތެރޭގައި އިން ނަވާލް ފެނިފައި މަންޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އިތުރު މީހަކު އެތެރޭގައި ނެތެވެ. ޝައިހާންގެ ސަބަބުން ހިނގައިދިޔަ ކަންތަކަށް ނަވާލްގެ ކިބައިން މައާފަށް އެދެން އޭނާ އިނީ ބޭނުންވެފައެވެ. ކޮފީ ތަށި ގިރައިގެން މަންޝާ ގޮސް އިށީނީ ނަވާލްގެ ކައިރީގައެވެ. ކައިރީގައި އިނުމަކީ ނަވާލް ހިތްހަމަނުޖެހޭނެ ކަމެއްކަން އެނގޭތީ މަންޝާ އިށީނީ އެއްގޮނޑި ދޫކޮށްފައެވެ. މަންޝާ އިށީންކަން އެނގުމާއެކު ނަވާލްގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.
"ޝައިހާން ކުރި ކަންތަކަށް އަހަރެން މައާފަށް އެދެން" މަންޝާ ބުންޏެވެ.
ނަވާލް ޖަހާލީ ހިނިގަނޑެކެވެ. ޝައިހާނާ ހެދި މަންޝާ ވެފައި ހުރިވަރު ފެނުމުން އޭނާ ކައިރިއަށް ވަރަށް ހިނިއައެވެ.
"ދެމީހުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ކަނޑުވާލާފަ އެކުވެރިންގެ ގޮތުގައި ނުތިބެވޭނެތަ؟ ދެ އާއިލާ މެދުގައި އޮތް ގުޅުމަށްޓަކައި"
ކޮފީތަށި ހުސްކޮށްލާފައި ނަވާލް ތެދުވިއެވެ. މަންޝާއަށް ފުރަގަސްދީފައި ދެއަތް ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް ކޮށްޕާލިއެވެ.
"ރަހްމަތްތެރިކަމަށް މަންޝާ ތި އެދޭއިރު އެނގޭތަ އެއީ ކިހާވަރެއްގެ ކަމެއްކަން. އަހަރެން ބުނެދީފާނަން. ރަހުމަތްތެރިކަމަކީ އެކަކު އަނެކަކަށް ދިމާވާ އުފަލާއި ހިތާމަތަކުގައި ބައިވެރިވުން. އެކަކު ކުރަން އުޅެނީ ގޯސްކަމެއްކަން އަނެކަކަށް އެނގޭ ހާލަތުގައި އޭނާ އެކަމުން ދުރުކުރަން އުޅުން. ތިމާގެ އެކުވެރިޔާ ވެއްޓެން އުޅެނީ ވަޅުގަނޑަކަށްކަން އެނގޭއިރު އޭނާ އެކަމުން ސަލާމަތްކުރުން. ހެޔޮ ގޮތްތައް ބުނެދިނުން. އެކަމަކު މަންޝާ އެހެންތަ؟ އަހަރެންނަށް އެކުވެރިކަމުގެ ގުޅުމެއް ބޭއްވެނީ އަހަރެންގެ އެކުވެރިކަމަށް އިތުބާރުކުރެވޭ މީހަކާ. މަންޝާ އެމަގާމަށް ނުގެނެވޭނެ" ނަވާލް ވާހަކަދެއްކިއެވެ.
"ތިދައްކަނީ ޝައިހާންގެ ވާހަކަތަ؟ އޭނާ އަހަރެން ދެކެ ލޯބިވޭ. އީދު ނިންމާފަ މެރީކުރަން ކިޔައިގެން މިއުޅެނީ" މަންޝާ ބުންޏެވެ.
"މަންޝާ ލޯބިވޭތަ؟ ނޫނީ އަސްލު ބުނެބަލަ. ޝައިހާންގެ ބިހޭވިއާ ރަނގަޅުތަ؟ މަންޝާއަށް އޯކޭތަ؟ ނޫނީ ހަމަ އަސްލަށްވެސް ނުފެންނަކަމަށް ހަދަނީތަ؟"
"ޝައިހާން ގޯހެއް ނޫން. އޭނަ ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިން. އޭނަގެ މަންމަވެސް ނުބުނޭ އޭނަ ގޯހެކޭ" މަންޝާ ބުންޏެވެ.
"އެއްވެސް މީހަކު ބުނާނެތަ އެމީހަކު އަމިއްލައަށް އެމީހަކީ ގޯސް މީހެކޭ.... ހެހެހެ.... އަޅާނުލާ... މަންޝާގެ ލައިފް. އެހެން މީހަކު ގޮތްކިޔުމަކީ އެކަކުވެސް ރުހޭނެ ކަމެއް ނޫން"
"ނަވާލްވެސް ތި ވާހަކަދައްކަން ރަނގަޅެއް ނޫން. ނަވާލްވެސް އަހަރެންނަށް ހެދީ ހަދާނެގޮތެއް. ލޯބިވީ އަހަރެން. އަހަރެންގެ ލައިފްއަށް މިހާބޮޑު ބަދަލެއް އައީ ނަވާލްގެ ސަބަބުން. ވަކި ޝައިހާންގެ ދިރިއުޅުމުން އަހަރެންނަށް ފިލާވަޅެއް ލިބުނަސް ކޮބާ މައްސަލައެއް؟ ޖެހޭނީ އެއްތާކު. އަނެއްކާވެސް ހަލާކުވާނީ އަހަރެންގެ ދިރިއުޅުން. ނޫންތަ؟" މަންޝާ ވާހަކަދެއްކިއެވެ. ނަވާލް އެނބުރި މަންޝާއަށް ބަލައިލިއެވެ. މަންޝާގެ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް އެނބުރުމުން އޭނާ އެތަނުގައި މަޑުކުރަން ބޭނުމެއް ނުވިއެވެ. މޭޒުމަތީގައި އޮތް ފޯނު ހިފައިގެން އޭނާ ހިނގައިގަތެވެ.
މަންޝާ އިސްޖަހާލިއެވެ. އޭނާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ ކީއްވެގެންކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. ދެއަތުން ލޯ ކައިރި ފޮހެލުމާއެކު އަނެއްކާވެސް ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވެއްޖެއެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ފަސްދީ ނަވާލް ދިޔުމުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ހަނދާނަށް އައީ ނަވާލް އޭނާގެ ލޯބީގައި ކޮޅުފައިން ޖެހި ދުވަހެވެ. ހިތުގައި ފަސްއަޅައި ފޮރުވާފައިވާ އިހުސާސްތައް ހޭލައިގަތީ ކޮންއިރަކު ކިހިނެއްކަމެއް އޭނާއަށް ނޭނގުނެވެ.
********
މަންޝާ އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. މެސެންޖާ އިން ހަމްރާއާ ވާހަކަދައްކަން އޮތުމުން އޭނާއަށް ގަޑިން ވީއިރެއް ބަލައިނުލެވުނެވެ. އެއްޗެއް ކާން އަންނާށޭ ބުނެ ދިލްޝާދު ގޮވާލާފައި ދިޔަ ފަހުންވެސް އިރުތަކެއް ވެއްޖެއެވެ. ބަނޑުހައިވެއްޖެކަން ވެސް އެނގުނީ ފޯނު އަތުން ދޫކޮށްލިފަހުންނެވެ. އޭނާ ކޮޓަރިން ނިކުމެގެން ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ބަދިގެއަށް ރަނގަޅަށް ނުވަދެވެނީސް އޭނާގެ ކަންފަތުގައި ދިލްޝާދު މީހަކާ ވާހަކަދައްކާ އަޑު އިވިއްޖެއެވެ. އެތެރެއަށް ވަދެ ބަލައިލިއިރު ދިލްޝާދު ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ. ހަމަޖެހުމުގެ ނޭވައެއްލާފައި މަންޝާ އެތެރެއަށް ވަނެވެ. އޭނާއަށް ހުރި ކާއެއްޗެހި މޭޒުމަތީގައި ހުއްޓެވެ.
"ދޮންބެއާ ދޮންބެދައްތަ ސަލާމް ބުނި" ބަދިގެއިން ނުކުންނަމުން ދިލްޝާދު ބުންޏެވެ.
އައިސް އަލަމާރީގައި ހުރި ޕުޑިން ޓްރޭ ހިފައިގެން އައިސް އޭނާ މޭޒުކައިރީގައި އިށީނެވެ. ފޯނަށް މެސެޖެއް އައި އަޑަށް މަންޝާ ބަލައިލިއެވެ. ނަޒާންގެ ނަންބަރު ފެނުމުން މަންޝާގެ ހިތް ތެޅިގަތީ ހާދަ ބާރަކަށެވެ. އެ އިންސާނާގެ ހިލަމެއްނުވާތާ އިރުތަކެއް ވެއްޖެއެވެ. ފޯނު ހުޅުވާލާފައި މެސެޖް މަންޝާ ކިޔާލިއެވެ.
"މަންޝާ..." މަންޝާ ސިހިފައި ބަލައިލިއެވެ.
"ވައްކަމެއް ކުރަނީތަ؟" އެތެރެއަށް ވަންނަމުން ދިލްޝާދު ބުންޏެވެ. މަންޝާއަށް ވީގޮތް ފެނުމުން އޭނާއަށް ހެވުނެވެ.
"ސިހޭނެއްނު މަންމަ ތިހާ ބާރަށް ގޮވާލީމަ" މަންޝާ ބުންޏެވެ.
"މަންމަ އެބަ އަންނަން ފަހާތަނަށް ވަދެލާފަ" ދިލްޝާދު ބުންޏެވެ. މަންޝާ ބޯޖަހާލިއެވެ. ދިލްޝާދު ލޯމަތިން ގެއްލުމާއެކު މަންޝާ، ނަޒާންގެ ނަންބަރަށް ގުޅިއެވެ. މެސެޖުކުރަން ގިނައިރު ނަގާނެތީއެވެ.
"ތިތަނުން ދުރަށްދޭ. މަންމަ އެބަ ނިކުމޭ" މަންޝާ ބުންޏެވެ. ސަމްސަލުގައި ދަތް އަޅާލައިގެން ނަޒާން އެއްޗެއް ބުނޭތޯ އޭނާ އިނެވެ.
"އެހެރަ ދަނީ އަހަރެންގެ މައިޓު. ގޮވާލަންތަ؟" ނަޒާން ބުނެލި އަޑު އިވުނެވެ. މަންޝާ ދެލޯ ވަށްކޮށްލިއެވެ.
"ދެން ތިއައި ތަނަކަށް ދޭ" މަންޝާ ބުންޏެވެ.
ނަޒާން އެއްބަހެއް ނުވިއެވެ. އޭނާ އައި ބޭނުން އެއްވެސް ފަސްޖެހުމެއްނެތި މަންޝާއަށް އިއްވާލިއެވެ.
"ކައިރިން ތިމޫނު ދެކިނުލައި އަހަރެންނަށް ނުދެވޭނެ. ހުޅުވަބަލަ. ބަސްއަހައިގެން ހުޅުވީމަ އަހަރެން ކުރަން އައި ކަންތައް ނިމުނީމަ ހިނގައިދާނަން" ނަޒާން ބުންޏެވެ.
ޖުމުލަ ރަނގަޅަށް ފުރިހަމަ ނުކުރެވެނީސް ދޮރުހުޅުވާލާފައި މަންޝާ ނުކުތްތަން އޭނާއަށް ފެނުނެވެ. ފޯނު ތިރިކޮށްލާފައި ހީލަމުން އޭނާ މަންޝާގެ ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
"ހިނގާ އެތެރެއަށް. އަހަރެން މަޑުކުރާނަން މަންގެ މަންމަ އަންނަންދެން" ނަޒާން ބުންޏެވެ.
"ނޫން. ނަވާލްގެ ދޮންބެ ދެން ދޭ" މަންޝާ ބުންޏެވެ. އޭނާ ހުރިތަނުން ހިރިވެސްނުލިއެވެ.
"ހެހެހެ... ނަވާލްގެ ދޮންބެ ދިޔަތާ ކިހާއިރެއް. އެކަމަކު ނަޒާން ނުދާނެ. އާދެބަލަ އެތެރެއަށް. ހާދަ ބިރެކޭ ދޯ. އަހަރެން މިއީ ހަފައި ކާއެއްޗެއް ނޫނޭ"
"އެހެންވެއެއް ނޫނޭ" މަންޝާ ބުންޏެވެ.
"ދެން...؟ އޯވް އެނގިއްޖެ. އަމިއްލަ ނަފްސަށް އިތުބާރެއް ނެތީ ދޯ. އަހަރެން ދެކެ ލޯބިވެވެނީ ދޯ. އަހަރެންނަށް އެނގޭ އޭރުވެސް މަންއަށް އަހަރެން ދެކެ ލޯބިވެވޭނެކަން" ނަޒާން ބުންޏެވެ. މަންޝާ ދެލޯބޮޑުވެފައި ހުއްޓެވެ. ނަޒާން މިއީ ވަރެއްގެ މީހެކެވެ. އޭނާ އެތެރެއަށް ނުވަންނަން އުޅުނު ސަބަބު މާނަކުރި ގޮތް އެހެރީއެވެ.
އެންމެފަހުން މަންޝާ އެތެރެއަށް ވަނެވެ. އޭނާ ބަދިގެއާ ދިމާލަށް ދިޔައީ ނަޒާންގެ ކުރީގައި ހުރެއެވެ. ނަޒާން ފަހުން ބުނި ސުވާލަށް އެއްވެސް ޖަވާބެއްނުދީއެވެ. ގޮނޑީގައި އިށީނދެފައި ތަށި ތެރެއިން އިން ޕުޑިންކޮޅު ކާލިއެވެ. ނަޒާން އޭނާގެ ކުރިމަތީގައި އިށީނދެގެން އިނެވެ.
"ދެން ބުނެބަލަ ކީއްކުރަންވެގެން ތިއައީ؟" މަންޝާ ބުންޏެވެ.
"ބުންޏަކަސް ގަބޫލެއްނުކުރާނެ" ނަޒާން ބުންޏެވެ.
"ތިއީ އަހަރެން ގަބޫލުތޯ ނޫނީ ގަބޫލުނޫންތޯ އަހާފަ އެއްޗެހި ބުނާ މީހެއްތަ؟ ހަމަ ބުނަނީނު....؟ ޕުޑިން ކާނަންތަ؟"
ނަޒާން ބަހެއް ނުބުނެ ހިނި އައިސް ބަލަހައްޓައިގެން އިނުމުން މަންޝާ ތެދުވިއެވެ. ކުޑަ ތައްޓެއް ހިފައިގެން އައިސް ޕުޑިންކޮޅެއް ނަޒާނަށް ދިއްކޮށްލިއެވެ. ނަޒާން އެތަށީގައި ހިފިއެވެ.
"އަހަރެންނަށް ހާދަ ހިތްހަމަޖެހުން ލިބެޔޭ މަން ކައިރީގަ މިހެން އިނދެވުނީމަ. އަދި ބަލައިލަބަލަ ހާދަ ފްރީކޮށޭ މިގެ މިއޮތީ. އަހަރެން ބައްދާލަންތަ؟"
އަނގައަށްލީ ކާއެތިކޮޅު މަންޝާއަށް ދިރުވާލަން ޖެހުނީ ގަދަކަމުންނެވެ. ފާޅުގައި އެފަދަ ކަމަކަށް ނަޒާން އެދުނީ ފުރަތަމަ ފަހަރަށެވެ. މަންޝާ ހީކުރީ ދުލުން ބަސް ބޭރުވުމާއެކު ނަޒާން އަމަލުކުރާނެ ކަމަށެވެ.
"ސޮރީ... އެއީ މަޖާ...." މަންޝާ އިންގޮތުން ނަޒާން ބުންޏެވެ.
"ދެން ދޭ. އަހަރެން ޕެކްކުރަންވެސް ދާންޖެހޭ އަދި. މަންމަ އަންނައިރު މިތަނުގަ ނަވާލްގެ ދޮންބެ އިނީމަ ކަމަކުނުދާނެ. މަންމަ ސުވާލުކުރާނެ"
"އަނެއްކާވެސް.... ނަވާލްގެ ދޮންބެއެއް ނާދޭ މިގެއަކަށް. ނަޒާން މިއީ. އެހެން ކިޔާބަލަ. ކީއްވެތަ އެހާ ވަރަށް ނަވާލްގެ ނަން ތިކިޔަނީ. އަނެއްކާ ނަވާލްތަ ކަމުދަނީ؟"
ނަޒާން ބުނި އެއްޗެއް ބުނީ ސަމާސާއަކަށެވެ. އެހެންނަމަވެސް މަންޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ނަޒާނާ ކުރިމަތިލާން އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށް އޭނާގެ ހަރަކާތްތައް ހުއްޓެވެ.
"ގޮސް ނަވާލް ކައިރީގަ އަހާބަލަ" މަންޝާ ބުންޏެވެ.
"ރުޅި އައީތަ؟ އަހަރެން މިރޭ ދާނީ މަން އެންމެ ފަހަރަކުވެސް ނަޒާންއޭ ކިޔާފަ އަހަރެންނަށް ގޮވާލީމަ" ނަޒާން ބުންޏެވެ.
މަންޝާ ބަހެއް ނުބުނެ ތަށި ހިފައިގެން ޒިންކާ ދިމާލަށް ދާން އުޅުނެވެ. ފަހަތުން ގޮސް އޭނާގެ އަތުގައި ނަޒާން ހިފެހެއްޓިއެވެ. އެފަދަ އަމަލެއް ނަޒާންގެ ފަރާތުން ނުފެންނަހާ ހިނދެއްގައި މަންޝާ އެއްވެސްކަމެއް ނުކުރެއެވެ.
"ދޫކޮށްލާ.... ނަ....ޒާ....ން" މަންޝާ ބުންޏެވެ.
************
މިހާދުގެ އާއިލާ އިން ނިންމީ ފަހު ރޯދައިގެ މެންދުރުފަހު ފުރުމަށެވެ. އެދުވަހުން ފެށިގެން މިހާދުގެ ޗުއްޓީ ހަތްދުވަހުގެ މުއްދަތަށް ހަމަޖެހުނެވެ. ޒަރޫކާއި މަންޝާއަށް ވެސް އެދުވަސްތަކަކީ ބަންދު ދުވަސްތަކެކެވެ. ދިލްޝާދު ބޭނުންވީ މާޝިތާގެ އާއިލާވެސް އެކުގައި ދާށެވެ. އެހެންނަމަވެސް މާޝިތާއާއި އާމިރަށް ދެވޭގޮތެއް ނުވިއެވެ. ފިހާރައިގެ ކަންތައްތައް ހުރިގޮތުން އާމިރަށް ދެވެން ނެތީއެވެ. މާޝިތާ ނުދާން ނިންމީ އާމިރަށް ނުދެވޭތީއެވެ. އެހެންނަމަވެސް ދަރިން ފޮނުވަން ދެމަފިރިން ބޭނުންވިއެވެ. އެއީ ދިލްޝާދުގެ ދެމަފިރިން ހިތްބުރަކޮށްފާނެ ކަމަށްޓަކައެވެ.
"ދަރިފުޅުމެންގެ ހުރިހާ ކަމެއް ދިލްޝާދު ބަލަހައްޓައިދޭނެ. ތިކުދިންގެ ފަރާތުން ދިލްޝާދުގެ ދެމަފިރިން ހިތްހަމަނުޖެހޭވަރުގެ ކަމެއްވިޔަ ނުދެއްޗޭ. މަންމަގެ ދަރިންނަށް މަންމަ ވަރަށް އިތުބާރުކުރަން" މާޝިތާ ވާހަކަދެއްކިއެވެ.
"ދެން މަންމަވެސް ހިނގާބަލަ" ނާޔާ ބުންޏެވެ.
މާޝިތާއަށް ހެވުނެވެ. މަންމައާ ނުލައި ވަކި ތަނެއްގައި ދިރިއުޅެން އެންމެ އުނދަގުވާނީ ހަގުދަރިފުޅަށްކަން މާޝިތާއަށް އެނގެއެވެ.
"ބައްޕައަކީ ވަކި ގޮތަކަށް ކައްކައިގެން ކާންޖެހޭ މީހެއްކަން ދަރިފުޅުމެންނަށް އެނގެއެއްނު. ބައްޕަ އެކަނި މިތާ ބަހައްޓާފަ ފުރައިގެން މަންމަ ދިޔައިމަ ކާކު ބައްޕަގެ ކެއުމުގެ ކަންކަން ބަލަހައްޓާނީ" މާޝިތާ ބުންޏެވެ.
"އެހެންނޫނަސް ހުރިހާ މީހުން ފުރީމަ އަހަރެން އެކަނި މިގޭގަ ނުހުންނާނަން. އަހަރެން ހަންޑި ކާލައިފިއްޔާ އޯ" އާމިރު ބުންޏެވެ. އޭނާގެ އެ ސަމާސާއިން ހުރިހާ ދަރީންނަށް ހެވުނެވެ.
*******
ގަޑިން 12:30 ވީއިރުވެސް ތިއާއަށް ނިދޭގޮތެއް ނުވިއެވެ. ފޮށްޓަށް އެއްޗެހި އަޅާފައި އޭނާ ނިދަން އެރިއިރު ނަވާލް ދެލޯ މަރައިގެން އޮތުމުން އޭނާ ހީކުރީ ނަވާލަށް ނިދުނީ ކަމަށެވެ. ލައިޓްގެ އަލިފަނޑުކޮށްލާފައި އޭނާވެސް އެނދަށް އެރީ ނިދާލުމަށެވެ. އެހެންނަމަވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ޒަރޫކް އެ ދަތުރުގައި ބައިވެރިވާއިރު އެއީ އޭނާއަށް އުފާވެރި ދަތުރަކަށް ނުވާނެކަން ކަށަވަރެވެ. ޒަރޫކްގެ ނިޔަތް ރަނގަޅު ނޫންކަން އޭނާއަށް އެނގިއްޖެއެވެ. އެ އިންސާނާ އަކީ ހިމޭނުން ނުހުންނާނޭ މީހެއްކަންވެސް އޭނާއަށް އެނގެއެވެ. އެކުގައި އުޅެފައި ދަތްއަޅާނެ އިރެއްވެސް ނޭނގެއެވެ.
ނަވާލް ބަލައިލީ ތިއާ މާގިނައިން ފުރޮޅޭތީއެވެ. އޭނާ ތިއާއަށް ގޮވާލިއެވެ.
"ކީއްތިކުރަނީ؟ ދެފަރާތަށް ތި ފުރޮޅެނީ ކީއްވެ؟" ނަވާލް ބުންޏެވެ. އޭނާ ތިއާ އޮތް ދިމާލަށް އެނބުރިލުމަށްފަހު ތިއާގެ ގައިމަތިން އަތް ގެންގޮސް ތިއާ އޭނާއާ ގާތަށް ޖައްސާލިއެވެ.
"އަހަރެން ދާހިތެއް ނުވޭ. ނަވާލް ދާހިތްވޭތަ؟" ތިއާ ބުންޏެވެ.
"ދާހިތްވޭ. އަހަރެމެން މެރީކޮށްގެން އެއްވެސް ތަނަކަށް ނުދަމެއްނު" ނަވާލް ބުންޏެވެ.
"އަހަރެމެން ދެމީހުން އެކަނި ދާނަމަ އޯކޭ. އެކަމަކު..." ތިއާ ބުންޏެވެ.
"ތިއާ ދާހިތް ނުވަންޏާ އޯކޭ ނުދިޔަސް. ކޮންމެހެން މަޖުބޫރެއްނޫނެއްނު" ނަވާލް ބުންޏެވެ.
"ނޫން. އޭރުން ކަމަކުނުދާނެ. މަންމަވެސް ބޮޑު މަންމަވެސް ދެރަވާނެ. އެހެން ނޫނަސް ނާއްކޮވެސް ހުރީ ވަރަށް ދާހިތުން. ދޮންބެވެސް ހުރީ ދާހިތުން މޮޔަވެފަ. އަހަރެން ފަނި ހަދާކަށް ބޭނުމެއް ނޫން" ތިއާ ބުންޏެވެ.
"ދެން މިދަތުރުގައި ދާނީ ދޯ. އަހަރެން ތިއާ އެކަނި ދޫކޮށެއް ނުލާނަން އެންމެ ވަގުތުކޮޅަކަށްވެސް" ނަވާލް ބުންޏެވެ. އޭނާ ހިތްހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
(ނުނިމޭ)